މުހައްމަދު ޝަމްއޫން - ބަންގްލަދޭޝް، ޑާކާ

މިފަހަރު ސާފް ޗެމްޕިއަންޝިޕުން ފެނިގެންދާ ފާހަގަކޮށްލެވޭ އެއް މޫނަކީ ޕާކިސްތާނުގެ އެސިސްޓެންޓް ކޯޗު، ޓައިޓަސް ބްރަމްބެލްއެވެ. 2000 ގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ބަލަމުންދިޔަ ފަރާތްތަކަށް ބްރަމްބެލްއަކީ އާ މޫނަކަށް ނުވާނެއެވެ. އިޕްސްވިޗް ޓައުންއިލް ފުޓުބޯޅަ ކެރިއަރު ފެށި، އިންގްލެންޑް ޑިފެންޑަރު ބްރަމްބެލް ވަނީ 2002 ވަނަ އަހަރުން 2007 ވަނަ އަހަރަށް ނިއުކާސަލްއަށް 100 އަށްވުރެ ގިނަ މެޗު ކުޅެ ދިީފައެވެ. އޭގެފަހުން ވިގަން އެތުލެޓިކްސްއަށްވެސް 100 އެއްހާ މެޗު ކުޅެ، ބްރަމްބެލް ވަނީ ސަންޑަލޭންޑަށްވެސް ކުޅެފައެވެ.

ޕާކިސްތާނުގައި މިހާރު ހުރި ކޯޗު، ޕްރިމިއާ ލީގު ލެޖެންޑް ނޮލްބާޓޯ ސޮލާނޯގެ އެސިސްޓެންޓަކަށް ބްރަމްބެލް ގެންދިޔައީ ޕާކިސްތާނުން އާސިއާން ކަޕަށް ތައްޔާރުވަމުން ދިޔައިރުއެވެ. އެއީ ރާއްޖޭގައި ކުޅުނު ޑައިމަންޑް ޖުބިލީ މުބާރާތަށްފަހުއެވެ. އިއްޔެ ޕްރީ ޓޯނަމެންޓް ޕްރެސްއަށް ގޮސް، ބްރަމްބެލް ވަނީ އޭނާގެ ތަޖުރިބާއިން ސަރަހައްދީ ފުޓުބޯޅައިގެ މަންޒަރާ ދޭތެރޭ ދެކޭގޮތް "ވަން ސްޕޯޓްސް"އަށް ހިއްސާ ކޮށްފައެވެ.

"މި ސަރަހައްދުގެ ފުޓުބޯޅައަށް އަހަންނަކީ އަދި ވަރަށް އާ މީހެއް. މި ސަރަހައްދުގެ ޓީމަކާއެކު މަސައްކަތް ކުރަން ލިބުމުން އަހަރެން ވަރަށް އުފާކުރަން. މިއީ އަހަންނަށް ވަރަށް ތަފާތު ތަޖުރިބާއެއް،" ބްރަމްބެލް ބުންޏެވެ.

ބްރަމްބެލް ސަންޑަލޭންޑްގެ ޖާޒީގައި --- ފޮޓޯ/ ގެޓީ

މިދިޔަ އަހަރުތަކުގައި ތެރޭގައި ސަރަހައްދީ ގައުމުތަކުގެ ތެރެއިން އެންމެ އުނދަގޫ ހާލަތެއްގައި އޮތް އެއް ގައުމަކީ ޕާކިސްތާނެވެ. 2017 އިން 2025 އާ ދޭތެރޭ އެގައުމުން ފީފާގެ ތިން ސަސްޕެންޝަންތަކެއްގެ ތެރޭގައި އުޅެން ޖެހި، 10 ވަރަކަށް އަހަރު ރަސްމީކޮށް ފުޓުބޯޅައިގެ ކުރިމަގު އޮތީ ބަނަ ކަމެއްގައެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ޕާކިސްތާނުން ފުޓުބޯޅަ މަޑުމަޑުން އަލުން ބިނާކުރަމުން އަންނަ އިރު، ބްރަމްބެލްއަކީވެސް މިހާރު އެކަމުގެ ބައިވެރިއެވެ.

ޕާކިސްތާނުން މިފަހަރު ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި އިންޑިއާއާ ދެކޮޅަށް ކުޅޭ އިރު، ދެން ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭނީ ރާއްޖެއާ ދެކޮޅަށެވެ. ބްރަމްބެލް ވަނީ އެ ދެމެޗާ ގުޅޭ ގޮތުންވެސް ވާހަކަ ދައްކައިފައެވެ.

"ޕާކިސްތާނުން އިންޑިއާއި ޕާކިސްތާނުގެ ވާދަވެރިކަމަކީ ބޮޑު ވާދަވެރިކަމެއް. އެއީ ޑާބީ މެޗެއް. އެއީ އަހަރެމެން ވަރަށް ބޮޑަށް އިންތިޒާރުވެސް ކުރަމުން އަންނަ މެޗެއް. ދެން މިއޮތީ ދިވެހި ރާއްޖެ. ޕާކިސްތާނުން ދާދިފަހުން ރާއްޖޭގައި މުބާރާތެއް ކުޅެފި. އެހެންވީމަ އަހަރެމެންނަށް ރާއްޖެވެސް އެނގޭ. އަހަރެމެން އެމެޗުތަކަށް ބަލައި، ރަނގަޅު ރިސާޗެއްވެސް ހަދައިފިން،" އުމުރުން 45 އަހަރުގެ ބްރަމްބެލް ފާހަގަކުރިއެވެ.

ބްރަމްބެލް ބުނީ މިދިޔަ ދުވަސްތަކުގައި ފުޓުބޯޅައިގެ ކަންކަން ދިޔަ ގޮތަށް ދެން ބަދަލު ނުގެނެވުނު ނަމަވެސް، މިހާރު ޕާކިސްތާން ފުޓުބޯޅަ އޮތީ ރަނގަޅު މިސްރާބެއް ކަމަށެވެ. އެގޮތުން ޕާކިސްތާނުންވެސް އަންނަ އަހަރު އަލުން ރަނގަޅު ލީގެއް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މި ރީޖަންގެ ފުޓުބޯޅައަށް އެންމެ ފައިދާ ބޮޑުވާނީ ލީގުތައް ވަރުގަދަކޮށްގެން ކަމަށްވެސް އޭނާ ބުންޏެވެ.

"ރަނގަޅަށް އަބަދުވެސް ލީގުގައި ކުޅެ، ކޮންމެ ގައުމެއްގައިވެސް އެކަން ރަނގަޅަށް ކުރިއަށް ދިއުން މުހިއްމު. މި ރީޖަންގެ ގައުމީ ޓީމުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެންމެ މުހިއްމު ކަމަކީ ކުޅުންތެރިންނަށް ސަރަހައްދީ ފެންވަރުގައި އަބަދުވެސް ވާދަވެރި މެޗުތަކެއް ލިބުން. އެއީ ލީގު މެޗުތައް ވަރުގަދަވެގެންވާނެ ކަމެއް. ޕާކިސްތާނުންވެސް ތައްޔާރު ވަނީ އަންނަ އަހަރު، 2027 ވަނަ އަހަރު އަލުން ލީގު ފަށަން. އެއީ ގައުމީ ޓީމަށާއި ޕާކިސްތާން ފުޓުބޯޅައަށް އުފާވެރިކަމެއް،" ވިގަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2008-09 ވަނަ އަހަރު ސީޒަނުގައި ހޯދި ޑިފެންޑަރު ފާހަގަކުރިއެވެ.

ބްރަމްބެލް ޕާކިސްތާނާއެކު މަސައްކަތް ކުރަނީ ---

ބްރަމްބެލް ފާހަގަކުރީ ރީޖަންގެ ފުޓުބޯޅައިގެ ކުރިމަގަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެންމެން އެއް މިސްރާބަކަށް މަސައްކަތް ކޮށްގެން ފުޓުބޯޅައިގެ ކުރިއެރުން ގެނެވޭނެ މަންޒަރު ފެންނަ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.