ގާނޫނުގެ އަސާސީގައި ކަނޑައަޅާފައިވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ތިއްބަވާނެ މެންބަރުން ކަނޑައަޅައި މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ކަމަށް ވާތީ ހުރިހާ ކޮމިޓީއެއްގެ މެޖޯރިޓީ އޮތީ އެޕާޓީއަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގައި ތަމްސީލު ކުރާ ހުރިހާ ޕާޓީތަކެއްގެ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުން ކޮމިޓީތަކުގައި ވަނީ ހިމަނައިފައެވެ.
މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ މެދުގައި ބޭއްވި މަޝްވަރާއަށް ފަހު ޕާޓީތަކުން ހުށަހެޅި މެންބަރުން ހިމަނައިގެން މިއަދުގެ ޖަލްސާއިން ކޮމިޓީތައް ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި 83 މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ ބާރުގަދަ ކޮމިޓީއަކީ 241 ކޮމިޓީ އެވެ. އެއީ ގާނޫނުއަސާސީގެ 241 ވަނަ މާއްދާއިން އުފައްދާފައިވާ ކޮމިޓީއެކެވެ. އެކޮމެޓީގައި ތިއްބަވަނީ 13 މެންބަރުންނެވެ. އޭގެ އިތުރުން ދާއިމީ ކޮމިޓީ ތަކުގެ ގޮތުގައި މަޖިލީހުގައި އެކި ދާއިރާތަކާ ގުޅޭ 17 ކޮމިޓީއެއް ހިމެނެއެވެ. ދާއިމީ ކޮމިޓީތަކުގައި ތިއްބަވަނީ 11 މެންބަރުންނެވެ.
- 241 ކޮމިޓީ: ޕީއެންސީގެ އަށް މެންބަރުންނާއި އެހެން ކޮންމެ ޕާޓީއަކުން މެންބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއް
- މާލިއްޔަތު ކޮމިޓީ: އެމްޑީޕީގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި ޕީއެންސީ އަށް މެންބަރުން
- ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީ: އެމްޑީޕީގެ ދެ މެންބަރުންނާއި އެމްއެންޕީ މެންބަރެއްގެ އިތުރުން ޕީއެންސީ އަށް މެންބަރުން
- އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީ: އެމްޑީޕީގެ މެންބަރަކާއި ޕީއެންސީގެ 10 މެންބަރުން
- ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީ: ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްޑީޕީގެ މެންބަރަކާއި ޕީއެންސީގެ ނުވަ މެންބަރުން
- އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީ: އެމްޑީޕީގެ މެންބަރަކާއި ޕީއެންސީގެ 10 މެންބަރުން
- ޖުޑިޝަރީ ކޮމިޓީ: ޕީއެންސީގެ ނުވަ މެންބަރުންނާއި އެމްޑީޕީގެ ދެ މެންބަރުން
- ލާމަރުކަޒީ ކޮމިޓީ: ޕީއެންސީގެ ނުވަ މެންބަރުންނާއި އެމްޑީޕީގެ މެންބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއް
- ހާރިޖީ ގުޅުންތަކުގެ ކޮމިޓީ: ޕީއެންސީގެ ނުވަ މެންބަރުންނާއި އެމްޑީޕީ ދެ މެންބަރުން
- ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ: އެމްޑީޕީގެ މެންބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ އިތުރުން ޕީއެންސީގެ ނުވަ މެންބަރުން
- ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ: ޕީއެންސީގެ އަށް މެންބަރުންނާއި އެމްޑީޕީގެ ދެ މެންބަރުންނާއި އެމްޑީއޭގެ މެންބަރެއް
- މިނިވަން މުއައްސަސާތަކުގެ ކޮމިޓީ: ޕީއެންސީގެ ނުވަ މެންބަރުންނާއި އެމްޑީޕީ އާއި އެމްއެންޕީން މެންބަރެއް
- އިޖުތިމާއީ ކޮމިޓީ: އެމްޑީޕީ އާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ އިތުރުން ޕީއެންސީގެ ނުވަ މެންބަރުން
- އިގުތިސޯދީ ކޮމިޓީ: އެމްޑީއޭގެ މެންބަރަކާއި އެމްޑީޕީގެ ތިން މެންބަރުންގެ އިތުރުން ޕީއެންސީގެ ހަތް މެންބަރުން
- މާލިއްޔަތު ކޮމިޓީ: ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްޑީޕީގެ ދެ މެންބަރުންނާއި ޕީއެންސީގެ އަށް މެންބަރުން
- ގަވާއިދު ކޮމިޓީ: އެމްޑީޕީ އާއި އެމްޑީއޭއިން މެންބަރަކާއި ޕީއެންސީގެ ނުވަ މެންބަރުން
- އިމްތިޔާޒާއި ސުލޫކު ކޮމިޓީ: އެމްޑީޕީގެ މެންބަރަކާއި ޕީއެންސީގެ 10 މެންބަރުން
- ޕެޓިޝަން ކޮމިޓީ: އެމްޑީއޭ އާއި އެމްޑީޕީން މެންބަރަކާއި ޕީއެންސީގެ ނުވަ މެންބަރުން
- އާއްމު ކޮމިޓީ: އެމްޑީޕީ އާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ އިތުރުން ޕީއެންސީގެ ނުވަ މެންބަރުން
މިއަދުގެ ޖަލްސާއިން ކޮމިޓީތައް ފާސްކުރުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، މިއަދު 2:00 އިން ފެށިގެން ކޮމިޓީ ބައްދަލުވުންތަކަށް ކިއުއްވާނެ ކަމަށެވެ.
އެއީ ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން އިންތިހާބު ކުރެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އުއްމީދު ކުރައްވަނީ މިއަދާއި މާދަމާ އެ މަސައްކަތްތައް ކުރިއަށްގެން ގޮސް ނިންމެވުމަށްފަހު ވީހާ އަވަހަކަށް ކޮމިޓީތަކާ މަސައްކަތްތައް ހަވާލު ކުރެއްވުމަށް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ކުރީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިހުން މިހާރުގެ 20 ވަނަ މަޖިލީހަށް މަސައްކަތްތަކެއް ނަގުލުވެފައި ހުރުމުން، ކޮމިޓީގެ މަަސައްކަތްތައް އަވަށް ފެށުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު