ފުލުހުންގެ އިންޓެލިޖެންސް ފަންކްޝަންގެ ނަން ބަދަލުކުރުމަކީ ގޯހެއް ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ހިދުމަތުގެ އިދާރީ ހިންގުމާއި އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައީ މިމަހުގެ ދެ ވަނަ ދުވަހުގައެވެ.
އާ އޮނިގަނޑުގެ ދަށުން ފުލުހުންގެ ބައެއް މުހިންމު ޔުނިޓުތައް ކަމަށްވާ ތަހުގީގުގެ ދާއިރާއާއި އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިން އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ހާއްސަ ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވިފައި ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން 14 ދާއިރާއެއްގެ ކޮމާންޑަރުން ވަނީ އައްޔަނުކޮށްފައި ކަަމަށްވެސް ފުލުހުން ބުނެއެވެ.
ހަމީދުގެ ސޯޝަލް މީޑިއާގައި އިއްޔެ ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ މީގެ މަހެއްހާ ދުވަސް ކުރިން، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސްގެ މިސްރާބުއާއި، ގައުމީ ސަލާމަތުގެ އޮނިގަނޑުގެ ފުޅާ ދާއިރާއާ ބެހޭގޮތުން ލިޔެފައިވާނެ ކަމަށެވެ.
އޭރުގެ ކަންބޮޑުވުމަކީ އިންޓާނަލް ޓައިޓަލްތަކާއި އޯގަނައިޒޭޝަނަލް ޗާޓުތަކުގެ ވާހަކައެއް ނޫން ކަމަށް ހަމީދު ވިދާޅުވިއެވެ.
އެއަށް ވުރެ އަސާސީ މައްސަލައަކީ، ރާއްޖޭގައި އިންޓެލިޖެންސް ތަރައްގީ ކުރަނީ ޕްރޮފެޝަނަލް، ކޯޑިނޭޓެޑް އަދި ގާނޫނީ ގޮތުން ބިނާވެފައިވާ ފަންކްޝަނެއްގެ ގޮތުގައިތޯ ނުވަތަ އިންސްޓިޓިއުޝަނަލް އިމްޕްރޮވައިޒޭޝަންގެ ތެރެއިން އެ ދާއިރާ ދޫކޮށްލަނީތޯ އޭނާވަނީ ސުވާލު އުފައްދަވާފައެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް)ގެ އިންޓެލިޖެންސް ފަންކްޝަންގެ ނަން "ނޭޝަނަލް އިންޓެލިޖެންސް ސާވިސް" (އެންއައިއެސް)ގެ ނަމަށް ބަދަލުކުރަން ނިންމި ނިންމުމާ ގުޅިގެން އެ ކަންބޮޑުވުންތައް ވަނީ ވަރަށް ބޮޑަށް ބޮޑުވެފައި. އަޅުގަނޑުގެ ނަޒަރުގައި މިއީ ވަރަށް ބޮޑު ގޯހެއް. އެއީ އެމްޕީއެސް އަށް ވަރުގަދަ އިންޓެލިޖެންސް ގާބިލުކަން ނެތުމުން ނޫން. އެއީ ވަރަށް މުހިންމު ކަމެއް. ޒަމާނީ ފުލުހުންގެ ހިދުމަތެއްގައި ތަހުގީގާއި، ކުށްކުރުން ހުއްޓުވުމާއި، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި، އޯގަނައިޒްޑް ކްރައިމް ރެސްޕޮންސްތަކާއި، އިންޓާނަލް ސެކިއުރިޓީ ފަދަ ކަންކަން ކުރުމަށް ޕްރޮފެޝަނަލް އިންޓެލިޖެންސް ފަންކްޝަނެއް ބޭނުންވޭ." ހަމީދު ވިދާޅުވިއެވެ.
އެކަމަކު ފުލުހުންގެ އިންޓެލިޖެންސް ފަންކްޝަން ވަރުގަދަކޮށް އޮތުމާއި ގައުމީ އިންޓެލިޖެންސް ސާވިސްއެއް ކަމަށް ބުނުމާ ދެމެދު ވަރަށް ބޮޑު ތަފާތެއް އެބަ އޮތް ކަމަށެވެ.
