މިދިޔަ އަހަރުގެ މެދުތެރެއިން ފެންމަތި ވި ގއ. ކަނޑުހުޅުދޫ ތުއްތު ކުއްޖާގެ ރޭޕް ކޭހަށްފަހު ސޯޝަލް މީޑިއާގައި ރޭޕްގެ އިތުރު ކޭސްތަކެއްގެ ވާހަކަވެސް ވަނީ ތިލަވެގެން ގޮސްފަ އެވެ. މީގެ ތެރެއިން ގިނަ ކޭސްތަކަކީ ހަގީގަތް އެކުލެވޭ ކޭސްތަކެއް ކަމަށް ބޮޑަށް ބެލެވިފައި އޮތް ނަމަވެސް އަނެއްބައި ކޭސްތަކަކީ ޒާތީ ހަސަދައެއް ފިލުވައިލުމަށް ކޮށްފައިވާ ތުހުމަތުތަކެއް ކަމަށް ވެސް ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.
އެގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ސޯޝަލް މީޑިއާއިން މިފަދަ ކަމެއް ތިލަ ވެ، ބޮޑު ހަމަނުޖެހުންތަކެއްވެސް ވަނީ ހިނގައިފަ އެވެ. ރ. މަޑުއްވަރީ ސްކޫލް ކުއްޖަކު، އެ ރަށު ގެސްޓުހައުސްއެއްގެ ތެރޭގައި ޓީޗަރަކާއި ފުލުހަކުވެސް ހިމެނޭ ގޮތަށް އިތުރު ދެ މީހަކު ވެގެން ރޭޕް ކުރި މައްސަލައެއް ފެންމަތި ވެ އެ ރަށުގައި ވަނީ ހަމަނުޖެހުން ހިންގާފަ އެވެ. ރަށުގެ ޕޮލިސްޓޭޝަނަށްވެސް ބަޔަކު ގެއްލުން ދިނެވެ. މި މައްސަލައިގައި ބަޔަކު މީހުން ހައްޔަރު ކުރުމަށްފަހު ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
ކަން ހިނގައިދިޔަ ގޮތް ދިރާސާކުރުމަށް "ވަން" އިން ކުރި މަސައްކަތުން މަޑުއްވަރީން ވާހަކަ ދައްކައިލެވުނު ބައެއް މީހުން ބުނަނީ މިއީ ބަޔަކު ޒާތީ ހަސަދައެއް ފިލުވައިލުމަށް ކުރި ކަމެއް ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު ބުނަނީ މިއީ ހިނގައިދިޔަ ކަމެއް ކަމަށެވެ.
މަޑުއްވަރީން ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އާ ވާހަކަދެއްކި މީހަކު ބުނީ، މީގެ ކުރިންވެސް، އެ ޓީޗަރާ ގުޅޭ ގޮތުން ކުއްޖަކު އެފަދަ ވާހަކަތަކެއް ދެއްކި ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ކަމެއް ނޭނގޭ ކަމަށެވެ. މިފަހަރުގެ ވާހަކައަކީ ހަގީގަތެއް ކަން ޔަގީނާ ގާތަށް ބުނަން ނޭނގުނު ނަމަވެސް ފަހަކަށް އައިސް އެ ކުއްޖާގެ އުޅުމަށް ބަދަލުތަކެއް އައިސްފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ. ނަމަވެސް އެއީ މިފަދަ ކަމަކާ ގުޅިގެން ކަމެއް ނުވަތަ އެ ނޫން ސަބަބަކާ ހެދި ކަމެއް ބުނަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
"އެ ޓީޗަރަކީ އަނެއްހެން ވަރަށް މަޑުމަޑުން ހުންނަ ޓީޗަރެއް. ގޯސް ގޮތަކަށް އުޅޭ ވާހަކައެއް އަޑެއް ނާހަން. އެކަމަކު ވަރަށް ކުރީން އޭނާ ކިޔަވައިދިން ކުއްޖެއްގެ "އުރަމަތީގަ" ހިފިޔޭވެސް ރަށުތެރޭގަ ކީ. އެވެސް މި މައްސަލައިގެ ތެރެއިން ފެންމަތިވި ކަމެއް. އެކަމަކު ފަހުން އެވާހަކަ އެހެން ގޮތަކަށްވެސް ދެކެވުނު. އެހެން އުޅުމުގެ ތެރޭގަ އަތުން ޖެހުނީއޭވެސް ކީ. ދެން މި އޭޕްރީލް މަހުގަ ފެންމަތިވި ވާހަކަ ޔަގީނާ ގާތަށް ބުނާކަށް ނޭނގޭ. ހިނގި ކަމެކޭވެސް ކިޔާ. އަބަދުވެސް މަޑުން ހުންނަ ކުއްޖެއް. ވަކި ބަދަލެއް މާ ބޮޑަށް ފާހަގައެއް ނުކުރެވޭ. އެދުވަސްކޮޅު އެ ގޭގަ ރުގުޔާ ކުރާ މީހަކު ގެނެސްގެންވެސް އުޅުނޭ ކިޔާ. އެހެންވީމަ ސީދާ އޭނަ ރޭޕް ކުރިއެކޭ އޭނާއަށް ބަދަލު އައޭ ބުނާކަށް ހަމަ ނޭނގޭ." އޭނާ ބުންޏެވެ.
މި މައްސަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މި މައްސަލާގައި ތުހުމަތު ކުރާ ޓީޗަރު ވަނީ ސަސްޕެންޑްވެސް ކޮށްފަ އެވެ. މި މައްސަލާގައި ތުހުމަތު ކުރާ ޓީޗަރަކީ މުއީން ހަސަނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "ވަން" އަށް ވިދާޅުވީ މުއީން އަދިވެސް ހުރީ ސަސްޕެންޝަނުގައި ކަމަށާއި މިނިސްޓްރީން އަދި އިތުރު ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އަހުމަދު ވިދާޅުވީ މައްސަލަ ތަހުގީގު ކޮށް ނިމި، މުއީންގެ މައްޗަށް މައްސަލަ ސާބިތު ނުވެއްޖެ ނަމަ ގެއްލުނު މުސާރަ އަލުން އިއާދަކޮށް ވަޒީފާގެ ސަސްޕެންޝަން އުވާލާނެ ކަމަށެވެ.
މި މައްސަލަ ފެންމަތި ވި ހިސާބުން ދެ ކޮޅަށްވެސް ވާހަކަ ދެކެވޭތީ "ވަން" އިން މި ކަން ހިނގައިދިޔަ ގޮތް ބެލުމަށް މަޑުއްވަރީގެ ގިނަ ބަޔަކާ ވާހަކަ ދެއްކީމެވެ. އެގޮތުން "ރޭޕް"ގެ ތުހުމަތުވާ ޓީޗަރާވެސް ވަން އިން ވާނީ ވާހަކަދައްކައިފަ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން "ވަން"އަށް މައުލޫމާތު ދެއްވަމުން މުއީން ވިދާޅުވީ އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ އެ ކުއްޖާއަށް ބުލީ ކުރި ކަމުގެ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އޭނާ ކިޔަވައިދިން އެއްވެސް ކުއްޖަކަށް ދުވަހަކުވެސް ބުލީ ކޮށްފައި ނުވާނެ ކަމަށެވެ.
"ޗުއްޓީތެރޭގަ އެއްދުވަހަކު ދަތުރުގޮސް އައިސް ޖޯލީގަ ޖައްސާލިތަނުން ރައްޓެއްސަކު ބުނަނީ، އޭ ރަށުތެރޭގަ މިދެކެވޭ ވާހަކަ އަޑު އެހިންހޭ. ބުނީމަ އަޅުގަނޑު ބުނިން ކޮން ވާހަކައެއްހޭ. ބުނީމަ ބުނީ *** (ކުޑަކުއްޖަކަށްވާތީ ނަން އުނިކުރެވިފައި) އަށް ސްކޫލްގަ ބުލީ ކުރީއޯ ޓިޗަރެއް. ކާކުހޭ އެހީމަ ބުނަނީ މުއީނު ކަމަށޯ ބުނަނީ. މިހެން ބުނީމަ އަޅުގަނޑު ބުނިން ދުވަހަކުވެސް ތިފަދަ ކަމެއް ނުކުރަމޭ. އެކަމަކު ކުލާހުގަ ފިލާވަޅު ނަގައިދޭ ގަޑީގަ ކުދިން ޑެސްކުގަ ބޯޖަހައިގެން ތިބެ ނިދާތީ ބެލެނެވެރިންނާ ބައްދަލުކޮށްފަ ބުނިން މިހެން ދެން އެއްވެސް ކުއްޖަކު ބޯ ޖަހައިގެން އިނދެއްޖެއްޔާ ޑެސްކު ދުރަށްލާނަމޭ. ކުދިންގެވެސް ހާޒިރުގަ ބުނީ. ދެން އޭގެ އަނެއްދުވަހު މި ކުއްޖާވެސް ހިމެނޭ ގޮތަށް އެހެން ތިބި ކުދިންތަކެއްގެ ޑެސްކު ދުރުކޮށްލިން. އެއީ ބުލީ ވިއްޔާ ބުލީ. އެކަން ބެލެނެވެރިންނަށް އެދުވަހު އެންގިން." އޭނާ ވިދާޅުވި އެވެ.
