"ކޮވިޑު-19އިގެ އުސޫލުތަކަށް ތަބާވާން އަހަރެން ވައުދުވަން. ހުރިހާ އެންމެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައްޗޭ!" މިއީ ކޮވިޑު ޖެހިގެން ރޭ މަރުވި ކުޑަ ކުޑަ މިޝްކާ އޭނާގެ ލިޓްލް މެއިޑް ޔުނީފޯނުގައި ހުރެ ވީ ވައުދެކެވެ.

މިޝްކާގެ އެ ވައުދު އޭނާ ފުއްދައިފި އެވެ. މިޝްކާ ބުނި ފަދައިން ފަރުދީ ޒިންމާ އޭނާ އަދާ ކުރި އެވެ. ފަހު ވަގުތާ ޖެހެންދެންވެސް، ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އޭނާ ބޯ ލެނބި އެވެ. ހާލު ސީރިއަސް ވީ ކޮވިޑަށް ޕޮޒިޓިވް ވިތާ ހަތްވަނަ ވީ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. އެހައިތަނަށް ވެސް މިޝްކާ ހުރީ ކޮވިޑުގެ އުސޫލުތަކަށް ފުރިހަމައަށް ބޯ ލަނބައިގެންނެވެ.

ރޭގަނޑު ނުވައެއް ޖަހަން އުޅެނިކޮށް އާއިލާއިން މިޝްކާގެ ހާލު ގޯސްވެގެން އެޗްޕީއޭގެ ސަމާލުކަމަށް އެކަން ގެނަ އެވެ. ކުޑަ ކުޑަ މިޝްކާ ނޭވާލާން އުދަނގޫ ވެ ވީ އެންމެ އަވަހަކަށް އެމްބިއުލާންސް ފޮނުވައިދިނުމަށް އެދުނެވެ. އެތައް އިރެއް ވީ އިރުވެސް އެމްބިއުލާންސްގެ ހިލަމެއް ނުވި އެވެ. އާއިލާއިން ހުއްޓާނުލައި އެޗްޕީއޭ އަށް ގުޅި ނަމަވެސް އެމްބިއުލާންސަށް އެގެއާ ހަމަޔަށް ދެވުނު އިރު މިޝްކާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނޭވާ ލާން އުދަނގޫ ވުމުގެ ސަބަބުން ހޭނެތިގެން ވެއްޓި ނޭފަތުންނާއި އަނގައިން ލޭ އަންނަމުން ދިޔައެވެ.

ހޮސްޕިޓަލަށް ގެންދެވުނު އިރު މިޝްކާ އަށް ވަނީ ހާޓްއެޓޭކެއްވެސް ޖެހިފަ އެވެ. އެތެރެހައްޓަށް ލޭއެޅި ފުރާނައަށް ވަނީ ނުރައްކާވެފަ އެވެ. ވަގުތުން ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭން ފެށި ނަމަވެސް އެއިރު ވަނީ ވަގުތު ފާއިތު ވެފަ އެވެ.

މިޝްކާ އަކީ ލިޓްލް މެއިޑެކެވެ. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މިޝްކާވީ ވައުދު އޭނާ ފުއްދި އެވެ. އެ ވައުދާ އެއްގޮތަށް އަމަލު ކުރި އެވެ.

މިޝްކާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ 12:10ގަ އެވެ. މިއީ ރާއްޖެއިން މިބަލީގައި މަރުވި އެންމެ އުމުރުން ހަނގު ކުއްޖާއެވެ. މިޝްކާގެ ވަކިވުމާއެކު މުޅި ގައުމަށް ވަނީ ޝޮކެއް ލިބިފަ އެވެ. އެ މައުސޫމު ތުއްތު ފުރާނައަށްޓަކައި ކޮށްފައިވާ އަދި މިހާރުވެސް ކުރަމުން އަންނަ ހެޔޮ ދުއާތަކުން މުޅި ސޯޝަލް މީޑިއާ ވަނީ ފުރިފައެވެ.

މިޝްކާގެ މަންމަގެ ގާތް މީހަކު އޭނާގެ ފޭސްބުކްގައި ލިޔެފައިވަނީ މިއަދު މިޝްކާގެ މަންމަ އާއި ފޯނުން ގުޅައި ވާހަކަ ދެއްކި ކަމަށެވެ. އެ މައިމީހާގެ ހިތް ކުދިކުދި ވެފައި ވީ ނަމަވެސް، ހުރިހާ އެންމެންގެ ކިބައިންވެސް އެދެނީ ކުޑަ ކުޑަ މިޝްކާއަށް ހެޔޮ ދުއާ ކޮށްދިނުމަށް ކަމަށް މިޝްކާގެ މަންމަގެ ރަހުމަތްތެރިޔާ ބުނެފައިވެއެވެ.

"އެއީ ހިތްވަރުގަދަ މަންމައެކެވެ. މައެއްގެ ހިތަށް ކެތް ނުވާނެ، ލޯ ކުރިމަތީގައި ދަރިއަކަށް ކުޑަ ކުޑަ އަނިޔާއެއްވެސް ލިބެން. ދެން ކިހިނެއްތޯ އެ ހިތަށް ކެތްވާނީ މުޅި އުމުރަށް ވަކިވެގެންދާއިރު. ފަހު ފަހަރަށް ބައްދާލައި ބޮސްދީ ހަދަން ކިތަންމެހާވެސް ބޭނުންވި. އެކަމަކު އުސޫލުތަކާ ހެދި ޖަމާއަތްތެރިން އެކަމަށް ފުރުސަތެއް ނުދިން. މިޝްކާގެ މަންމަ އެދެނީ ހެޔޮ ދުއާ ކޮށްދިނުން. އެންމެންގެ ދުއާގައިވެސް މިޝްކާ ޝާމިލު ކޮށްދިނުން. ފޯނު ބާއްވަމުން ބުނި އެއްވެސް މީހަކު މިޝްކާ ވަކިވުމުން ނުރޮއްޗޭ. ހިތަވްރުކޮށް ހެޔޮ ދުއާ ކުރާށޭ." މިޝްކާގެ މަންމަ އާއި ގާތް ގުޅުމެއް އޮންނަ އެ މީހާ ފޭސްބުކުގައި ބުނެފައިވެ އެވެ.

މިޝްކާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައިއިރުވެސް އެ މަންމަ އާއި ބައްޕަ އުއްމީދު ކަނޑައެއް ނުލަ އެވެ. މިޝްކާ ރަނގަޅުވެގެން އެނބުރި ގެއަށް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރި އެވެ. ދާވެފައި ހުރި މިޝްކާގެ އަންނައުނުތައް ދޮވެ، މިޝްކާގެ އެންމެ ފޭވަރިޓް ޓޮޕްކޮޅު ނަގައިގެން ހޮސްޕިޓަލުން ގެއަށް ދޫކޮށްލުމުން ފުރަތަމަ ލައްވާނީ އެ ޓޮޕްކޮޅު ކަމަށް ބުނި ކަމަށް އާއިލާގެ މީހަކު ސޯޝަލް މީޑިއާގައި ވަނީ ބުނެފަ އެވެ.

ވާނީވެސް އެހެންނެވެ. ހުރި ހަމައެކަނި ދަރިފުޅު ދުނިޔެއަށް އެންމެ ނޭވާއެއްވެސް ލާހާ ހިނދެއްގައި އުއްމީދު ކަނޑައެއް ނުލެވޭނެ އެވެ. މިޝްކާ އަކީ އުފެދުމުގައިވެސް ހާއްސަކަމެއް ހުރި ކުއްޖެކެވެ. އެހެން ކަަމުން އާއިލާގެ ހުރިހާ މެންބަރުންނަށްވެސް މިޝްކާ ހާއްސަ އެވެ. އެއީ އާއިލާގެ އެންމެން އެންމެ ލޯބިވާ ދޫންޏެވެ.

މިޝްކާ އަށް ކިޔަވައިދެއްވާ ޓިޗަރުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަނީ، މިޝްކާ އަކީ ހުރިހާ ޓިޗަރުންނަށްވެސް އުފާވެރިކަން ގެނުވައިދޭ މޮޅު ދަރިވަރެއް ކަމަށެވެ. ވަރަށް ހުނަރުވެރި ކުއްޖެއް ކަމަށާއި އަބަދުވެސް މިޝްކާ މަތިން ހަނދާންވާނެ ކަމަށް ޓީޗަރުން ވަނީ ވިދާޅުވެފަ އެވެ.

"މިޝްކާ މަތިން ވަރަށް ހަނދާންވާނެ މިސްމެން. ކޮންމެ ސެޝަނެއް ނިންމާލާފަ މިޝްކާ ބުނާނެ މިސް ދެކެ ވަރަށް ލޯބިވޭ. ދެން އެހެން ބުނާ އަޑެއްވެސް ނީވޭނެ. މިސްމެންވެސް ވަރަށް ލޯބިވޭ މިޝްކާ ދެކެ. މިސްދެކެ ލޯބިވާ ވާހަކަ އަބަދުވެސް ބުނާތީ އެ އަޑު ކަންފަތުގަ އަބަދުވެސް ހަރުލާފަ ހުންނާނެ. ގަބޫލު ކުރަންވެސް ދަތި މިސްމެން އެންމެން ރޮއްވާލާފަ މިޝްކާ ވަކިވެގެން ދިޔަކަން." މިޝްކާގެ ކުލާސް ޓިޗަރަކު އޭނާގެ ފޭސްބުކުގައި ލިޔެފައިވެ އެވެ.

މިޝްކާ އަކީ ހުރިހާ ގޮތަކުންވެސް ހާއްސަ ކުއްޖެއްކަން، އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލްވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. ޕްރިންސިޕަލްގެ ފޭސްބުކުގައި އޭނާ ވިދާޅުވީ މިޝްކާ އަބަދުވެސް ފެންނަނީ ހިނިތުންވުމާއެކު ކަމަށާއި އެއީ ވަރަށް ހުނަރުވެރި މޮޅު ދަރިވަރެއް ކަމަށެވެ. އަދި އަބަދުވެސް މިޝްކާގެ ނަން ހިތުގައި އޮންނާނެ ކަމަށް ވިދާޅުވި އެވެ.

މިޝްކާއަކީ ހުރިހާ ގޮތަކުންވެސް ނަމޫނާ ކުއްޖެކެވެ. ކިޔަމަންތެރި ކުއްޖެކެވެ. ބަސްއަހައި ގަވައިއުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން އުޅުނު ކުއްޖެކެވެ. މިޝްކާގެ ހާލަތު އެންމެ ގޯސްވި ވަގުތާއި ހަމަޔަށްވެސް ހުރީ ކޮވިޑުގެ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ގޭގަ އެވެ. އެހެން ނަމަވެސް ފަހު ވަގުތު ހޮސްޕިޓަލަށް ގެންދެވޭނެ ގޮތެއް ނެތި ނޭވާ ހޮޅިއަށް އެޅުނު ވަގުތު މިޝްކާ އާއި އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ވަގުތާ ދެމެދަށް ހުރަހަކަށްވި އެމްބިއުލަންސްގެ މައްސަލަވެސް ގުޅިފައި އޮތީ ކޮވިޑުގެ ހަރުކަށި ގަވައިދުތަކާ އެވެ.