ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) ވެސް އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ހިމެނިއްޖެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނާ ލިސްޓުގެ ބައެއްގެ ކޮޕީއެއް "ވަން"އަށް ވެސް ވަނީ ލިބިފައެވެ.
އެ ލިސްޓުގައިވާ ގޮތުން މިންޖުވާންގެ ނަމުގައި އެމްޑީޕީން ބޭއްވި މުޒާހަރާގެ ހަރަދުތަކަށް ތިން މިލިއަން ރުފިޔާ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު)ގެ ކުންފުނި މެދުވެރިކޮށް ހަޖައްސައިދީފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ވިދާޅުވެފައި ވެއެވެ.
އެ ލިސްޓުގައި ހިމެނޭ އެމްޑީޕީގެ އިސް ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ފާހަގަކޮށްލެވެއެވެ.
އެ ލިސްޓުގައި ބުނެފައިވާ ގޮތުގައި އަލީ އާޒިމްގެ ގެއަށް ގޮސް އެއް މިލިއަން ރުފިޔާ ދިން ކަމަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މުހައްމަދު ހުސައިން (އޮއިއްޓޭ) ވަނީ ބުނެފައެވެ.
އޭގެ އިތުރުން އަދީބުގެ ފޯނުގެ ފޮރެންސިކް އެނަލަސިސް އިން، އެކި ފަހަރު މަތިން އަލީ އާޒިމް ފައިސާ ހޯދާފައިވާ ކަމާއި، ކަނބާލިފަރު ކޮންސްޓްރަކްޝަން ލެޓާހެޑް ހޯދާފައިވާ ކަމާއި، އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ވޯޓުތައް ދާގޮތް އަންގައި، އަދީބު އަތުން ހޯދާ ފައިސާ ބޭނުންކޮށްގެން މެންބަރުންނަށް ރިޝްވަތު ދީފައިވާކަން އެނގޭ ކަމަށް ވެސް ބުނެފައިވެއެވެ.
ލިސްޓުގައިވާ ގޮތުން ހަސަން ލަތީފު ނަންގަވާފައިވަނީ ފަސް މިލިއަން ރުފިޔާއެވެ. މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ހަރަކާތްތަކަށް ހަރަދު ކުރުމަށް ފަސް މިލިއަން ރުފިޔާ ހަސަންއާ ހަވާލުކޮށްފައިވާނެ ކަމަށް އެ މައްސަލައިގައި ހިމެނޭ މުހައްމަދު އައްލާމް ލަތީފް ބުނެފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މިދިޔަ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ހިމެނެއެވެ. އެ ލިސްޓުގައި މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ބައެއް ވިޔަފާރިވެރިން ވެސް ހިމެނެއެވެ.
ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމެޓީއަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ލިސްޓު މިދިޔަ ބުރާސްފަތު ދުވަހު ހިއްސާކޮށްފައެވެ.