ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހޭ 92،000 މީހަކު އެބަތިބި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖޭގައި މިހާރު ހުރީ ކޮވިޝީލްޑް ވެކްސިންގެ 1،190 ޑޯޒް ކަމަށެވެ. ރާއްޖޭގައި މިހާރު ހުރި ކޮވިޝީލްޑް ވެކްސިންގެ ޑޯޒްތައް ދެމުން އަންނަނީ ސިއްހީ ހިދުމަތްތެރީންނާއި އެކިއެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.

މަބްރޫކް ވިދާޅުވީ، ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ އެތައް ހާސް ބަޔަކު އެބަތިބި ކަމަށެވެ.

"ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒް ޖަހަން ޖެހޭ 92،000 މީހަކު މިހާރު އެބަތިބި،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ކޮވިޝީލްޑް ވެކްސިނާއި އެސްޓްރާޒެނެކާ ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެގޮތުން ރާއްޖެއިން ގެނެފައިވާ އެސްޓްރާޒެނެކާ ވެކްސިންގެ 700،000 ޑޯޒްގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހުގެ ތެރޭގައި ރާއްޖެ ގެނެވޭވަރުވާނެ ކަމަށެވެ.

ކޮވިޝީލްޑާއި އެސްޓްރާޒެނެކާ ވެކްސިނަކީ އެއް ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އުފައްދާފައިވާ ދެ ވެކްސިނެވެ.

ރާއްޖޭގައި މިހާތަނަށް ވަނީ 302،974 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އަދި 142،000 އަށްވުރެ ގިނަ މީހުން ވަނީ ދެވަނަ ޑޯޒް ޖަހައިފައެވެ. ރާއްޖޭގައި ދެމުން އަންނަނީ ކޮވިޝީލްޑްގެ އިތުރުން ފައިޒާ އާއި ސިނޮފާމް ވެކްސިނެވެ.