ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮވިޑް-19 މެނޭޖުކުރި ގޮތުގެ ފޯމިއުލާ ހޯދަން އެދުނު ގައުމުތަކުގެ މައުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު ކުރެއްވި އަމުރު އިސްތިއުނާފު ކުރުމަށް ފަހު، އެ މައްސަލަ ކުރިއަށް ނުގެންދަން ދައުލަތުން ނިންމުމުން ހައިކޯޓުން އެ މައްސަލަ ފައިލްކޮށްފިއެވެ.

މި މައްސަލައަކީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެ، ރާއްޖޭގެ އިގުތިސޯދު ކޮޅަށް ޖެހުމަށް ސޯލިހު ގެންގުޅުއްވި ސިޔާސަތު ހޯދުމަށް އެހެން ގައުމުތަކުގެ ވެރިން ވެސް ގުޅުއްވަމުން ގެންދަވާ ކަމަށް އޭރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަލްސާއެއްގައި ވިދާޅުވުމާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ. އެ ވާހަކައާ ގުޅިގެން، އެއީ ކޮން ގައުމުތަކެއްތޯ ސާފުކުރުމަށް، އޭރުގެ ނޫސްވެރިޔާ އަދި މިހާރުގެ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އަޒާން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ފޮރިން މިނިސްޓްރީއަށް ހުށަހެޅުއްވިއެވެ.

ނަމަވެސް، އޭރު ފޮރިން މިނިސްޓްރީން އެ މައުލޫމާތު ދިނުމަށް އިންކާރު ކުރީ އެއީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ބަދަލުކުރެވޭ މައުލޫމާތުތަކެއް ކަމަށް ބުނެއެވެ. އަދި އެފަދަ މައުލޫމާތު ހާމަކޮށްފި ނަމަ، މުސްތަގުބަލުގައި އެހެން ގައުމުތަކުން ސަރުކާރަށް މައުލޫމާތު ހިއްސާކުރުމަށް ހުރަސްއެޅިދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. މިނިސްޓްރީގެ އެ ޖަވާބު ބަލައިނުގަނެ، އިންފޮމޭޝަން ކޮމިޝަނަރު އެންގެވީ އަޒާންއަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށެވެ.

ނަމަވެސް، ކުރީގެ ސަރުކާރުން އެ ނިންމުމަށް އަމަލުނުކޮށް، މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުން ފުރަތަމަ އެ މައްސަލަ ބަލައިނުގަތް ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބެލޭނެ ކަމަށް ނިންމާފައެވެ. އެއާއެކު، ދައުލަތުން އަލުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލަ ހައިކޯޓުގައި ހިނގަމުން ދަނިކޮށް، މިހާރުގެ ސަރުކާރުގެ ބަންޑާރަ ނައިބުގެ އޮފީހުން މައްސަލަ މުރާޖައާ ކުރުމަށް ފަހު، ދެން އިތުރަށް އެ ދައުވާ ކުރިއަށް ނުގެންދަން ވަނީ ނިންމާފައެވެ. ދައުލަތުން އެ ދައުވާ ފޯމު ބާތިލުކޮށްދިނުމަށް އެދުމާ ގުޅިގެން، ހައިކޯޓުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށް ނިންމާލާފައެވެ.