ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ދޫކުރަން ފެށި ލޯނުގެ ފުރަތަމަ ފިޔަވަހި ނިމުނުއިރު، 3000އަށް ވުރެ ގިނަ ވިޔަފާރިތަކަށް 300 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ،

އެ ލޯނު ސްކީމަކީ ޖުމްލަ އެއް ބިލިއަން ރުފިޔާގެ ލޯނު ސްކީމެކެވެ. އެގޮތުން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ދޫކުރާ އެ ސްކީމުގައި 150،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ.

"ޒުވާން ވިޔަފާރިވެރިންނަށް އެއީ 18-30 އަހަރާ ދެމެދުގެ ޒުވާނުންނަށް. އެއީ ކުދި އަދި މެދުފަންތީގެ އަދި އެމްއެސްއެމްއީ ސެކްޓާގައި އެކި ކަހަލަގެ ވިޔަފާރިތައް ފެށުމާއި ފަށާފައި ހުރި ވިޔަފާރިތައް ފުޅާކުރުމަށްޓަކައި ހާއްސަކުރެވިގެން 15 ޖުލައިގައި އަޅުގަނޑުމެން ފެށި ސްކީމްގައި ޔޫތު އެންޓްރަޕްރިނާޝިޕް ފައިނޭންސިން ސްކީމްގައިއޭގެ ފުރަތަމަ ފިޔަވަހި ނިމުނުއިރު، 3 000އަށް ވުރެ ގިނަ ވިޔަފާރިތަކަށް މިވަނީ 300 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދެވިފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭގެ ދެވަނަ ފިޔަވަހި ނޮވެމްބަރު 1 ގައި ފަށާނެ ކަމަށެވެ.

ރައީސް ވަނީ ސަރުކާރުން ވަނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެހެން ބޮޑެތި ލުއިތަކެއް ދޭން ނިންމައިފައެވެ.

އޭގެ ތެރޭގައި ސަރުކާރުގެ މަސައްކަތްތައް ކުރުމަށްފަހު ފައިސާ ނުލިބިވާ ފަރާތްތަކަށް، އެ ފައިސާއިން ޓެކްސް އަޅާކަނޑައި އޮފްސެޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ދި ޓެކުހަށް ރަޖިސްޓްރީ ކުރަންޖެހޭ ތްރެޝްހޯލްޑް 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށްޓަކައި ގާނޫނާއި ގާވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނެއެވެ.