މުހައްމަދު ޝަމްއޫން - ބަންގްލަދޭޝް، ޑާކާ
ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ނޫސްވެރިންނާއެކު ޕްރެސް ރޫމް އޮތީ ފުރި ބާރުވެފައެވެ. މަދުބަޔަކު ފިޔަވައި ހުސް ބަންގްލަދޭޝްގެ ނޫސްވެރިންނެވެ. އެ ހުރިހާ ނޫސްވެރިންގެ އިންތިޒާރުކުރީ ބަންގްލަދޭޝްގެ ކޯޗު ތޯމަސް ޑޫލީއަށެވެ. ބަންގްލަދޭޝްއަށް ސާފް ޗެމްޕިއަންޝިޕް އެނބުރި އައިސްފައި މިވަނީ އަށް އަހަރު ފަހުންނެވެ. އެންމެފަހުން 2018 ވަނަ އަހަރު މިގައުމުގައި ތަށި އުފުލާލީ ރާއްޖެއެވެ. އޭރާ މިހާރު ހާލަތު ތަފާތެވެ. ބަންގްލަދޭޝްއިން އުންމީދުކުރަނީ 23 އަހަރަށްފަހު ފުރަތަމަ ފަހަރަށް ސާފް އުފުލާލުމަށެވެ. އަމިއްލަ ފަސްގަނޑުގައި ކޯޗަށް އޮތް މީޑިއާ ޕްރެޝަރު ބޮޑުވާ އެއް ސަބަބަކީ އެއީއެވެ. 2003 ވަނަ އަހަރުގެ ކާމިޔާބީއަކީ ބަންގްލަދޭޝްގެ އެތައް ބަޔަކު ތަކުރާރުކުރަން ބޭނުންވާ ކާމިޔާބީއަކަށްވީތީއެވެ.
ކޮންމެއަކަސް ކޯޗު ޑޫލީއަށް ޕްރެޝަރުގެ ސުވާލުތައް އަލެއްވެސް ނުވާނެއެވެ. މިއަހަރު މޭ މަހު ބަންގްލަދޭޝް ކޯޗުކަމާ ޑޫލީ ހަވާލުވިއިރުވެސް އެގައުމުގެ ގައުމީ ޓީމަށް އޮތީ ޑިމާންޑް ބޮޑުވެފައެވެ. ނަތީޖާ ނެރުން އެއީ މަޖުބޫރު ކަމަކަށްވެފައެވެ. އިނގިރޭސިވިލާތަށް އުފަން އެގައުމުގެ ކުޅުންތެރިންނާއި ޖަޕާނަށް އުފަން ކުޅުންތެރިންގެ އިތުރުން އެމެރިކާއަށް އުފަން ކުޅުންތެރިންވެސް ގައުމީ ޓީމުގައި ހިމަނައިގެން ބަންގްލަދޭޝްއިން ދަނީ ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ކުރިން ލެސްޓާ ސިޓީއަށް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ހަމްޒާއެވެ. ހަމްޒާއަކީ މިހާތަނަށް ސާފް ޗެމްޕިއަންޝިޕެއްގައި ފެނިގެންދާނެ އެންމެ ތަޖުރިބާކާރު، އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާއެވެ. ހަމްޒާ މިހާރުވެސް ކުޅެމުން ދަނީ އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޝެފީލްޑް ޔުނައިޓެޑަށެވެ.
ބަންގްލަދޭޝްގެ ފަރްހާން އަލީ ވަހީދަކީ އިނގިރޭސި ފަސްވަނަ ޑިވިޝަން ކަމަށްވާ ނޭޝަނަލް ލީގުގެ ބޯރްހަމް ވުޑަށް ކުޅެމުންދާ ކުޅުންތެރިއެކެވެ. އެއީ ފުލަމްގެ ލޯނެއްގައެވެ. އެ ދެކުޅުންތެރިންނަށް ފުރަތަމަ މެޗުތައް ގެއްލޭ ނަމަވެސް، ބަންގްލަދޭޝްއަށް އޮތީ ތަށި ނޫން ގޮތެއް ނެތިފައެވެ. ސްރީ ލަންކާ ކޯޗު އަބްދުﷲ އަލް މުތައިރީއާއި އިންޑިއާ ކޯޗު ނައުޝާދު މޫސާގެ ފެވަރިޓަކީވެސް ބަންގްލަދޭޝްއެވެ. ނޫސްވެރިންގެ ސުވާލުތަކުން ތަށްޓަށް އޮތް މަޖުބޫރުކަން ސާފެވެ.
