ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ވަތަނީ ހިދުމަތަށް ގާނޫނީ ބާރު ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ވަތަނީ ހިދުމަތުގެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ފަރުހަތު މުހައްމަދު މަޖިލީހަށް ހުށަހަޅުއްވި މިބިލު މަޖިލީހަށް ބަލައިގަތީ މިއަދުގެ ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 50 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލްގައި ވަނީ، ދައުލަތުގެ ޔުނީފޯމް އެޅި ހިދުމަތްތަކަށް ހާއްސަކޮށް، އަދި އެނޫންވެސް މަސައްކަތުގެ އެކި ދާއިރާތަކުގައި ހިދުމަތް ކުރަން އެދޭ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދީ، ޒުވާނުން ބާރުވެރި ކުރުވައި ގައުމަށާއި މުޖުތަމައަށް ފައިދާހުރި ޒުވާން ޖީލެއް ބިނާ ކުރުމުގެ ގޮތުން މަސައްކަތުގެ ދާއިރާތަކުގައި ހިދުމަތް ކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލްކަން އަށަގެންނެވުމަށްޓަކައި، ވަތަނީ ހިދުމަތުގެ ޕްރޮގްރާކެއް ތައާރަފްކޮށް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އެ ޕްރޮގްރާމް ހިންގުން ކަމަށެވެ.

އަދި އެ ޕްރޮގްރާމްގެ މައިގަނޑު އަސާސްތައް ކަނޑައަޅައި ޕްރޮގްރާމްގައި ބައިވެރިވުމާއި ޕްރޮގްރާމްގެ ދަށުން ތައުލީމާއި ތަމްރީނާއި ތަޖުރިމާ ފޯރުކޮށް ދިނުމުގެ އުސޫލުތަކާއި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ލިބިގެންދާނޭ ފުރުސަތުތައް ބަޔާންކޮށް އެނޫންވެސް ޕްރޮގްރާމް ހިންގައި ތަންފީޒު ކުރުމުގެ ހަމަތައް ބަޔާން ކުރުން ކަމަށްވެސް ބިލްގައި ބުނެފައިވެއެވެ.