ކުދި އަދި މެދުފަންތީގެ ވިޔަފާތިތަކަށް ޓެކްސްގެ ބޮޑެތި ލުއިތަކެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ ރޯ މެޓީރިއަލްގެ ފުރިހަމަ ލިސްޓެއް އެކުލަވައިލުމަށްފަހު، އެ ތަކެތިން 0 ޕަސަންޓުގައި ރޭޓުގައި ޑިއުޓީ ނަގާ ގޮތަށް އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ވަނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެހެން މައިގަނޑު ތިން ލުޔެއް ދިނުމަށް ނިންމާފައި ކަމަށެވެ.

އޭގެ ތެރޭގައި ސަރުކާރުގެ މަސައްކަތްތައް ކުރުމަށްފަހު ފައިސާ ނުލިބިވާ ފަރާތްތަކަށް، އެ ފައިސާއިން ޓެކްސް އަޅާކަނޑައި އޮފްސެޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ޓެކުހަށް ރަޖިސްޓްރީ ކުރަންޖެހޭ ތްރެޝްހޯލްޑް 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށްޓަކައި ގާނޫނާއި ގާވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނެއެވެ.

"ޖީއެސްޓީއަށް ރަޖިސްޓްރީކުރަން ލާޒިމްކުރާ އަދަދު 1 ޖެނުއަރީން ފެށިގެން 1.5 މިލިޔަން ރުފިޔާއާ ހަމައަށް މަތިކުރެވިގެންދާނެ" ރައީސް ވިދާޅުވިއެވެ.

"މާނައަކީ، މިސާލަކަށް ކުންފުންޏަކުން ދައްކަން އޮތް ޓެކްސް، ސަރުކާރުން އެެފަރާތަށް ދޭން އޮތް އަދަދަަށްވުރެ ކުޑަވިއްޔާ އެ ކުންފުނިން އެ ޓެކްސް އެ ފަހަރު ދައްކާކަށް ނުޖެހޭނެ. އެ އަޅާކިޔާފައި ބާކީ އޮންނަ ބައި ސަރުކާރުން އެ ފަރާތަށް ދޭނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާއިން ޖީޑީޕީގައި ހިއްސާކުރާ މިންވަރު 2030 ވަނަ އަހަރާ ހަމައަށް 15 ޕަސަންޓަށް އިތުރުކުރުމެވެ.

ރައީސް ވިދާޅުވީ މި އަމާޒަށް ވާސިލުވުމަށްޓަކައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ހާނޫނަށް މިހާރު އިސްލާހު ގެނެސްފައިވާ ކަމަށެވެ.