ކުށްވެރިންނަށް ޕެރޯލް ދިނުމާއި އަދި ކްލެމެންސީގެ ދަށުން މިނިވަން ކުރުމަކީ ނިޒާމުގެ ބައެއް ކަމަށާއި ނަމަވެސް އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކުށްވެރިން ދޫކުރުން އާދައަކަށް ހަދާފައިވާ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މި ދުވަސްވަރު މާލޭގައި ކުށްތައް އިތުރުވެފައިވަނީ މިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ކުށްވެރިންތަކެއް ދޫކޮށްލާފައިވާތީ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އިއްޔެ ވިދާޅުވުމުން، އެކަމާ ގުޅިގެން އެކްސްގައި ހަމީދު ވިދާޅުވީ، ޝިފާންގެ ވާހަކަތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި މަގާމާ ނުބައްދަލު ވާހަކަތަކެއް ކަމަށެވެ.
ހަމީދު ވިދާޅުވީ، އެފަދަ ވާހަކައެއް ފުލުހުންގެ ތަރުޖަމާނު ދެއްކުމަކީ ފުލުހުންގެ މައްޗަށް އޮންނަ އާންމުންގެ އިތުބާރަށް އަސަރުކޮށް، މުއައްސަސާގެ މިނިވަންކަމާއި ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ.
ހަމީދު ވިދާޅުވީ ނާޖާއިޒު ގޮތުގައި ކުށްވެރިން ދޫކުރުމަކީ މި ސަރުކާރުން ވެސް އަދި ކުރީ ސަރުކާރުން ވެސް ކުރި ކަމެއް ކަމަށާއި އެއީ ބޮޑު މައްސަލައެއް ކަމަށެވެ.
"ސިސްޓަމްގެ ތެރެއިން ނާޖައިޒު ގޮތްގޮތަށް ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި ކުށް ތަކުރާރު ކުރާ މީހުން ދޫކޮށްލުމާއި ބޮޑެތި، ނުރައްކާތެރި ކުށްވެރިންނަށް ޕެރޯލް އަދި ކްލެމެންސީ ކުރީގެ ސަރުކާރުން ވެސް އަދި މި ސަރުކާރުން ވެސް ދޭ ދިނުމަކީ މައްސަލަ ބޮޑުވެފައިވާ ކަމެއް. މިއީ މިހާރު ރާއްޖޭގައި އާދައަކަށް ވެފައި އޮތް ކަމެއް. އެއީ ކޮންމެ ސިޔާސީ ޕާޓީއެއް ވެރިކަމުގައި އޮތް ނަމަވެސް،" ހަމީދު ވިދާޅުވިއެވެ.
ހަމީދު އިތުރަށް ވިދާޅުވީ، ކުށްވެރިން އަބަދުވެސް ތިބެން ޖެހޭނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ކަމަށް ދެކުމަކީ ގޯހެއް ކަމަށާއި ޕެރޯލް އަދި ކްލެމެންސީއަކީ ޒިންމާދާރު ކަމާ އެކު ތަންފީޒު ކުރަން ޖެހޭ ގާނޫނީ ނިޒާމުގެ ބައެއް ކަމަށެވެ.
"އެއީ ޗެލެންޖިން ކަމެއް،" ކަމަށް ހަމީދު ވިދާޅުވިއެވެ.
ހަމީދު މިގޮތަށް ވިދާޅުވެފައިވާ އިރު، އެމްޑީޕީން ވެސް ވަނީ ޝިފާންގެ ވާހަކަތައް ކުށްވެރިކޮށް މިއަދު ބަޔާނެއް ނެރެފައެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ ޝިފާންގެ އެ ވާހަކަތަކީ އެއްވެސް އަސާސެއް ނެތި، ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ ބޭނުމުގައި ދެއްކެވި ވާހަތަކެއް ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.
"ގައުމުގެ އަމަން އަމާންކަން ބެލެހެއްޓުމާއި ކުށްކުރުން ހުއްޓުވުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައި އޮތް ފުލުހުންގެ ފަރާތުން މިފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި މި ޕާޓީން ދެކެން،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ، އެ ޕާޓީގެ ސަރުކާރުގައި، ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު މިނިވަން ކުރުމުގައި އަމަލުކޮށްފައި ވާނީ އެކަމަށް ހާއްސަ ގާނޫނު ކަމުގައިވާ "މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު"ގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކަށް ކަމަށާއި އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން، ޖަލުގެ އަހްލާގު ރަނގަޅު މީހުންނާއި ރިހެބިލިޓޭޓްކުރުމާއި މަސައްކަތް ދަސްކޮށްދިނުމަށް ޖަލުގައި ހިންގޭ އެކިއެކި ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން، މުޖުތަމައުއަށް އަނބުރާ ގެނެސް، އަލުން ދިރިއުޅުން ބިނާކުރުމަށް އިތުރު ފުރުސަތެއް ދެވިދާނެފަދަ މީހުން ފާހަގަކޮށް، ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތީން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު