ލ. ގަމުގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާދެމުންދިޔަ ދެ މީހަކު މަރުވެއްޖެ އެވެ.

ގަން ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ އެ އަތޮޅު މާވަށަށް ނިސްބަތްވާ 66 އަހަރުގެ އަންހެނަކާއި ގަން މަތިމަރަދޫ އަވަށަށް ނިސްބަތްވާ 88 އަހަރުގެ ފިރިހެނެކެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 107 އަށް އަރާފަ އެވެ.

ގަން ހޮސްޕިޓަލް މެނޭޖަރު އަލީ ނަޝީދު "ވަން" އަށް މިއަދު ވިދާޅުވީ އުމުރުން 88 އަހަރުގެ މީހާ މަރުވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. އޭނާ މީހާވެސް މަރުވި ސީދާ ގަޑިއެއް އޭނާ ވިދާޅެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މަރުވި ފިރިހެންމީހާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ އިއްޔެ އެވެ. އަދި އެމިހާ އަކީ ގިނަ ދުވަސްތަކެއް ވަންދެން އެނދުމަތިވެފައި އޮތް މީހެކެވެ.

ރާއްޖޭގައި އެންމެ ގިނައިން ކޮވިޑު ޖެހިގެން މީހުން މަރުވީ މިމަހުގައެވެ. މިމަހުގެ މިހާތަަނަށް 34 މީހަކު ވަނީ އެބަލީގައި މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 107 މީހުންގެ ތެރޭގައި ހިމެނެނީ 96 ދިވެހިންނާއި 11 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.