"އަހަރެމެންނަށް މިއީ ދުވަސްތަކެއް ވަންދެން ކުރި އިންތިޒާރެއް. ފަސް ހަ މަސް ކުރިންވެސް ސާފް ޗެމްޕިއަންޝިޕަށް މި ދަނީ ތައްޔާރުވަމުން. ބައެއް ޗެލެންޖްތައް ހުރި ނަމަވެސް، އަހަރެމެންނަށް މިއޮތީ ރަނގަޅަށް ތައްޔާރުވެފައި. އަހަރެމެން ކުޅުންތެރިންނާއި ކޯޗުންވެސް މި އިންތިޒާރުކުރާ ކަހަލަ މެޗެއް މާދަމާ މި އޮންނަނީ. އަހަރެމެންނަށް 2003 ވަނަ އަހަރުގެ ކާމިޔާބީން މިއޮތީ ޕްރެޝަރެއް. އެއީ ނެގެޓިވްއެއް ނޫން، އެއީ ޕޮސިޓިވްއެއް. އަހަރެމެން ރިއަލިސްޓިކަލީ ބަލައިގެން ޗެމްޕިއަންކަމަށް މި މަސައްކަތް ކުރަނީ. އަހަރެން ގަބޫލުކުރަން ބަންގްލަދޭޝްއަށް މި މުބާރާތް ކާމިޔާބު ކުރެވިދާނެ ކަމަށް،" ކޯޗު ޑޫލީ ބުންޏެވެ.
ޑޫލީ ބުނީ ތަށީގެ ވާހަކަ މިހާރު ދެއްކެން އެބައޮތް ކަމަށާއި، މިހާރު ޓީމު އޮތީ އެ ފެންވަރުގައި ކަމަށެވެ. އަދި އެހެން ގައުމުތަކުންވެސް އެހެން ވިސްނާނެ ކަން އެނގޭ ނަމަވެސް، އެ ވާހަކަ ބަންގްލަދޭޝްއިން ދައްކަނީ، އެ ވާހަކަ ދައްކައިގެން ނޫން ގޮތަކަށް އެކަން ހާސިލު ނުކުރެވޭނެތީ ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެން މި ކުޅެނީ 25،000 އެއްހާ ސަޕޯޓަރުން ކުރިމަތީގައި. އެއީ އަހަރެމެންނަށް އޮތް އެޑްވާންޓޭޖެއް ކަމަށް އެންމެންވެސް ބުނާނެ. އެހެންވީމަ އަހަރެމެންނަކީ ފެވަރިޓުން. އަހަރެމެންނަކީ އަންޑަ ޑޯގުންނެއް ނޫން. އަހަރެމެން 23 އަހަރު ފަހުން މުބާރާތް ކާމިޔާބުކުރާނެ ވާހަކަ މި ދައްކަނީ އެ ވާހަކަ ދެއްކޭތީ. އެކަން ވިސްނަންވީ ޕޮސިޓިވް ގޮތަކަށް. އަހަރެމެން އެ ވާހަކަ މި ދައްކަނީ ޕްރެޝަރެއް އުފައްދާކަށް ނޫން. އަހަރެމެން އެ ވާހަކަ މި ދައްކަނީ، އެކަންވާނެ ކެޕޭސިޓީ ހުރީމަ. އެ ވާހަކަ ނުދައްކައެއް އެކަމެއް ނުވާނެ،" ޑޫލީ ބުންޏެވެ.
ޕްރެސްގެ ތެރެއިން އާސިއާން ކަޕްގެ ނަތީޖާތަކުގެ ވާހަކަ އަނެއްކާވެސް ޑޫލީއަށް އަމާޒުވިއެވެ. ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ބަންގްލަދޭޝްއިން އާސިއާން ކަޕްގައި ވާދަކޮށް، ކުޅުނީ ރޭންކިން މަތި ވަރުގަދަ ޓީމުތަކަކާ ދެކޮޅަށެވެ. އެގޮތުން މެލޭޝިއާ ކައިރިން 3-0 އިން ބަލިވި އިރު، ސިންގަޕޫރު ކައިރިންވެސް ވީ ބައްޔެވެ. އެއީ 1-0 އިންނެވެ. ބަންގްލަދޭޝްއިން އެ މުބާރާތް ނިންމާލީ އިންޑޮނޭޝިއާ ކައިރިން 9-2 ގެ ނަތީޖާއަކުން ބަލިވެގެންނެވެ.
ނޫސްވެރިޔަކު ފާހަގަކުރީ އެއީ "ފެއިލިއާ" އެއް ކަމަށެވެ. ޑޫލީ ރައްދު ދިނީ ހަރުކޮށެވެ.
