މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އަންހެން މީހާގެ މައްސަލައިގައި ފުލުހުން ތަހުގީގާ މެދު އާންމުން ކަންބޮޑުވަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީންއެެއް ހެދުމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫގް އެދިއްޖެއެވެ.
ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ ހައްވާ ޔުމްނާ، 21އ އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އަޒާން މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓުނު މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ، އެކަހަލަ އެހެން މައްސަލަތަކުގައި ފުލުހުން އަމަލުކުރަމުންގެންދާ ގޮތްތަކާ ހިލާފަށް ކަމަށް އާންމުންގެ ގިނަބަޔަކު ކަންބޮޑުވުންފާޅުކުރަމުންދާ ކަމަށެވެ.
އަޒާން ވިދާޅުވީ، އެ މައްސަލައަކީ ގިނަ ޒުވާނުންތަކެއްގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. ފުލުހުން އެ މައްސަލައިގައި އަމަލުކޮށްފައިވަނީ ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކުތޯ ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަމަށް އަޒާން ވިދާޅުވިއެވެ.
"ވީމާ މި މައްސަލައިގެ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު ހިސާބުން އެ މުއައްސަސާގެ ފަރާތުން އަމަލުކޮށްފައިވާ ގޮތުގެ އިންކުއަރީއެއް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މެދުވެރިކޮށް ކުރިއަށްގެންގޮސް ދެއްވުން އެދި ދަންނަވަމެވެ،" އަޒާން ވިދާޅުވިއެވެ.
އަންހެން މީހާ ވެއްޓުނު މައްސަލައާ ގުޅިގެން އިސްކަންދަރު ކޮށީގައި ފުލުހުން އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ އަނިޔާވި އަންހެން ކުއްޖާ ހިމެނޭހެން އަށް މީހުން (ތިން އަންހެނުން، ފަސް ފިރިހެނުން) މާލޭގެ މެދުގައި ހުރި ގެއަކަށް ގޮސް އެ ގެއިން 18 ވަނަ ދުވަހުގެ ރޭގަނޑު 12:00-12:30 އާ ދެމެދު ނުކުމެއެވެ. އަދި އެ މީހުން ނުކުމެގެން އޭގެ ތެރެއިން ހަތަރު މީހުން އަމީނީ މަގުން ހެންވޭރުކޮޅުގައި ހުރި ގެއަކަށް ދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ގެއަށް ގޮސްފައިވަނީ އަނިޔާވި އަންހެން މީހާއާއި ތިން ފިރިހެނުން ކަމަށާއި އޭގެ ތެރެއިން ދެ ފިރިހެނުން އެ ގެއަށް ދިޔައީ ސައިކަލުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަނިޔާވި އަންހެން މީހާއާއި ދެން ހުރި ފިރިހެން މީހާ ހިނގާފައި ގޮސް އެގެއަށް ވަދެ، އެ ގޭގައި އެ ދުވަހުގެ ހަވީރު 4:30 ވަންދެން ތިބި ކަމަށް ފުލުހުން ބުނެފައިވެއެެވެ.
އޭގެ ފަހުގައި އެ ގެއަށް ދިޔަ އަންހެން މީހާއާއި ފިރިހެން މީހާ ހިނގާފައި ގޮސް ބުރުޒު މަގުގައި ހުންނަ ގެއަކަށް ވަންނަ ކަމަށް ފުލުހުން ބުންޏެވެ. އެއީ އަންހެން މީހާ ވެއްޓުނު ގެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ ގެއަށް އެ ދެ މީހުން ވަން އިރުވެސް ހުރީ މަސްތުގެ ހާލަތުގައެވެ. އެކަން އަމަލުންވެސް އެނގޭ ކަމަށް ބުނެފައިވެއެވެ. އަދި އެ ގެއަށް ވަދެ، ސިޑިން 9 ވަނަ ފްލޯއާ ހަމައަށް އަރައި އެ ތަނުގައި ވަގުތުތަކެއް ހޭދަަވި ކަމަށް ފުލުހުން ބުނެފައިވެއެވެ.
"އެ މީހުން ބޮޑަށް ހަރަކާތްތެރިވެފައިވަނީ 7،8،9 ވަނަ ފްލޯގައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އަންހެން މީހާ ވެއްޓުނީ 9 ވަނަ ފްލޯގެ ވައިގޮޅިން ކަމަށާއި އެއިރު އޭނާއާއެކު އެ ގެއަށް ވަން ފިރިހެން މީހާ ހުރީ އެހެން ފްލޯއެއްގައި ކަމަށެވެ. އެހެންކަމުން އެއީ އޭނާގެ ބައިވެރިވުން އޮވެގެން ވީކަމެއް ނޫން ކަމުގައި ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެ ފިރިހެން މީހާއަކީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ މަސްތުވާތަކެތީގެ ދާއިމީ ނަތީޖާ ކެބިނިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާގެ ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ، އަންހެން މީހާ "ރޭޕް" ކުރި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް އަންހެން މީހާއަށް ޖިންސީ ގޯނާއެއް ކޮށްފައިވޭތޯ ބެލުމަށް ހެދި ޓެސްޓުތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މުހައްމަދު އިޝާން
ގައުމީ ސަލާމަތު ކޮމެޓީ
ގައުމީ ސަލާމަތު ކޮމެޓީ
ގައުމީ ސަލާމަތު ކޮމެޓީ
ގައުމީ ސަލާމަތު ކޮމެޓީ