މުއީން ވިދާޅުވީ އެއީ މާބޮޑު ކަމަކަށް ނުހަދައި އެއްދުވަހަކު ކޮފީއެއްގައި އިންދާ މީހަކު އޭނާއަށް ފޯނު ކޮށްފައި އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ވާހަކަތަކެއް ރަށު ތެރޭގައި ދެކެވޭ ކަމަށް ބުނި ކަމަށެވެ. މިވާހަކަތައް މުޅި ރަށުތެރޭގައި ހަލުވި ކަމާއެކު ފެތުރެމުންދިޔުމުން އެއީ ކިހިނެއް ކޮން ގޮތަކަށް ދެކެވުނު ވާހަކަތަކެއްތޯ އޭނާ ބެލިކަމަށެވެ. އެގޮތުން ސެޝަން ނިމުނު ގަޑީގައި އެ ކުއްޖާ މަތީ ކުލާހަކަށް ގެންދިޔަ ކަމަށާއި ދެ ފުލުހަކާއި އެހެން މީހަކުވެގެން ބެޑްޝީޓަކުން އެ ކުއްޖާގެ ފައި ބަނދެ ރޭޕް ކުރިކަމުގެ ވާހަކަތަކެއް ދެކެވުނު ކަމަށްވެސް މުއީނު ވިދާޅުވި އެވެ.
"ސެޝަން ނިމޭ ގަޑިއަކީ ކުދީންތައް ހޭލަ މޭލައަށް އުޅޭނެ ގަޑި. އެ ގަޑި އެއީ ކުދީން ބަލައި ބެލެނެވެރީންވެސް ސްކޫލަށް އަންނަ ގަޑި. ދެން އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުވިސްނޭ ފުލުހުން ސްކޫލަށް އަންނަން ޖެހޭ ސަބަބެއް އެ ގަޑީގަ. އަދި އެ ބުނާ ކުންފުނީގެ މީހަކު އަންނަން ޖެހޭ ސަބަބެއްވެސް ނުވިސްނޭ. ހަތަރު މީހުންވެގެން ރޭޕް ކުރި ކުއްޖަކަށް ހަމަޖެހިލާފަ މީހަކަށް ނުފެނި ގެއަށް ދެވޭނެ ގޮތެއްވެސް ނުވިސްނުނު." ދެވަނަ ފަހަރަށް މި ވާހަކަތައް ދެކެވުނު ގޮތް ހިއްސާ ކުރަމުން މުއީން ވިދާޅުވި އެވެ.
މުއީން ވިދާޅުވީ މިފަދަ ގޮތަކަށް ރަށުތެރޭގައި ވާހަކަ ދެކެވެމުން ދާތީ އެ ކުލާހަށް ކިޔަވައިދޭ ގަޑި ފިޔަވައި އިތުރު ގަޑިއެއްގައި ސުޕަވައިޒްކުރަން ކުލާހަށް ނުފޮނުވުމަށް އެދި ޕްރިންސިޕަލް ގާތު އެދިވަޑައިގެންނެވި ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެއީ ގުރޭޑް އަށެއްގެ ކުދިންނަށް ވެފައި އެ ކުދިންނަށްވެސް މިވާހަކަތައް އަޑު އިވި އެ ކުއްޖާއަށްވެސް މަލާމާތް ރައްދު ވެދާނެތީ ކަމަށާއި އަދި މިގޮތަށް ވާހަކަ ދެކެވުމުން އެ ކުދިންނަށް ގިނައިން ފެންނަން ޖެހިލުންވެވަޑައިގަންނަވާތީ ކަމަށެވެ. މިކަމަށް ޕްރިންސިޕަލް ބީރު ކަންފަތެއް ދެއްވި ނަމަވެސް ދުވަހަކުވެސް ކިޔަވައިދެއްވި ދަރިވަރަކާމެދު އެ ފަދަ ނަޒަރަކުން ބަލާފައިވެސް ނުވާނެ ކަމަށް ވިދާޅުވި އެވެ.
