ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އުފެއްދުންތައް ތައްޔާރުކުރުމަށް އެތެރެކުރާ ތަކެތިން ފަސް އަހަރު ދުވަހުގެ މުއްދަތަށް އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ ރޯ މެޓީރިއަލްގެ ފުރިހަމަ ލިސްޓެއް އެކުލަވައިލުމަށްފަހު، އެ ތަކެތިން 0 ޕަސަންޓުގައި ރޭޓުގައި ޑިއުޓީ ނަގާ ގޮތަށް އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ނިންމާފައިވާ ކަމަށެވެ.
"އައިޓަމްތަކުގެ ފުރިހަމަ ލިސްޓެއް ހަދާ، އެލިސްޓުގައިވާ ބާވަތްތަކަށް 0 އިންސައްތަ ރޭޓުގައި އިމްޕޯޓް ޑިއުޓީ ނަގާ ގޮތަށް 1 ޖަނަވަރީ 2027 އިން ފެށިގެން ފަސް އަހަރު ދުވަހަށް ކަނޑައަޅާ ގޮތަށް ސަރުކާރުން މިވަނީ ނިންމާފައި" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ވަނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެހެން މައިގަނޑު ތިން ލުޔެއް ދިނުމަށް ނިންމާފައި ކަމަށާއި އޭގެ ތެރޭގައި ސަރުކާރުގެ މަސައްކަތްތައް ކުރުމަށްފަހު ފައިސާ ނުލިބިވާ ފަރާތްތަކަށް، އެ ފައިސާއިން ޓެކްސް އަޅާކަނޑައި އޮފްސެޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ދި ޓެކުހަށް ރަޖިސްޓްރީ ކުރަންޖެހޭ ތްރެޝްހޯލްޑް 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށްޓަކައި ގާނޫނާއި ގާވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނެއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާއިން ޖީޑީޕީގައި ހިއްސާކުރާ މިންވަރު 2030 ވަނަ އަހަރާ ހަމައަށް 15 ޕަސަންޓަށް އިތުރުކުރުމެވެ.
ރައީސް ވިދާޅުވީ މި އަމާޒަށް ވާސިލުވުމަށްޓަކައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ހާނޫނަށް މިހާރު އިސްލާހު ގެނެސްފައިވާ ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް