ބޮމާއި އައިއީޑީ ހެދުމުގެ ގާބިލުކަން ލިބިފައިވާ މީހުން މުޖުތަމައަށް ދޫވެފައިވާ ކަމަށާއި، އެމީހުން ހައްޔަރު ނުކުރެވެނީ، އެފަދަ މީހުންނަށް ލިބިފައިވާ ގާބިލުކަމަކާ ހުރެގެންނޭ ކިޔައި، އެމީހުން ބަންދުގައި ބޭތިއްބޭނެ ގޮތެއް ނެތިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ބޮމާއި އައިއީޑީ ހެދުމުގެ ގާބިލުކަން ލިބިފައިވާ މީހުން މުޖުތަމައަށް ދޫވެފައި އެބަ ތިބި ކަމަށް، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ފުލުހުން ވިދާޅުވެފައިވާތީ އެފަރާތްތައް މިހާރު ބަންދު ކޮށްފައިވޭތޯ، މަޖިލީހުގެ އެކި މެންބަރުން މަޖިލިސް ޖަލްސާގައި މިއަދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެކަމާ ބެހޭ ގޮތުން އިމްރާނާ ސުވާލު ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، މުޖުތަމައަށް ނުރައްކާތެރި 15 މީހަކު މުޖުތަމައުގައި އުޅޭ ކަމަށާއި، އެހެންކަމުން ޓެރަރިޒަމްގެ ގާނޫނު އަވަހަށް ނިންމަން ޖެހޭކަމަށް މިނިސްޓަރު އިމްރާން ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިސް ރިސެސްގައި އޮވެގެން 2019 ވަނަ އަހަރު ޓެރަރިޒަމްގެ ގާނޫނު މަޖިލީހުން ނިންމައިދީފައިވާ ކަމަށެވެ.

އެހެންކަމުން އޭރު މުޖުތަމައަށް ނުރައްކާތެރި މީީހުންގެ ގޮތުގައި ތިބި ކިތައް މީހުން މިހާރު ހައްޔަރު ކޮށްފައި ވޭތޯ އާއި އެމީހުން ހައްޔަރު ކުރިނަމަ މިހާރު ތިބީ ބަންދުގައި ތޯ، ނުވަތަ ޖަލުގައިތޯ، ނުވަތަ އެމީހުން ތިބީ ހުކުމެއްގައިތޯ، ނުވަތަ މުޖުތަމައަށް ދޫވެފައިތޯ، އިލިޔާސް ލަބީބު ސުވާލު ކުރެއްވިއެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، އޭރު ގާނޫނު ހެދުމުގައި މަޖިލީހުން ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ.

ނަމަވެސް އޭރު އެ ގާނޫނު އިސްލާހުވެގެން އައިއިރު ވެސް އެފަދަ މީހުން ބަންދުގައި ބޭތިއްބޭނެ ގޮތެއް ގާނޫނުގެ ތެރެއިން ހަމަޖެހިފައި ނެތް ކަމަށާއި، ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހުވެސް އެވާހަކަތައް މަޖިލީހާއި އެކި ތަންތަނުގައި ދައްކަވަމުން ގެންދަވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އައިއީޑީ ހެދުމުގެ ގާބިލުކަން ލިބިފައިވާ ފަރާތްތައް މުޖުތަމައަށް ދޫވެފައި ތިބުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

އެފަދަ ފަރާތްތައް ހައްޔަރުކޮށް، ހާއްސަކޮށް ރިބިލިޓޭޓް ވަންދެން ދައުލަތުގެ ބަންދުގައި ބޭތިއްބޭނެ ނިޒާމެއް ގާނޫނުގެ ތެރެއިން ލިބިދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި މަޖިލީހުގެ ބައްދަލުވުން ތަކާއި އެޓާނީ ޖެނެރަލްއާވެސް އެވާހަކަ ދއްކަވާފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ

ނަމަވެސް "އެފަދަ ފަރާތްތައް ދޫވެފައި މި ތިބެނީ، އެ ގާބިލުކަން ހުރިކަމަށް ފުލުހުންގެ ރިޕޯޓުތަކުން އެނގުނު ކަމުގައިވީ ނަމަވެސް އޭނާ އެފަދަ އަމަލެއް ހިންގާކަން ނުވަތަ ހިންގަން އުޅޭ ކަމަށް ސާބިތު ކޮށްދެވެން ނެތީތީވެ، އޭނާއަށް ލިބިފައި ހުރި ގާބިލު ކަމަކާ ހުރެ އޭނާ ބަންދުގައި ބެހެއްޓޭނެ ގޮތެއް ގާނޫނުގެ ތެރެއަކުން ދައްކައެއް ނުދޭ،" ކަމަށެވެ.

އޭގެ ބަދަލުގައި މިހާރު ގާނޫނު އޮންނަ ގޮތުން އެފަދަ މީހުން ހައްޔަރު ކުރާ ފަރާތްތައް ކުށްވެރިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.