ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމާލެ ތަހުގީގަށް ހުރަސް އެޅިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އެކަމުގެ ތަހުގީގުގެ އިތުބާރަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއްވެސް ނުކުރެއްވުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެދިވަޑައިގެންފިއެވެ.
ޕޮލިސް ކޮމިޝަނަރު މިކަމަށް އެދިވަޑައިގެންފައި ވަނީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާމެދު ސޯޝަލް މީޑިއާ މެދުވެރިކޮށް އެކި ފަރާތްތަކުން ތަފާތު ވާހަކަތަކެއް ދައްކަން ފެށުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލިސް ރައީސް، މުހައްމަދު ނަޝީދަށް އަމާޒު ކޮށްގެން މިމަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ތަހުގީގު، ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދަނީ ވަރަށް އިންތިޒާމު ވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް ކަމަށެވެ.
އެ މއްސަލައިގެ ތަހުގީގުގައި އެފަދަ މައްސަލައެއްގައި ހިމެނޭނެ ހުރިހާ ކަމެއް ބަލަމުން އަންނަ ކަމަށާއި، "މިހަމަލާއާ ގުޅޭ ކުޑަ މައުލޫމާތެއްވިޔަސް، ވަރަށް ގިނަ މައުލޫމާތުވިޔަސް އެއްވެސް ފަރާތަކަށް އެނގިވަޑައިގެންފައިވާ ނަމަ ފުލުހުންނާ ސީދާ ހިއްސާކޮށްދެއްވުމަށް އިލްތިމާސްކުރަން،" ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ގުޅުއްވާނީ 9704000 އަށް ކަމަށާއި، މައުލޫމާތާއި ފޮޓޯ އާއި ވީޑިއޯ، https://u.police.mv/evidence މި ލިންކު ބޭނުން ކުރައްވައިގެން ހިއްސާ ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ސީޕީ މުހައްމަދު ހަމީދު
ސީޕީ މުހައްމަދު ހަމީދު
ސީޕީ މުހައްމަދު ހަމީދު