މިމަހުގެ ހަ ވަނަ ދުވަހު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ އަޑި ނުހޯދޭ ނަމަ ސަލާމަތީ ފަރާތްތަކަށް އެ ކުރެވެނީ ތަހުގީގެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތައް ދައްކުވައިދޭ ފޮޓޯއަކާއެކު އިންތި މިއަދު ކުރެއްވި ޓްވުޓެއްގައި ވިދާޅުވީ، މަރަން ދިން ޓެރަރިސްޓް މި ހަމަލާގެ އަޑި ނުހޯދޭ ނަމަ އެކުރެވެނީ ތަހުގީގެއް ނޫން ކަމަށާއި، އެ ގާއިމުކުރެވެނީ އިންސާފެއް ވެސް ނޫން ކަމަށެވެ. އަދިއެ ހޯދައިދެވެނީ ރައްކާތެރިކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އިންތި މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުތަކާ މެދު އެމަނިކުފާނުވެސް ވަނީ ސުވާލު އުފައްދަވައިފައެވެ.
އެގޮތުން ރައީސް ނަޝީދުގެ ރަސްމީ ނޫން އެކައުންޓު ކަމަށްވާ އެލެކްސް އަހްމަދުގެ އެކައުންޓުން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެ ހަމަލާއަށް ފައިސާ ހަރަދު ކުރި މީހުން ހޯދުމުގައި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށެވެ.
"ބޮން ގޮއްވާލައި އަޅުގަނޑު މަރާލަން އުޅުމުގައި ފައިސާ ހަރަދު ކުރި މީހުން ހޯދުމުގައި އެންސީޓީސީ އިން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް އަޅުގަނޑަށް އެބަ ހަބަރު ލިބޭ،" ކަމަށްވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.
ރައީސް ނަޝީދު އެމަނިކުފާނުގެ ގެ ކޮޅުން ނިކުންނަވަނިކޮށް، ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ދިން މި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބި ފުރާނައަށް ނުރައްކާވިއެވެ.
ނަމަވެސް އޭޑީކޭ ހޮސްޕިޓަލުގައި އެމަނިކުފާނަށް ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެން އެ ގައުމުން ފަރުވާ ހޯއްދެވުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.
އެމަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން، ކުރިއަށް ގެންދާ ތަހުގީގު ތަކުގައި އެދެވޭ ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ތަހުގީގުތަކުގައި ހަރުކަށި ވިސްނުމުގެ ހަތަރު މީހަކު ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ލ. ގަން ތުނޑި ދުންފިނިއުފާ އަހްމަދު ފާތިހް(23އ) އާއި މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އަދި ވ. ތިނަދޫ، ހިޔާ، އަހުމަދު އަދުހަމެވެ.
ފުލުހުން ބުނީ މި ހަމަލާއަކީ ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ. އެހެންކަމުން އެ ކަމަށް ފަންޑު ކުރި މީހުނާއި އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
އިމްތިޔާޒް ފަހުމީ