އުޅަނދުފަހަރާ ގުޅޭ މަސައްކަތްތައް ކުރި، މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ތަކެތި، މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމާ ގުޅޭ އެންމެހައި ކަންކަން ރާވައި ހިންގުމަށް ކަނޑައަޅާފައިވާ، ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަށް ބަދަލުކުރަންޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ.

ގާނޫނަށް މި އިސްލާހުތައް ގެންނަން މަޖިލީހަށް ފޮނުވި ބިލުގެ ފުރަތަމަ ކިޔުން ކިޔުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

މި ބިލުގައިވާގޮތުން ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ މަސްއޫލިއްޔަތުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަން ކުރަމުންދާ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި، އެ މަސައްކަތްތައް ކުރުމަށް ބޭނުންކުރަމުންދާ ވަސީލަތްތަކާއި ތަކެތި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަށް ބަދަލުކުރަންވާނެއެވެ.

މާލޭ ސިޓީ ކައުންސިލުގައި އެ މަސްއޫލިއްޔަތުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަން ކުރަމުންދާ ސިޓީ ކައުންސިލްގެ މުވައްޒަފުން ދެނެގަނެ އެ އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ބަދަލުކުރާނެ މުވައްޒަފުން ކަނޑައެޅުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލާއި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ކުރަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އެ އޮފީހަށް އެ މުވައްޒަފުން ބަދަލުކުރަންވާނީ، ސިޓީ ކައުންސިލްގައި އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގެ ވަޒީފާއަކަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި މި ބިލުގައިވާގޮތުން ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ މަސްއޫލިއްޔަތުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ބޭނުންކުރަމުންދާ ވަސީލަތްތަކާއި ތަކެތި ދެނެގަނެ އެ އޮފީހުގެ މަސައްކަތްތައް ކުރުމަށްޓަކައި، ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާ ހަވާލުކުރާނެ ވަޒީލަތްތަކާއި ތަކެތި ކަނޑައެޅުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި މޮބިލިޓީ އޮފީސް ގުޅިގެން ކުރަންވާނެ ކަމަށްވެސް ބިލުގައިވެއެވެ.