ކޮމިޓީގެ ބައެއް ހުށަހެޅުންތައް ހިމެނޭ ގޮތަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓާއެކު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމެޓީގެ ރިޕޯޓް ފާސްކޮށްފިއެވެ.
ހިޔާނާތުގެ ތުހުމަތު ކުރެވޭ 281 މީހެއްގެ ނަމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ލިސްޓު މިދިޔަ ބުރާސްފަތު ދުވަހު ހިއްސާކޮށްފައެވެ.
އެކަމާ ގުޅިގެން މިރޭ ކުރިއަށް ގެންދިޔަ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީ ބައްދަލުވުމުގައި ވަނީ ހުށަހެޅުނު ކަންކަމާމެދު މަޝްވަރާކޮށް، އެކަންކަން ހިމެނުމަށް ފާސްކޮށްފައެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓާއެކު އިތުރަށް ހުށަހެޅި ކަންކަން ފާސްކޮށްފައިވަނީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީން ހުށަހެޅި ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ މި މައްސަލާގައި ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކަކީ މައްސަލައަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭ ފަރާތްތަކެއް ކަމުން، މައްސަލަ އަވަސް ކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށެވެ. އަދި މި މައްސަލައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް ދެންނެވުމަށްވެސް ވަނީ ހުށަހަޅައިފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުން އެ ފައިސާ އަނބުރާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާގައި ދެންނެވުމަށާއި އެމަސައްކަތް ކުރިއަށް ގެންދާ ގޮތް މަޖިލީހުން ބެލުމަށްވެސް ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތައް ވަކި ކުރެވެން އޮތްނަމަ މަގާމަކުން ވަކި ކުރުމަށް ފެންނަ ކަމަށެވެ. އަދި ރައްޔިތުންގެ ވޯޓުން ހޮވާފައިވާ ފަރާތްތަކުގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަ އަވަސް ކުރުމަށްވެސް މިރޭގެ ކޮމިޓީގައި ވަނީ ފާސްކޮށްފައެވެ.
ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ހުށަހެޅިފައިވާ ކަންކަން ފާސްވުމުން، މާދަމާ އޮންނަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށެވެ.