ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރި ދުވަހު، ހުރިހާ ވަޒީރުންނަށް ރުހުންދޭން ގޮވާލައި މަޖިލިސް އިދާރާ ކައިރީގައި ކުރި މުޒާހަރާގެ ތެރެއިން މަޖިލިސް ތެރެއަށް އުކާފައި ވަނީ ކުކުޅުބިސް ކަމަށް ގައުމީ ދިފާއީ ބާރު އެމްއެންޑީއެފް އާއި ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
އެފަރާތްތަކުން މިހެން ބުނީ، އެ މުޒާހަރާގެ ބައިވެރިން މަޖިލިސް ގޭގެ ވަށާފާރު މައްޗަށް އަރައި ގޯތި ތެރެއަށް އެއްޗެހި އުކާފައިވާ މައްސަލައަކާ ގުޅިގެން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް އެ ކިޮމިޓީގެ މެންބަރުން އެ ބޭފުޅުންނާ މިއަދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ޑިފެންސް މިނިސްޓަރު ގައްސާނު ވިދާޅުވީ، ގައުމީ ދިފާއީ ބާރުން ސަލާމަތީ ކަންތައްތައް ބަލަމުންދާ، މަޖިލީހުގެ ގެއާއި އެގޭގެ ވަށާފާރުގެ ތެރެއަށް މަޖިލީހުގެ ހުއްދައަކާ ނުލައި އެދުވަހު އެއްވެސް ފަރާތެއް ވަދެފައިނުވާ ކަމަށާއި އަދި ކުކުޅުބިސް ފިޔަވައި އިތުރު އެއްޗެއް މަޖިލިސް ތެރެއަށް އުކާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ގައްސާން ވިދާޅުވީ، މަޖިލީހުގެ އެއްވެސް މެންބަރެއްގެ ސަލާމަތަށްވެސް މަޖިލިސް ތެރޭގައި ނުރައްކަލެއް ކުރިމަތިނުވާ ކަމަށެވެ. އަދި ވިދާޅުވީ އެދުވަހު އެ ހާދިސާ ހިނގުމުން މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަ ކުރި ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، އެދުވަހުގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެދުވަހު މަޖިލީހުގެ ގޯތިތެރެއަށް ބިސްއުކަން ބިސް ގެނައި މީހުންނާއި ބިސްއުކި މީހުން ދެނެގަނެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ، އެ ކަމާބެހޭ އިތުރު މައުލޫމާތު ހާމަކުރުން ސިއްރު ކުރުމަށް އެދިވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު