މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުންވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައި ވަނީ، ލ. ގަން ތުނޑި ދުންފިނިއުފާ އަހްމަދު ފާތިހް(23އ) އާއި މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އަދި ވ. ތިނަދޫ، ހިޔާ، އަހުމަދު އަދުހަމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އިމްރާން ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ހަތަރު މީހުންގެ އިތުރުން، މައްސަލައިގެ ތަހުގީގުގައި ހަރަކާތްތެރިވާ ޓީމުގައި ހިމެނޭ ގިނަ އަދަދެއްގެ ފުލުހުން ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެހެންކަމުން އެންމެ ހިތްހަމަޖެހޭ ސްޕީޑުގައި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ނުދެންނެވޭނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ނަމަވެސް މަސައްކަތްކުރަމުން ގެންދާ ވަގުތާއި އެކަމަށް ލެވޭ އެފަޓާއި، އޮފިސަރުން ވަރުބަލިކަމެއް ނެތި ދެމުން އަންނަ ވަގުތާއެކު އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދަނީ ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަށް ކަމަށް އިމްރާން ވިދާޅުވިއެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށްދަނީ ބޭރުގެ ކަމާބެހޭ ތަޖުރިބާކާރަކާއެކުގައި ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.