ބްރެޒިލްގެ ތަރި ނޭމާ، ކޮވިޑް 19 އަށް ޕޮސިޓިވްވެ، އެކަހެރިކޮށްފައިވާ ކަމަށް އޭނާގެ ކްލަބު ސަންޓޯސްއިން ބުނެފިއެވެ.
ސަންޓޯސްއިން ބުނީ އުމުރުން 33 އަހަރުގެ ނޭމާގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށީ ބުރާސްފަތި ދުވަހު ކަމަށެވެ. އެ ދުވަހު ނޭމާ ކޮވިޑް 19 އަށް ޓެސްޓް ކުރިއިރު ޕޮސިޓިވްވެފައިވާތީ، މިހާރު ހުރީ އެކަހެރިކޮށްފައި ކަމަށްވެސް ކްލަބުން ނެރުނު ބަޔާނުގައިވެއެވެ.
ސަންޓޯސްއިން ކުރިއަށް އޮތް ލީގު މެޗުގައި، މިހަފުތާ ބުރާސްފަތި ދުވަހު ފޯޓަލޭޒާއާ ދެކޮޅަށް ނުކުންނަ އިރު، އެމެޗު ނޭމާއަށް ގެއްލޭނެއެވެ. އެއީ ސަސްޕެންޝަނުގެ ސަބަބުންނެވެ. ކޮވިޑާ ގުޅިގެން ނޭމާ ކުޅުމާ ދުރަށް ދާނީ ކިހާ ދުވަހަކަށް ކަމެއް ސަންޓޯސްއިން ހާމަކޮށްފައެއް ނުވެއެވެ.
ސައުދީ އަރަބިއާގެ އަލް ހިލާލުގައި ހުރުމަށްފަހު ސަންޓޯސްއަށް ބަދަލުވެފައިވާ ނޭމާ، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ޖޫން 30 އަށް ހަމަވާނެއެވެ.
ކުރިއަށް އޮތް ކްލަބު ވޯލްޑް ކަޕަށް ބްރެޒިލް ލީގު މެދުކަނޑާލަން ހަމަޖެހިފައިވާ އިރު، ސަންޓޯސްގައި ނޭމާގެ ކުރިމަގާމެދު އޮތީ ސުވާލުތަކެއް އުފެދިފައެވެ.
ނޭމާއަށް ސަންޓޯސްގައިވެސް އަނިޔާގެ މައްސަލަތަކެއް ދިމާވެފައިވާ އިރު، އެ ކްލަބުގައި އޭނާ މިހާތަނަށް ކުޅުނީ 12 މެޗެވެ. އެ 12 މެޗުން ތިން ގޯލު ޖަހައި، ތިން އެސިސްޓް ފުރިހަމަ ކޮށްދީފައިވެއެވެ.
ނޭމާ
ނޭމާ
ނޭމާ