"މިވާހަކަތައް ދެކެވެން ފެށީމަ އަޅުގަނޑު ބޯޑު ކައިރީގަ ހުރެ ކިޔވައިދޭ އެއްޗެއް ކިޔަވައިދީފަ ނިކުމެގެން ދަނީ. ކުދިންނާ ކުރިންވެސް އެންމެ ގާތް ވާނީ ޑެސްކު ކައިރިއަށް. އަޅުގަނޑު މިއީ އަމިއްލަ ދަރިން ފަދައިން ކުދިންނާ ދޭތެރޭ ކަންތައް ކުރާ މީހެއް. އެފަދަ މުޑުދާރު ހިޔާލެއްވެސް އެފަދަ ނަޒަރަކުން ބަލާފައެއްވެސް ނުވާނެ. އެ ކުލާހުގެ ކުލާސް ޓިޗަރަކީވެސް އަޅުގަނޑު. ދެން އަޅުގަނޑު ކިޔަވައިދޭ މާއްދާ ނިމުނަސް އެހެން ގަޑިތަކުގަ ސުޕަވައިޒް ކުރަންދާތީ ވަރަށް ގިނައިން ކުދިންނާ ދިމާވޭ. މިވާހަކަތައް ދެކެވުނީމަ އަޅުގަނޑު ހަމަ ދެރަވަނީ ކުދިން ފެނުނީމަ. އެހެންވެ ކުލާސް ޓީޗަރު ކަމުން އިސްތިއުފާ ދިނީ ޕްރިންސިޕަލް ގާތު ބަދަލު ކޮށްދޭން އެދި ބަދަލު ނުކުރީމަ. ފަހުން އައި ބަދަލުތައް ކުދިންނަށްވެސް ފާހަގަކުރެވިގެން ބެލެނެވެރިން ގާތު ޝަކުވާ ކުރާ ކަމަށް ބެލެނެވެރިންވެސް ބުނި. 24 ކުދިން ހިމެނޭ ކުލާހެއްގަ އެންމެ ކުއްޖަކަށް އަޅުގަނޑު އެ ނަޒަރުން ބަލަންވީ ސަބަބެއްވެސް ނެތް." އޭނާ ވިދާޅުވި އެވެ.
މުއީން އިތުރަށް ވިދާޅުވީ ޕޮލިސްޓޭޝަން ކައިރީގައި ބަޔަކު އެއްވެ އަޑުގަދަ ކުރަން ފެށުމުން މިވާހަކަ ތިން ވަނަ ގޮތަކަށްވެސް އަޑު އިވުނު ކަމަށެވެ. އެއީ އެކްސްޓްރާ ކުލާހެއް ނިންމާފަ ސްކޫލް ކައިރީގައި ހުރި ގެސްޓްހައުސްއަކަށް ގެންގޮސް އިތުރު ބަޔަކާއެކު އެ ކުއްޖާ ރޭޕް ކުރި ކަމުގެ ވާހަކަތައް ކަމަށެވެ. އެހެން ނަމަވެސް ދުވަހަކުވެސް އޭނާ އަކީ އެކްސްޓްރާ ކުލާހެއް ބޭއްވި މީހެއް ނޫން ކަމަށާއި އެކަމަށް އެ ކުލާހުގައި ބާކީ ތިބި 23 ކުދިންގެ ބެލެނެވެރިންވެސް ހެކިވާނެ ކަމަށެވެ. އަދި މިގޮތަށް ސުވާލު އުފެއްދުމުން އިތުރަށްވެސް މިވާހަކަ ދެކެވުނު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ދުވަހަކުވެސް އެކްސްޓްރާ ކުލާހެއް ބޭއްވި މީހެއް ނޫން. އެކަމަކު މި ބުނަނީ އެކްސްޓްރާ ކުލާހެއް ނިންމާފަ އެހެން ދަރިވަރުން ގެއަށް ފޮނުވާފަ އެ ކުއްޖާ ގާތު ގެސްޓުހައުސް އަށް ދާން އަޅުގަނޑު ބުނި ކަމަށް. ދެން އަޅުގަނޑާ އިތުރު ދެ މީހަކު ވެގެން އޭނަ ރޭޕް ކުރި ކަމަށް. އޭގެ ފަހުން އަނެއްކާ ބުނީ ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމުމަށް ކަމަށް ބުނެ އަޅުގަނޑު ގުޅީޔޯ މި ކުއްޖާ އަށް. ގުޅައިގެން ގެސްޓު ހައުސްއަށް ގެނެސް ޖޫސްތައްޓެއް ދީގެން ހޭނެއްތީ ކަމަށް. ދެން އިތުރު ދެ މީހުންނާ ބައިވެގެން ކުރިކަމެއް ކުރި ވާހަކަ. މި ކުއްޖާގެ މަންމަ އަކީ ސްމާޓް ފޯން ގެންގުޅޭ މީހެއް ނޫން. ހުރިހާ ކަމެއްގަވެސް ވާހަކަ ދައްކަނީ އެ ކުއްޖާ މަންމަ އާ އެއްބަނޑު ދައްތައަކާ. އޭނަ އިންނާނީ ކުލާސް ވައިބާ ގުރޫޕުގަވެސް. އެކުއްޖާ އަކީ ފޯނެއް އޮންނަ މީހެއް ނޫން. އެ ދައްތަ އެބަ ބުނޭ އަޅުގަނޑު ނުގުޅައޭ. އަޅުގަނޑަކީ ޕްރޮޖެކްޓެއް ހަވާލު ކުރި މީހެއް ނޫން. މިކަމަށް ހެކިވާނެ ބާކީ ތިބި ދަރިވަރުންގެ ބެލެނެވެރިންވެސް." ރޭޕް ކުރި ކަމަށް ދެކެވުނު ވާހަކަތައް ހިއްސާ ކުރަމުން އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އާ ވާހަކަ ދެއްކި ބެލެނެވެރިޔަކު ބުނީ މުއީން ޓިޗަރު ދުވަހަކުވެސް ޕްރޮޖެކްޓެއްގެ މަސައްކަތްވެސް އަދި އެކްސްޓްރާ ކުލާހެއްވެސް ބާއްވާފައި ނުވާ ކަމަށެވެ. އަދި ރަށުތެރޭގައި އެ ވާހަކަ ފެތުރެނީ ކީއްވެގެން ކަމެއް އަދި އެއީ ހިނގި ކަމެއް ކަމެއް ނުވަތަ ނުހިނގާ ކަމެއްކަންވެސް ބުނެދޭން ނޭނގޭ ކަމަށެވެ. އެކަމާ ގުޅިގެން އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށްވެސް ބުންޏެވެ.
"ވަން"އިން މި މައްސަލައިގައި ކަން ހިނގައިދިޔަ ބެލުމަށް ވާހަކަދެއްކި ބައެއް މީހުން މިއީ ހިނގި ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އަނެއް ބަޔަކު ބުނަނީ މިއީ މުއީނަށް ޒާތީ ހަސަދައެއް ފިލުވައިލުމަށް ނުފޫޒު ހުރި މަގާމެއްގައި ހުރި، ނަން ހިނގާ މީހަކު ކުރުވާ ކަމެއް ކަމަށް ބުނެ ވެސް ވާހަކަތައް ދެކެވޭ ކަމަށެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އެރަށުން "ވަން" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ މިއީ ހިނގާފައިވާ ކަމެއް ކަމަށެވެ. އަދި މުއީނަކީ އެފަދަ ކަންކަން މީގެ ކުރިންވެސް ކުރި މީހެއް ކަމަށް ވާހަކަ ދެކެވިފައިވާ ކަމަށެވެ. ހަތަރު ފިރިހެނަކު ވެގެން އެ ކުއްޖާ ރޭޕް ކުރީ މުއީނު އިސްވެ ހުރެ ކަމަށާއި އޭގެ ސަބަބުން އެ ކުއްޖާ އަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތައް އަސަރުތަކެއް ކޮށްފައިވާ ކަމަށް ގަބޫލުކުރާ ކަމަށް އެމީހުން ބުނެ އެވެ.
"އެއީ ހަމަ ހިނގި ކަމެއް. ހަމަ ހުރެފަ މުއީނޭ ބުނަން ޖެހޭ ސަބަބެއްވެސް ނެތްތާ... މީގެ ކުރިން ކުދިންގެ ތަންތަނުގަ ހިފި ވާހަކަވެސް މިވާހަކަތަކުގެ ތެރެއިން ފެންމަތި ވި. އެކުދިންވެސް ބުނަން ނުކެރިފަ ތިބެފަ އެ ބުނީ އަދި ކިރިޔާ. އެހެންވީމަ މުއީނަކީ އޭގެ މީހެއް. ޓީޗަރަކަށްވެސް ބަހައްޓަން ހެޔޮ ނުވާނެ އޭނާ." މުއިނާ ދެކޮޅަށް ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
ނަމަވެސް މިކަމުގައި ޒާތީ ހަސަދައެއް ފިލުވައިލުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށްވެސް އެއްބަޔަކު ވާހަކަ ދެއްކި އެވެ. އެގޮތުން "ވަން"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ މިއީ މުއީނުގެ ބޮލުގައި އަޅުވާފައި ވާ ދޮގު ތުހުމަތެއް ކަމަށެވެ. މި ކަމުގައި ސަރުކާރަށް ނިސްބަތްވާ، ނަންހިނގާ އެކްޓިވިސްޓަކުވެސް ހިމެނޭ ކަމަށާއި އޭނާ އަކީ ރޭޕް ކުރި ކަމަށް ބުނާ ކުއްޖާގެ އާއިލާއާ ގުޅުން އޮންނަ މީހެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.