"ކިރިޔާވެސް ފުޓުބޯޅަ އެނގެންޏާ ނުބުނާނެ އެއީ ފެއިލިއާއެއް ކަމަކަށް،" ކުރިން އެމެރިކާ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރި ޖަރުމަނަށް އުފަން ކޯޗު ޑޫލީ ބުންޏެވެ. އޭނާ އިތުރަށް ބުނީ ރޭންކިން ވަރުގަދަ ޓީމުތައް ކައިރިން ބޭނުން ކުޅުން ނުފެނުނަސް ސާފަށް އުންމީދު ބޮޑު ކަމަށެވެ.
ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވާ ޓޯޕޫ ބާމަންގެ ވިސްނުމުގައިވެސް އޮތީ ތަށްޓެވެ.
"އަހަރެމެންނަށް އަށް އަހަރުފަހުން މި ލިބުނީ އަމިއްލަ ގައުމުގައި ސާފް ކުޅެލަން. ޔަގީނުންވެސް ފަސޭހައެއް ނުވާނެ ސާފު ނަގާކަށް. އެއީ ވަރަށް ބޮޑު ޗެލެންޖެއް. އެހެން ނަމަވެސް އެ ޗެލެންޖަށް މި މަސައްކަތް ކުރަނީ،" އޭނާ ބުންޏެވެ.
ޓޯޕޫއަށް އަނިޔާގެ ސަބަބުން އާސިއާން ކަޕް ގެއްލުނު ނަމަވެސް މިހާރު ހުރީ ފިޓްކޮށެވެ. މާދަމާ ރޭ ބަންގްލަދޭޝްއިން ބޫޓާނާ ދެކޮޅަށް ނުކުންނަ އިރު، ކެޕްޓަނަކީ ޓޯޕޫ ކަމަށް ޑޫލީ ފާހަގަކޮށްފައިވެއެވެ. އެ ނިންމުމާ މެދު ބައެއް ނޫސްވެރިން ސުވާލު އުފެއްދިއެވެ. އެއީ ޖަމާލް ބުޔާން ކޮބައިތޯ އަހައި އުފެއްދި ސުވާލެކެވެ. ޑޫލީ ބުނީ ޖަމާލަކީވެސް ކެޕްޓަނެއް ނަމަވެސް، މިވަގުތަށް ބޭންޑް ދޭން ނިންމީ ޑޫލީއަށް ކަމަށެވެ. އެއީ އެއްވެސް އިތުރު މައްސަލައެއް ޖެހިގެން ނޫން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ބަންގްލަދޭޝްގެ އިންތިޒާމުތަކަށް ނޫސްތަކާއި ރައްޔިތުންވެސް ފާޑު ކިޔަމުންދެއެވެ. ހާއްސަކޮށް ޕްރޮމޯޝަން ދަށްވުމާއި ޓިކެޓް އަގު ބޮޑުވުމުގެ ޝަކުވާ ބޮޑެވެ. ބަންގްލަދޭޝްއާއި ސާފްގެ ގުޅުން ގޯސްކަމަށް ބައެއް މީޑިއާތައް ސިފަކުރި ނަމަވެސް، އެކަން ފެޑަރޭޝަންގެ ރައީސް ތާބިތު އަންވާލް ދޮގުކުރައްވައެވެ. އެހެންނަމަވެސް އަންވާލްވެސް ވަނީ ތައްޔާރީތައް ދަށް ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އޭނާ ފާހަގަކުރެއްވީ އަސްލު އިންތިޒާމުތައް ލީޑުކުރަނީ ސާފް ކަމަށެވެ. ބަންގްލަދޭޝް ފެޑަރޭޝަނުން ދޭން ޖެހެނީ އެއްބާރުލުންކަން އޭނާ މިއަދު މީޑިއާއަށް ވިދާޅުވެފައިވެއެވެ. އެ ހުރިހާ ކަމެއްގެ ތެރެއިންވެސް ބަންގްލަދޭޝްގެ ސަޕޯޓަރުންނާއި މީޑިއާވެސް އެއްބަސްވާ ކަމަކީ، މިއީ އަމިއްލަ ގައުމުގައި އަނެއްކާވެސް ތަށި އުފުލާލަން ޖެހޭ ފަހަރު ކަމަށެވެ. މާދަމާއަކީ އެ ދަތުރުގެ ފެށުމެވެ.
ބަންގްލަދޭޝްއާއި ބޫޓާން ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން މާދަމާ ރޭ 7:00 ގައެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ކޮމެންޓް