އެ ތަފާތު ވަރަށް މުހިއްމު ކަމަށާއި ސަލާމަތީ މުއައްސަސާތަކުގައި ނަންތައް މުހިއްމު ކަމަށާއި އާންމު ވެރިކަމެއްގައި، ނަން ބަދަލުކުރުމަކީ މާބޮޑު މާނައެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ކޮމިޝަނާ ވިދާޅުވީ އެކަމަކު ސެކިއުރިޓީ ސެކްޓާގައި ނަން ބަރުދަން އޮންނަ ކަމަށެވެ. އެ މީހުން ލަފާ ކުރަނީ ބާރާއި މެންޑޭޓް، ރީޗް އަދި ޒިންމާ ކަމަށް ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.
"ފުލުހުންގެ އިންޓެލިޖެންސް ފަންކްޝަނަކަށް "ނޭޝަނަލް އިންޓެލިޖެންސް ސާވިސް" އޭ ކިޔާއިރު، އެމްޕީއެސް އަކީ ގައުމީ އިންޓެލިޖެންސްގެ އެންމެ މަތީ މަގާމެއް އަދާކުރާ މީހެއް ކަމަށް ގަބޫލު ކުރެވޭ. އޭގެ މާނައަކީ ގާނޫނު ތަންފީޒު ކުރާ އިދާރާއެއް އެ ގައުމުގެ ސެންޓްރަލް އިންޓެލިޖެންސް ބޮޑީ." ހަމީދު ވިދާޅުވިއެވެ.
އޭގެ އިތުރުންވެސް އެކަމުގެ ނުރައްކާ ބޮޑުވަނީ އިންސްޓިޓިއުޝަނަލް ޑިސްކައުންސް އިން ކަމަށް ފާހަގަކުރައްވަމުން ހަމީދު ވިދާޅުވީ، ރާއްޖޭގެ ސަލާމަތީ އިދާރާތައް މިހާރު ވެސް ހިންގަނީ ވަރަށް ނާޒުކު މާހައުލެއްގައި ކަމަށެވެ. ގާނޫނު ތަންފީޒުކުރުމާއި، ދިފާއީ ނިޒާމާއި، ބޯޑަރު ސެކިއުރިޓީއާއި، ކައުންޓާ ޓެރަރިޒަމްގެ މެންޑޭޓްތައް ވަރަށް ބޮޑަށް ގުޅިފައިވާތީ، ކޯޑިނޭޝަން އިތުރަށް މުހިއްމުވެގެންދާ ކަން ހަމީދު ވިދާޅުވިއެވެ.
"އެއް މުއައްސަސާއަކުން އެ މުއައްސަސާއެއްގެ ގާނޫނީ މެންޑޭޓަށް ވުރެ ދިގު ކަމަށް ބެލެވޭ ނަމެއް ބޭނުން ކުރުމުން އަނެއް މުއައްސަސާގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ. މިކަމުގެ ސަބަބުން އިންޓެލިޖެންސްގެ ބާރު، އެކްސެސް، ރިޕޯޓިން ލައިންސް، އަދި އިންޓެލިޖެންސްގެ މިލްކުވެރިކަމާ މެދު ސުވާލު އުފެދޭނެ. އެއީ ސިއްހަތަށް ފައިދާ ހުރި ކަމެއް ނޫން. ގައުމިއްޔަތުގެ ދަރަޖައަށް ވާދަކުރާ ޖާސޫސީ އިދާރާތަކެއް ރާއްޖެއަށް ބޭނުމެއް ނުވޭ." ހަމީދުގެ ޕޯސްޓުގައި ވެއެވެ.
ފާތިމަތު ލިއުޝާ
ސީޕީ މުހައްމަދު ހަމީދު
ސީޕީ މުހައްމަދު ހަމީދު
ސީޕީ މުހައްމަދު ހަމީދު