"މިއީ ހަމަ އަގުވައްޓާލަން ބަޔަކު ކޮށްގެން އުޅޭ ކަމެއް. މި ބުނި ސިޔާސީ މީހާގެ އާއިލާގެ މީހުން އެބަހުއްޓޭ މުއީނުގެ ފޮޓޯ ތަންތަނަށް ފޮނުވާފަ މިއީ ރޭޕިސްޓެކޭ ކިޔާފަ ޖަހަން އާދޭސް ކޮށްފަ. އަދި 2019އިގަ ހިނގި ކަމެއްގެ ކަންތައް މުއީނު ބޮލަށް ޖަހައިގެން މުއީނުގެ ދުވަސް ދުއްވާލަން އެއުޅެނީ. އެކަމަކު ހުރިހާ ކަމެއް ދެނެވޮޑިގެންވާނެ ދޯ އެ ފަރާތް. މި ބުނީ ދުވަހަކުވެސް މުއީނު އެފަދަ ނަޒަރަކުން ކީއްކުރަން އެފަދަ ވާހަކައެއްވެސް ދަރިވަރެއްގާތު ނުދައްކާނެ. އެވަރުގެ ޔަގީންކަން އެބައޮތް." މުއީނާ އެއްކޮޅަށް ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
ނަންނުޖެހުމަށް ޝަރުތުކޮށް "ވަން" އާ އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުއްޖާ އެއް ތަނަކަށް ބަލަހައްޓައިގެން ގެއްލިފަ އިންނަތަން ވަރަށް ގިނައިން ފެންނަ ކަމަށާއި އަދި ބައެއް ޓިޗަރުންގެ ވާހަކަތަކުން އެކުއްޖާގެ ނިދި ހަމަ ނުވާކަން ފާހަގަވާ ކަމަށް އަޑު އިވިފައިވާ ކަމަށެވެ. އަދި ގޭތެރެއިން ނޫނީ އާއިލާގެ ތެރެއިން ކަމެއް ދިމާވަނީ ކަމަމުގެ ވާހަކަތައް ވެސް އިވޭ ކަމަށާއި ނަމަވެސް އެއީ ޖިންސީ ގޯނާ ކަމެއް ނުވަތަ އެހެން ކަމެއް ކަންވެސް ޔަގީނާ ގާތަށް ބުނަން ނޭނގޭ ކަމަށްވެސް ބުންޏެވެ.
"މީގެ ކުރިން އެކުއްޖާގެ ދައްތަ އެގޭގަ ނޫޅެވިގެން އެ މީހުންގެ މާމަމެންގެއަށް ބަދަލުވި ވާހަކަ އަޑު އެހިން. އެއީ ތެދެއް. އެކަމަކު އެއީ ކީއްވެގެން ކަމެއް ނޭނގެ ނޫޅެވެނީ. ދެން މި ކުއްޖާ ހޮސްޕިޓަލުގަ އޮއްވާ އެ ކުއްޖާ ބައްޕަ އެތަނަށް ވަނީމަވެސް ދެ ފަހަރަކަށް ބުނި ކަމަށްވަނީ ތީ ތިމަންނަގެ ބައްޕައެއް ނޫނޭ. ދެން އެ ކުއްޖާ ރުގުޔާ ކުރި އިރުވެސް ބައްޕަ ނުވައްދާ. ބައްޕަދެކެ މިކުއްޖާ ވަރަށް ރުޅި އަންނަ ކަމަށްވޭ." އޭނާ ބުންޏެވެ.
އެރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ މުއީން ދިން ކަމަށް ބުނާ ޖޫސްތައްޓަކީ އެ ކުއްޖާގެ އާއިލާގެ މީހަކު ދީފައިވާ ޖޫސްތައްޓެއް ކަމަށް ރުގުޔާ ކުރުމުގެ ތެރޭގައި އެކުއްޖާ ބުނެފައިވާ ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވޭ ކަމަށެވެ. އަދި މި ޖޫސްތައްޓަކީ ސިހުރު ހަދާފައި ދީފައިވާ ޖޫސްތައްޓެއް ކަމަށް ރުގުޔާ ކުރި މީހުން ބުނެފައިވާ ކަމަށްވެސް ވާހަކަ ދެކެވޭ ކަމަށެވެ.
ކޮންމެއަކަސް މިވާހަކަތައް އެކި ގޮތްގޮތަށް ދެކެވޭއިރު މި މައްސަަލާގައި މިހާތަނަށް މުއީނާ އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ފުލުހުންގެ މީޑިއާ އޮފިސަަރުވެސް ވަނީ މިކަން "ވަން"އަށް ކަށަވަރުކޮށްދީފަ އެވެ.
އެގޮތުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި މައްސަލަ އަދިވެސް ތަހުގީގުކޮށް ނުނިމޭ ކަމަށާއި ތުހުމަތުވާ މީހުންނާ ސުވާލުކޮށް ހައްޔަރު ކުރެވޭނީ ގާނޫނީ ގޮތުން ވަކި އިޖުރާއަތްތަކެއް ފުރިހަމަވެގެން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ހިއްސާ ނުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މި މައްސަލާގައި ރޭޕް ކުރި ކަމަށް ބުނާ ކުއްޖާ މާލެ ގެނެސް ޑޮކްޓަރަށް ދައްކައި އެސެސްމެންޓްތަކެއް ހެދި ކަމަށް މީގެ ކުރިން ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ކުއްޖާގެ ބަޔާންވެސް މީގެ ކުރިން ނެގި އެވެ. ނަމަވެސް މިކަމާ ގުޅިގެން އިތުރު ތަފުސީލެއް ހޯދައިލުމަށް "ވަން" އިން ޖެންޑާ މިނިސްޓްރީ އަށް ގުޅައިލުމުން ބުނީ އެއީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށްވާތީ ފުލުހުންނާ ގުޅައިގެން މައުލޫމާތު ހޯދުމަށެވެ.
