އެމެރިކާގެ މިޑްޓާރމް އިލެކްޝަނުގައި މިހަފުތާގެ އަންގާރަ ދުވަހު ރައްޔިތުން ވޯޓުލައިފިއެވެ. ނަތީޖާގެ ބޮޑުބައި މިހާރުވަނީ ސާފުވެފައެވެ. ރައީސް ޓްރަމްޕާއި އޭނާގެ ރިޕަބްލިކަން ޕާޓީ ބަލިވީއެވެ. ބޮޑުތަނުންނެވެ. މިހިސާބުން އުފެދޭ ސުވާލަކީ ދެންވާނީ ކިހިނެއްހެއްޔެވެ. ރައްޔިތުން ނޫނެކޭ ބުނީމާ ޓްރަމްޕަށް ވެރިކަމުގައި ދެމިހުރެވޭނެ ހެއްޔެވެ. މިސުވާލުގެ ޖަވާބަށް ދިއުމުގެ ކުރިން ބަލައިލަން ޖެހެނީ މިޑްޓާރމް އިލެކްޝަނަކީ ކޮބައިކަމެވެ. މިޑްޓާރމް އިލެކްޝަނަކީ އެމެރިކާގެ ހަތަރު އަހަރުގެ ރިޔާސީ ދައުރުގެ މެދުތެރެއިން ބާއްވާ ވަރަށް މުހިންމު އިންތިޚާބެކެވެ. މުހިންމުވާ ސަބަބަކީ އެވަގުތަކު ވެރިކަމުގައި ހުންނަ މީހާޔާއި އޭނާގެ ޕާޓީއަށް ރައްޔިތުން ތިބީ ރުހިގެންތޯ ނުވަތަ ނޫންތޯ ނިންމުމުގެ ރިފަރެންޑަމަކަށް މި އިންތިޚާބު ވާތީއެވެ. މި އިންތިޚާބުގައި އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ހުރިހާ ގޮނޑިއަކަށް މެންބަރުން އިންތިޚާބު ކުރެވެއެވެ.
އެއީ ޖުމްލަ 435 ގޮނޑިއެވެ. އެތަނުގެ ސާފު އަޣުލަބިއްޔަތަކީ 218 ގޮނޑިއެވެ. އެއަދަދު ފަހަނަޅައި އިދިކޮޅު ޑިމޮކްރެޓުން މާމައްޗަށްވެސް މިހާރު އަރައިފިއެވެ. އަންދާޒާ ކުރެވޭގޮތުން މަދުވެގެން 255 ގޮނޑި އެމީހުން ކޮންޓްރޯލް ކުރާނެއެވެ. ގާނޫނުހަދާ މަޖިލީހުގެ މަތީގެ ނުވަތަ ސެނެޓުގެ ޖުމްލަ ސަތޭކަ ގޮނޑީގެ ތެރެއިން މިޑްޓާރމް އިލެކްޝަނުގައި މެންބަރުން ހޮވަނީ 34 ގޮނޑިއަށެވެ. ސެނެޓުގެ ސާފު މެޖޯރިޓީއަކީ 51 ގޮނޑިއެވެ. މިހާރުވެސް އިދިކޮޅު ޑިމޮކްރެޓުންނަށް އެވަނީ 54 ގޮނޑި ލިބިފައެވެ. ނަތީޖާ ސާފުވެ ނިމޭއިރު 56 ގޮނޑިއަށް އަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އެހެންވީމާ ގާނޫނުހަދާ މަޖިލީހުގެ ދެގޭގެ ކޮންޓްރޯލްވެސް ޑިމޮކްރެޓުން އެވަނީ ނަގައިފައެވެ. މިޑްޓާރމް އިލެކްޝަނުގައި ރައްޔިތުން ދެން ވޯޓުލަނީ އެމެރިކާގެ ފަންސާސް ސްޓޭޓްގެ ތެރެއިން 36 ސްޓޭޓްގެ ގަވަރުނަރުކަމަށް ބޭފުޅުން ހޮވުމަށެވެ. މިހާރުވެސް ޑިމޮކްރެޓުން އެތިބީ 28 ސްޓޭޓްގެ ކޮންޓްރޯލް ނަގައިގެންނެވެ. އެހެންވީމާ ރައްޔިތުންގެ ނިންމުން އެއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ.
ރައްޔިތުން އެބުނީ ޓްރަމްޕާއި އޭނާގެ ސިޔާސަތަށް ނޫނެކޭއެވެ. ލަދެއް ހަޔާތެއް، އުސޫލެއްހުރި މީހެއްނަމަ އިސްތިއުފާ ދީފައި ގެއަށް ދިއުމުގެ ވަގުތެކެވެ. އެކަމަކު ޓްރަމްޕަކީ އެކަހަލަ ޑިމޮކްރަޓިކް ސިފަތަކަކާއި އަޚުލާގެެއް ލިބިފައިވާ މީހެއް ނޫނެވެ. މަގާމުން ވަކިކޮށްފައި ގެޔަށް ފޮނުވައިނުލަނީސް ވައިޓްހައުސްއޭ އެކިޔާ ކިއްލާއިން އޭނާ ބޭރެއް ނުވާނެއެވެ. އެކަން ކަށަވަރެވެ. ރައީސްކަމުގައި ހުންނަ މީހަކާމެދު ތަހުގީގު ހިންގައި މަގާމުން ވަކިކޮށް ގެއަށް ފޮނުވައިލުމުގެ ބާރު އޮންނަނީ ގާނޫނުހަދާ މަޖިލީހަށެވެ. އެމަޖިލީހުގައި ޓްރަމްޕުގެ ބާރު ކެނޑުނީމާ ދެން އެހިސާބަށް ނުދާނެކަމަށް ބަލައިގެންވެސް ނުވާނެއެވެ. ޓްރަމްޕަށް ރައްޔިތުން ނޫނެކޭ ބުނީމާ އެބުނުން ހިތްތިރިކަމާއެކު ޓްރަމްޕު ބަލައިގެންފި ބާވައެވެ. ނޫނެކެވެ. ބަލައެއް ނުގަތެވެ. ބުންޏެވެ. މިއީ ވޯޓުކަރުދާސްކޮޅުގައި އަހަރެންގެ ނަން ނެތީމާ ވީގޮތެކެވެ. ރިޕަބްލިކަން ޕާޓީގެ ޓިކެޓްގައި ވާދަކުރި ގިނަ މީހުންނަކީ އަހަރެންގެ މިތުރުންނެެއްވެސް ނޫނެވެ.
އެހެންވެ ރައްޔިތުން ވޯޓު ނުދިނީކަމަށް ބުންޏެވެ. މަޖިލީހުގެ ކޮންޓްރޯލް އިދިކޮޅު ޑިމޮކްރެޓުން ނެގިޔަސް އަދިވެސް ހަގީގީ ބާރުއޮތީ މަގޭ އަތުގައޭވެސް ބުންޏެވެ. އަދިވެސް ބުންޏެވެ. މަޖިލީހުން ފާސްކުރާ ހުރިހާ ބިލެއް އަހަރެން ވީޓޯ ކުރާނަމެވެ. އެގޮތްވާން ޑިމޮކްރެޓުންވެސް ބޭނުމެއް ނުވާނެއެވެ. އެހެންވީމާ އަހަރެންނާ ގުޅިގެން ޑިމޮކްރެޓުން ކުރިއަށްދާން ބޭނުމިއްޔާ އެފުރުސަތު ދޭނަމެވެ. ހުރިހާވެސް ބާރަކީ ވީޓޯގެ ބާރޭ، އެބާރު އޮތީ ތިމަންނާގެ އަތުގައޭ ޓްރަމްޕު ބުނާއިރު އެ ވީޓޯ ކެންސަލް ކުރުމުގެ ބާރު އޮތީވެސް ގާނޫނުހަދާ މަޖިލީހަށެވެ. އެކަމަށް ބޭނުންވަނީ ތިރީގެޔާއި މަތީގޭގެ ސުޕަރ މެޖޯރިޓީއެވެ. ތިރީގޭގައި 290 ވޯޓެވެ. މަތީގޭގައި 67 ވޯޓެވެ. ސުޕަރ މެޖޯރިޓީއަކަށް ވާވަރުގެ ކޮންޓްރޯލެއް ޑިމޮކްރެޓުންނަށް މިފަހަރަކު ނުލިބެއެވެ. ޓްރަމްޕުގެ ވީޓޯ ކެންސަލް ކުރެވޭނީ ރިޕަބްލިކަނުންގެ ތެރެއިންވެސް ބައެއް މެންބަރުންގެ ވޯޓާއެކުގައެވެ. އަދަދުތައް ހަމަކުރެވޭ ވަރަށް ރިޕަބްލިކަނުންގެ ތެރެއިން ޓްރަމްޕަށް ނޫނެކޭ ބުނަން ތައްޔާރަށް ތިބި މެންބަރުންވެސް އެބަފެނެއެވެ.
