ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މި ސަރުކާރުން ކުދި، މެދުފަތިންތީގެ އަދި ބޮޑެތި ވިޔަފާރިތަކަށް ވެސް އިންވެސްޓްމެންޓުއްތައް ހޯދައިދީފައިވާ ކަމަށާއި އެކަމުގައި ބޮޑެތި ކުރިއެރުންތަކެއް ވެސް ހާސިލްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، ރާއްޖޭގެ އިގުތިޞސޯދު އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވަނީ ހާއްސަ ތަސައްވުރެއް ކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކު ވެސް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބެން ހުރި ފުރުސަތުތައް ހޯދުމަށް ރެޔާއި ދުވާލު އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށް ސައީދު ވިދާޅުވިއެވެ.
"ރާއްޖޭގެ އިގުތިސޯދުގައި އެންމެ އިސްދައުރެއް އެއްވެސް ޝައްކެއް ނެތި އަދާކުރާނީ ރާއްޖޭގެ އުފެއްދުންތެރި ރައްޔިތުން. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަލަށް ވިޔަފާރިއަށް ވަދެވަޑައިގަންނަވަން ބޭނުންވާ ފަރާތްތަކާއި ބިނާކުރަނިވި ހިޔާލުފުޅުތަކެއް ގެންގުޅުއްވާ ކޮންމެވެސް ކަހަލަ ނަފާވެރިކަމަކަށް ބޭނުންވާނެ ޒުވާނުންނަށްޓަކައި ރައީސް ތަސައްވުރެއް ކުރެއްސެވީ 2030ވަނަ އަހަރާ ހަމައަށް އަންނަންވާއިރަށް ކްރިއޭޓިވް އިކޮނޮމީ ރާއްޖޭގެ އިގުތިސޯދުގެ 15 ޕަސެންޓް ހިއްސާކުރައްވާނެ ކަމަށް. އަދި އެކަމަށް އިރުޝާދު ދެއްވި،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު އެންމެ ބޮޑެތި އިންވެސްޓްމެންޓުތަކުން ފެށިގެން އެންމެ ކުދި ވިޔަފާރިތަކާ ހަމައަށް ވަށާޖެހޭ ގޮތެއްގައި ސަރުކާރުން ގާއިމުކޮށްދެމުންދާތަން ފެންނަން ހުންނާނެ ކަމަށެވެ. އަދި ސަރުކާރުގެ މަސައްކަތާ އެކު އެންމެ ބޮޑެތި ވިޔަފާރިތަކުން ފެށިގެން އެންމެ ކުދި ވިޔަފާރިތަކަށްވެސް ފައިދާވާނެހެން، އިންވެސްޓްމެންޓުތައް ގެނެސް ބޮޑު ކުރިއެރުންތަކެއް ހާސިލްކޮށްފައިވާ ކަަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މި އަހަރުގެ މައުރަޒަކީ ކުރިން ރާއްޖޭގައި ނުބޭއްވާހާ ބޮޑު އަދި ފުރިހަމަ މައުރަޒަކަށް ވާނެ ކަމަށާއި މާދަމާ ރަސްމީކޮށް ހުޅުވާ އެ މައުރަޒުގައި 600 ބައިވެރިންގެ 4،400 އުފެއްދުން ފެނިގެންދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ މައުރަޒުގައި ބައިވެރިކޮށްފައިވަނީ 240 މީހެއްގެ 2،467 ޕްރޮޑަކްޓެކެވެ.
"އެއީ ވަރަށް ބޮޑު ކުރިއެރުމެއް. އަދި މި ޕްރޮޑަކްޓްތައް ބައިވެރިކުރުމުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވެފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. 240 މީހުން މިދިޔަ އަހަރު 2467 ޕްރޮޑަކްޓަށް ކޮންޓްރިބިއުޓް ކުރި އިރު މިއަދު އެ އަދަދު ވަނީ 600 ފަރާތަކަށް އިތުރުވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ކުރިން ފަސް ޑިސްޓްރިކްޓަކަށް މައުރަޒު ކުރިއަށް ދިޔަ ނަމަވެސް މިފަހަރުގެ މައުރަޒަށް އިތުރު ދެ ޑިސްޓްރިކްޓް އިތުރުކޮށްފައިވާ ކަމަށެވެ. އެއީ ވިޒިޓާ އިކޮނޮމީ އާއި އިންޓަނޭޝަނަލް ޑިސްޓްރިކްޓެވެ.
ސައީދު ވިދާޅުވީ ވިޒިޓާ އިކޮނޮމީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ބޮޑެތި އިންވެސްޓްމަންޓްތަކުން ފެށިގެން އެންމެ ކުދި އިންވެސްޓްމަންޓްތަކަށް ވެސް ހުޅުވިގެންދާ ދޮރެއް ކަމަށެވެ. އަދި އިންޓަނޭޝަނަލް ޑިސްޓްރިކްޓްގެ ސަބަބުން ބޭރުގެ އެކި އާދަޔާ ހިލާފު އީޖާދުތައް ފެނި، އެ މީހުންނާ ބައްދަލުކޮށް މައުލޫމާތު ހޯދުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ 2040 ވަނަ އަހަރާ ހަމައަށަ ދާއިރު ރާއްޖެއިން ބޭރުން ލިބޭ ބިނާކުރަނިވި ފައިދާތައް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންގެ މުސްތަގުބަލާއި ފުއްދުންތެރިކަމަށް އެ މަސައްކަތް މި ސަރުކާރުން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ކޮމެންޓް