ރޭޕް ކުރި ކަމަށް ބުނާ ކުއްޖާގެ ބަޔާން އެކި ފަހަރު އެކި ގޮތް ގޮތަށް ދީފައިވާއިރު އެ ކުއްޖާ ދިން ބަޔާނުގައި މުއީންގެ ނަން ފާހަގަކޮށްފައި ނުވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ. މި މައްސަލާގައި މިހާތަނަށް މުއީނާ އެއްވެސް ސުވާލެއް ކޮށްފައެއް ނުވެ އެވެ.
މުއީން ވިދާޅުވީ ރަށުތެރޭގެ މަސްލަހަތު ގެއްލި މުޒާހަރާ ކުރަން ފެށުމުން މަޑުއްވަރީ ޕޮލިސްޓޭޝަނުން ކަމަށް ބުނެ ފޯނެއް އައި ކަމަށާއި އަދި މަޑުއްވަރީ ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރެވޭނެތޯ އެހި ކަމަށެވެ.
"މިވާހަކަތައް ރަށުތެރޭގައި ދެކެވިގެން މުޒާހަރާ ކޮށް ފުލުހުންގެ އިދާރާއަށް ގެއްލުންދިން ރޭ، ރަށު ޕޮލިސްޓޭޝަނުން ކަމަށް ބުނެ ފޯނެއް އައި. ދެން އެހީ މަޑުއްވަރީ ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރެވޭނެ ހޭ. އަޅުގަނޑު ބުނިން އަޅުގަނޑުގެ އަންހެނުންގެ ރަށޭ އެހެން ދިރިއުޅެވޭނީ. ބުނީމަ ބުނީ ފުލުހުންގެ ފުލް ޕްރޮޓެކްޝަންގަ ރަށު ބަޔަކަށް ނާންގާ ރަށުން ފައިބައިގެން ދާންވީ ނޫންހޭ. ބުނީމަ އަޅުގަނޑު ބުނިން ނުދާނަމޭ ނުކުރާ ކަމެއްގެ ޓެގް ބޮލުގަ އަޅުވައިގެން. މި ރަށުގައޭ ހުންނާނީ. ބުނީމަ ފޯނު ބޭއްވީ." އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިތުރު ފޯނު ކޯލެއް އައި ކަމަށާއި އަދި އެރޭ އޭނާއަށް މާލޭގައި ހުރި މީހަކު ގުޅައި "ޑީލް"އެއް ހަދަން ބުނާނެ ކަމަށް މުއީން ވިދާޅުވި އެވެ. އަދި އެ ޑީލަކީ ކޮބައިތޯ އެހުމުން އެއީ އަނބިދަރީން ގޮވައިގެން މާލެ ބަދަލުވުން ކަމަށާއި ނަމަވެސް އޭނާ އެކަމަށް އެއްބަސް ނުވާނެ ކަމަށް އެ މީހަކު ގާތުވެސް ބުނި ކަމަށް ވިދާޅުވި އެވެެ.
"ކާކުތޯ ނުކުރާ ކަމެއް ބޮލުގަ އަޅުވައިގެން ދާނީ. އަދި ހާއްސަކޮށް ރޭޕިސްޓެއް ކަހަލަ މުޑުދާރު ޓެގެއް އަޅުވައިގެން އުފަން ފަސްގަނޑުން އަޅުގަނޑު ދާންވީ. އަޅުގަނޑުގެވެސް ދަރީންނާއި އެއް ބަނޑު މީހުން ތިބޭ. އޭރުން އެ މީހުންނަށް ދައްކާނީ ކޮން މޫނެއް." ފޯނު ކޯލްތަކުގެ ވާހަކަ ހިއްސާ ކުރަމުން މުއީނު ވިދާޅުވި އެވެ.
މުއީން ވިދާޅުވީ ރަށުތެރޭގައި ކިތަންމެ ވަރަކަށް މިވާހަކަ ދެކެވި ފުލުހުންނާއި ހިސާބަށް މައްސަލަ ދިޔައިރުވެސް މިނިސްޓްރީން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އޭޕްރީލް މަހުގެ ތެރޭގައި ބެލެނެވެރިންތަކެއް އެޑިއުކޭޝަނަށް މައްސަލައެއް ހުށަހަޅާފައިވާތީ ސަސްޕެންޑް ކުރި ކަމުގެ ލިޔުން އައި ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތީން ސަސްޕެންޑް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިއީ އެކަމެއް ހިނގި ކަމަށް ބުނިތާ މަހެއްހާ ދުވަސް ފަސް ކަމަށްވެސް މުއީން ވިދާޅުވި އެވެ.
