ސަލާމަތީ ހިދުމަތްތަކުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދެމުން ދަނިކޮށް، މިމަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު އަވަހާރަ ކޮށްލަން ޓެރަރިސްޓް ހަމަލާ ދީފައި ވާއިރު، ރައީސް ނަޝީދުގެ ރައްކާތެރިކަން ފޫއަޅުވައިލި ގޮތުގެ ތަހުގީގާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ބާއްވާ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
އެ ބައްދަލުވުން ފަށަން އޮތީ މިއަދު 1:30 ގައެވެ.
ރައްޔިތުންގެ މަޖިލިހުގެ މީޑިއާ އޮފިޝަލު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ދެންމެ ވިދާޅުވީ ޓޫފޯވަން ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފައިވާ ކަމަަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެފައި ވަނީ، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ގައުމު ބައިބައި ކުރުމަށް ކުރަމުންދާ މަަސައްކަތާ ދެކޮޅަށް މުޅި ގައުމު ތެދުވަން ޖެހޭ ކަމަށާއި ހައްދުފަހަނަ އަޅައި ދިއުމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި ގައުމުގެ ދަރީންގެ މުސްތަގުބަލަށް ޓަކައި ނަމަވެސް އެކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ރައީސް ނަޝީދު އެމަނިކުފާނުގެ ގެ ކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން ވަޑައިގަންވަނިކޮށް، ބޮމެއް ގޮއްވާލައިގެން ދިން މި ހަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބި ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހިފައެވެ.
އެ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަކުން ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާ ދިނުމަށް އެމަނިކުފާނު ވަނީ ޖަރުމަނު ވިލާތަށް ގެންގޮސްފައެވެ.
ގައުމީ ސަލާމަތު ކޮމެޓީ
ގައުމީ ސަލާމަތު ކޮމެޓީ
ގައުމީ ސަލާމަތު ކޮމެޓީ
ގައުމީ ސަލާމަތު ކޮމެޓީ