ފުލުހުންގެ ހިދުމަތަށް 2022 ވަނަ އަހަރު ބޮޑީވޯން ކެެމެރާ ގެނައުމުގައި އަމަލުކޮށްފައިވާނީ އުސޫލާ އެއްގޮތަށް ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އެކަމުގައި ހަމީދުގެ މައްޗަށް ކޮރަޕްޝަނަށް ޝައްކުކުރެވޭ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން އަމިއްލަ ބްލޮގްގައި ހަމީދު ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ.
އެގޮތުން އޭނާ ވިދާޅުވީ 2016 ވަނަ އަހަރު ޒެޓާ އެންޓަޕްރައިސަސްގެ ދަށުން ޒެޓާ ޓެކްނޮލޮޖީ ވުޖޫދުވީއްސުރެ ރާއްޖެއަށް އެކްސޮން ބްރޭންޑްގެ އުފެއްދުންތައް އެތެރެކުރަމުންދަނީ އެ ކުންފުނި މެދުވެރިކޮށް ކަމަށެވެ.
އަދި ބޮޑީ ވޯން ކެެމެރާ ގަތުމަށް ޕްރޮޕޯސަލް ހުށަހެޅުމުން އޮންނަ އުސޫލުގެ ދަށުން ފުލުހުންގެ ތެރެއިން ޓެކްނިކަލް އަދި އޮޕަރޭޝަނަލް ޓްރަޔަލްތަކާއި އިންޓާނަލް އިވެލުއޭޝަނާއި ޓެންޑަރިން ޕްރޮސެސް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ޕްރޮކިއުމަންޓް ކުރިއަށް ގެންގޮސްފައިވަނީ ހަތަރު އަހަރު ދުވަހުން ފައިސާ ދައްކާ ނިންމާ ގޮތަށް ކަމަށެވެ.
އޭގެ ފަހުން ބިޑު ކާމިޔާބު ނުކުރެވުނު ފަރާތަކުން އެ މައްސަލަ އޭސީސީއަށްވެސް ހުށަހެޅި ކަމަށާއި ނަމަވެސް މައްސަލަ ނިންމާފައިވަނީ އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭކަމަށް ކަމަށް ހަމީދު ވިދާޅުވެފައިވެއެވެ.
ކޮމިޝަނަރުކަމުން ރިޓަޔާކުރެއްވުމަށްފަހު، ހަމީދު އެ ކުންފުނީގެ ވަޒީފާއަށް ނިކުންނަވައި އެ ތަކެތި ޕްރޮމޯޓް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި ހަމީދު ވިދާޅުވީ އެކުންފުނީގެ ވަޒީފާއަށް ހަމީދު ނުކުންނެވީ ރިޓަޔާކުރެއްވިތާ ދޮޅު އަހަރު ފަހުން ކަމަށެވެ.
"މިއަހަރުގެ ކުރީކޮޅު އެއީ އަޅުގަނޑު ކޮމިޝަނަރު ކަމުން ރިޓަޔާކުރިތާ ދޮޅު އަހަރުފަހުން ޒެޓާއިން އަޅުގަނޑަށް އެޕްރޯޗްކުރީ އެކުންފުނީގެ މި ސަރަހައްދުގެ ޖެނެރަލް މެނޭޖަރުކަމަށް. އަޅުގަނޑު އެ ވަޒީފާ ގަބޫލުކުރިން، އެއީ އެ ކުންފުނިން އަޅުގަނޑަށް އެޕްރޯޗްކުރީ ނުފޫޒުގެ ސަބަބުންނެއް ނޫން، މި ދާއިރާގައި އަޅުގަނޑުގެ ތަޖުރިބާ ހުރީމަ، ފުލުހުންގެ ތެރޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން އައިސް ބޮޑީ ވޯން ކެމެރާ އާއި އެއްޗެހި ތައާރަފްވެގެން އައިއިރު އަޅުގަނޑު އެކަމުގައި އިސްކޮށް އުޅުނީމަ މި ދާއިރާގައި އަޅުގަނޑުގެ ވަރަށް ބައިވަރު ތަޖުރިބާ އެބަހުރި،" ހަމީދު ވިދާޅުވެފައިވެއެވެ.
ހަމީދު ވިދާޅުވީ ފުލުހުންގެ ވަޒީފާއިން ރިޓަޔާވުމަށްފަހު ޓެކްނޮލޮޖިކަލް އުފެއްދުންތައް ސަރުކާރުގެ މުއައްސަސާތަކަށް ފޯރުކޮށްދޭ އެހެން ކުންފުނިތަކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނާ އެއްވެސް ގާނޫނެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ޒެޓާގެ ވަޒީފާއަށް އޭނާ ވަޑައިގަތީ "ކޫލިން ޕީރިއަޑް" ނިންމާފައިކަންވެސް ފާހަގަކުރެއްވިއެވެ.
ހަމީދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުންވެސް އެފަދަ މިސާލުތައް ފެންނަން އެބަހުރި ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ މައްސަލައިގައި އެހާ ހާމަކަން ބޮޑުކޮށް ވާހަކަދެއްކެވީ ފެތުރޭ ދޮގު ހަބަރު ނުވަތަ މިސްލީޑިން އަޑުތަކުގެ ސަބަބުން އޭނާގެ އިންޓެގްރިޓީއާމެދު އާންމުންގެ މެދުގައި ސުވާލު އުފެދޭ ކަމަށެވެ.
ހަމީދު ވަނީ އެ މައްސަލަ ތެދުވެރިކަމާއެކު ދެފުށް ފެންނަ ގޮތަކަށް ބެލުމަށް އިދާރާތަކަށް ގޮވާލައިފައެވެ. އަދި އެކަމުގައި އޭނާގެ ފަރާތުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވިދާޅުވެފައެވެ.
އާއިޝަތު މާހާ
ކުށް
ކުށް
އެމެރިކާ