މުއީނާއެކު އެއް ސްކޫލެއްގައި މަސައްކަތް ކުރަމުން އަންނަ ބައެއް މީހުންނާ "ވަން" އިން ވާހަކަ ދައްކައިލުމުން އެ މީހުން ބުނީ ދުވަހަކުވެސް އެފަދަ ކަމެއް މުއީނުގެ ފަރާތުން ފާހަގަ ނުވާ ކަމަށެވެ. އަދި މުއީނަކީ އެކަހަލަ ހަޑި މުޑުދާރު ކަމެއް ކޮށްފާނެ ޓީޗަރެއް ކަމަށް ގަބޫލު ކުރަން ދަތި ކަމަށެވެ.
"ދުވަހަކުވެސް މިހެން އުޅުމުގެ ތެރޭގަވެސް އެކަހަލަ އިޝަރާތެއްވެސް ވާހަކައެއްވެސް ނުދައްކާ. އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން. ދެން ހަމަ ބުނެވިދާނެ ޒާތީ ކަމެކޭވެސް." ނަން ނުޖެހުމަށް ޝަރުތު ކޮށް ވާހަކަ ދެއްކި މީހުން ބުންޏެވެ.
ރޭޕް ކުރި ކުއްޖާ ގެންދިޔަ ކަމަށް ބުނާ ގެސްޓްހައުސްއާ ހަވާލުވެގެން ހުންނަ މީހާއާ "ވަން" އިން ވާހަކަ ދައްކައިލުމުން އޭނާ ބުނީ އެ ބުނާ ދުވަހަކު މުއީން ގެސްޓްހައުސްއަށް ނުދާ ކަމަށެވެ. އަދި މުއީނަކީ މާ ގާތް މީހެއްވެސް ނޫން ކަމަށާއި އެހެން ކަމުން އޭނާއަށްވެސް ގެސްޓްހައުސް އަށް ވަދެވޭނީ ރޫމެއް ކުއްޔަށް ނަގައިގެން ކަމަށާއި ރޭޕް ކުރި ކަމަށް އެ ބުނާ ދުވަހެއްގައި މުއީނުވެސް އަދި ތުހުމަތުވާ އެހެން މީހަކުވެސް އެ ގެސްޓުހައުސް އިން އެއްވެސް ކޮޓަރިއެއް ކުއްޔަށް ނަގާފައި ނުވާ ކަމަށެވެ. އަދި އެއިން މީހަކު އެ ގެސްޓްހައުސް އަށް ނުވެސް ދާ ކަމަށް އޭނާ ބުންޏެވެ.
މި ރޭޕް ކޭސް ހިނގައިދިޔަ ގޮތް ބަލައިލުމުން ޖަވާބު ނުލިބޭ އެތައް ސުވާލެއް ފެންމަތިވެ އެވެ. އެގޮތުން ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ޖިންސީ ގޯނާގެ މައްސަލައެއް ގޮތަށް އެ ކުއްޖާގެ ބެލެނިވެރީން ހުށަހެޅީ ކީއްވެ ހެއްޔެވެ؟ ރޭޕް ކުރިތާ މަަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ކުއްޖާގެ މެޑިކަލް ހައްދަން ދިޔައީ ކީއްވެ ހެއްޔެވެ؟ ރޭޕް ކުރި ކަމަށް އެ ދުވަހު އެ ކުއްޖާ ބުނުމުން ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ރުގުޔާ ކުރާ މީހަކު ގެންދިޔަ ނަމަ އެއީ ކީއްވެހެއްޔެވެ؟ އެކުއްޖާ އެއް ތަނަކަށް ބަލަހައްޓައިގެން ގެއްލިފައި ނިދި ހަމަ ނުވެ އިންނަންވީ ކީއްވެ ހެއްޔެވެ؟ ދަރިފުޅަށް އަންނަ ބަދަލުތައް ބެލެނެވެރިޔާއަށް ފާހަގަ ނުވީ ބާވައެވެ؟ ސްކޫލުގައި އެހެން ޓީޗަރުން ތިއްބައި ހަމަ އެކަނި މުއީނުގެ މައްޗަށް ތުހުމަތު ކުރެވެނީ ކީއްވެ ހެއްޔެވެ؟ މުއީނަކީ އެފަދަ މީހެއް ކަމަށް އެ ކުއްޖާގެ އަނގައިން ނުބުނާ ނަމަ އެއީ ކީއްވެ ހެއްޔެވެ؟