ގާނޫނުހަދާ މަޖިލީހުގެ ދެގޭގެ ކޮންޓްރޯލް ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީއަށް ގެެއްލުނީމާ ޓްރަމްޕު ބޭނުންވާހައި ބިލެއް ފާހެއް ނުކުރެވޭނެއެވެ. ޓްރަމްޕު ބޭނުންވާހައި ބަޔަކަށް މަގާމުތަކެއް ނުދެވޭނެއެވެ. ބޭނުންވާހައި ބަޔަކާ ދެކޮޅަށް ހަގުރާމައެއްވެސް ނުކުރެވޭނެއެވެ. އެގޮތުން ޓްރަމްޕު އެހެރީ މިހާރުވެސް ފިޔަކޮށައިލެވިފައެވެ. ބޮޑު މަންޒަރު ސާފުވާނީ ޑިމޮކްރެޓުންގެ ފުރަތަމަ ސަތޭކަ ދުވަހުގެ ލެޖިސްލޭޓިވް އެޖެންޑާ ތަންފީޒު ކުރަން ފެށުމުންނެވެ. އޭގެތެރޭގައި ޓްރަމްޕާއި އޭނާގެ އާއިލާގެ މެންބަރުން ޣައިރުގާނޫނީ ގޮތުން ހޯދާފައިވާ މުއްސަނދިކަން ތަހުގީގު ކުރުމާއި ޓްރަމްޕުގެ ޣައިރުގާނޫނީ ނިންމުންތައް ތަހުގީގު ކުރުމާއި ޓްރަމްޕު އިއުލާނުކޮށްފައިވާ ޓެރިފްތައް އުވައިލުން ހިމެނެއެވެ. އަދި އީރާނާ ދެކޮޅު ހަގުރާމައަށް ނިމުން ގެނައުންވެސް ހިމެނެއެވެ. މިކަންކަން ހިނގައިގަތީމާ ދެން ޓްރަމްޕަކަށް ހިމޭނުން ނުހުރެވޭނެއެވެ. އޭނާ އެކިޔާ ވީޓޯ ބަރިބަރިޔަށް އުކަން ފަށައިފާނެއެވެ.
އެހިސާބުން ދެން މީނާ ވެރިކަމުގައި ބަހައްޓައިގެން ފަރުޖެއްސެން ނެތްކަމަށް ނިންމައި މަގާމުން ވަކިކުރަން މަޖުބޫރު ވެދާނެއެވެ. އެބާރުއޮތީ ކުރިންވެސް ބަޔާންކުރެވުނު ފަދައިން ގާނޫނުހަދާ މަޖިލީހަށް ކަމުގައިވާތީއެވެ. މަތީގައި ބަޔާން ކުރެވުނު ކަންކަމުގެ ތެރެއިންވެސް ޓްރަމްޕު އެންމެ ކަންބޮޑުވަނީ އީރާނުގެ ހަގުރާމަ ހުއްޓާލަން ޖެހިދާނެތީއެވެ. ކަންބޮޑުވާކަން އެނގެނީ ދައްކާ ވާހަކަތަކުންނެވެ. މަޖިލީހުގެ ކޮންޓްރޯލް ގެެއްލިއްޖެކަން އެނގުނީމާ ބުންޏެވެ. އީރާނުގެ ހަގުރާމަ ހުއްޓޭނީ އަހަރެން ބުނީމައެވެ. އަހަރެން ނުބުނާހާ ހިނދަކު ހަގުރާމަ ދާނީ ކުރިއަށެވެ. އެއީ އެހެންބަޔަކަށް ހުއްޓުވޭނެ ކަމެއް ނޫނެވެ. ޓްރަމްޕު އަދި ކޮންމެ އެއްޗެެއް ކިޔަސް އޭނާގެ ފިޔަކޮށައިލީމާ ދެން ދެއްކޭނެ މާބޮޑު ބާރެެއް ނޯންނާނެއެވެ. އޭނާގެ ޖަރީމާތަކުގެ އަނެެއް ބައިވެރިޔާ އިޒްރޭލުގެ ނަތަންޔާހޫވެސް އެހެރީ ބަލިވެފައެވެ. ބަލިވެ ނިކަމެތިވެފައިވާ ދެމީހަކަށް ދެން މާކަގިނަ ފޮނުތަކެއްވެސް ނޭރުވޭނެއެވެ.
އިމާދު ލަތީފު
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް