މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލި ބޮޑު ބަލިމަޑުކަމަށް އަހަރަކަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރުވެސް މި ބަލިމަޑުކަމުން އަދިވެސް މިއުޅެނީ އަރައިނުގަނެވިގެންނެވެ. ރާޅަކަށްފަހު ރާޅަކުން މިހާރު މިއޮތީ ބޮޑު ސުނާމީއެއް ފަދަ ރާޅަކާ ކުރިމަތިލާންޖެހިފަ އެވެ. ރާއްޖެއަށް ބެލި ކަމުގައި ވީނަމަވެސް އެންމެ އުތުރުން ފެށިގެން އެންމެ ދެކުނާ ހިސާބަށް 32 ރަށެއް މިހާރުވެސް މޮނިޓަރިންގެ ހާލަތުގައި އޮތް އިރު އެތައް ރަށަކުން ވަނީ މި ބަލި ފެނިފަ އެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ފާއިތުވި ދެ ހަފުތާއަށް ބަލާލި ކަމުގައި ވީނަމަވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވަކިވެގެން އެދަނީ ކޮންމެވެސް މީީހެއްގެ ލޯބިވާ މާމަ އެވެ. މަންމަ އެވެ. ބައްޕަ ނުވަތަ އާއިލާގެ ކޮންމެވެސް މެންބަރެކެވެ. ހިތްދައްޗެއް ނުވޭ ހެއްޔެވެ؟ ވަކިވެގެންދާ މީހުންނާ ފަހުގެ ވަދާއީ ސަލާމް ކޮށްލާނެ ފުރުސަތެއްވެސް ގިނަ ބަޔަކަށް ނުލިބެ އެވެ. ހިތްފަޅައިގެންދާވަރު ނުވޭ ހެއްޔެވެ؟.
ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން ފެންނަ ކޮވިޑު ކޭސްތަކުގެ އަދަދު ބިރުގަންނަ ވަރަށް މަތިވެފައިވާއިރު މިކަމާމެދު ކަންބޮޑުވެ ހާސްވަނީ ކިތައް މީހުން ހެއްޔެވެ؟ ކޮވިޑަކީ އުޅޭ ބައްޔެއްކަން ގަބޫލު ކުރަނީ ކިތައް މީހުން ހެއްޔެވެ؟ މާސްކު ނާޅައި ބޭރުގައި ގުރޫޕު ހަދާލާފައި މަޖަލަށް އުޅެނީ ކިތައް މީހުން ހެއްޔެވެ؟ ފިޔަވަޅެއް އެޅިދާނެ އެވެ. އެ ފިޔަވަޅުތަކަށް ބޯލަނބަނީ ކިތައް މީހުން ހެއްޔެވެ؟
ސިއްހީ މާހިރުން ކަރުނަ އަޅަމުން އެ ކުރާ އާދޭހުގެ އަޑު އިވެނީ ކިތައް މީހުނަށް ހެއްޔެވެ؟ ހޮސްޕިޓަލްތައް ފުރިއްޖެއޭ ފަރުވާދެވޭނެ ގޮތް ހުސްވެދާނެ ކަމުގެ އިންޒާރު އެދެނީ ކިހާވަރަކަށް ހެއްޔެވެ؟ ދުނިޔޭގެ ބޮޑެތި ގައުމުތަކުންވެސް ފަރުވާ ނުދެވި އެތައް ފުރާނައެއް ދުނިޔެ ދޫކުރާ ވާހަކަ އަޑު ނީވޭ ހެއްޔެވެ؟ އެގައުމުތަކާ އަޅައި ބަލާއިރު ރާއްޖެ މިއީ ކުޑަ ކުޑަ ގައުމެކެވެ. ހުރިހާ ގޮތަކުން ބެލި ކަމުގައިވީނަމަވެސް ވަސީލަތްތައް މަދު ގައުމެކެވެ.
މުސްލިމުންގެ ގެފުޅު ބަންދުކޮށް މިސްކިތްތަކާއި ތަންތަން ބަންދުކުރުމުންވެސް މި ބަލީގެ ނުރައްކާ އިހުސާސް ނުވަނީތޯ އެވެ؟
ފަރުދީ ޒިންމާ އަދާ ކުރުމަށް އާދޭސް އެކުރަނީ ސިއްހީ މާހިރުން އަރާމު ކުރާކަށް ނޫނެވެ. ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކަ އެވެ. އެކަމަކު ހިތާމައަކީ އެކަމަށްވެސް ހަޖޫ ޖަހައި، ޕޮޒިޓިވް ވާ ކޭސްތަކުގެ އަދަދަކީ ސަރުކާރުން ކުޅޭ ކުޅިގަނޑެއް ކަމަށް ދެކިގެން އެކަކު އަނެކަކަށް ޖެއްސުން ކުރާ ބަޔަކު ވެސް އުޅޭ ކަމެވެ. ހުރިހާ ގޮތެއް ވަރިހަމަ މީހުން ގިނަ ކަމެވެ.
ކޮވިޑަކީ ހަމަ ހަގީގަތުގައި ވެސް ބިރުވެރި ނުރައްކާތެރި ބަލިމަޑުކަމެކެވެ. ހަމައެކަނި މި ރާއްޖެއިން ވެސް މި ބަލީގައި އެތައް ބަޔަކު ދުނިޔެއިން ވަކިވެގެން ހިނގައްޖެއެވެ. އެތައް އާއިލާއަކަށް ފަޅުކަންގެނެސްފި އެވެ.އެތައް ދަރީންނެއް ޔަތީމް ވެއްޖެ އެވެ. ފެންނަމުން ދަނީ ކޮންމެ ދުވަހަކު ދެ މީހުން ތިން މީހުން ނުވަތަ އެއަށްވުރެވެސް ގިނަ މީހުން މަރުވެގެންދާ ތަނެވެ.
މިއަދުގެ ހާލަތަށް ނަޒަރު ހިންގާލާށެވެ. ފެސިލިޓީތައް އެހުރީ ފުރުމާ ގާތް ވެފައެވެ. ދޮޅު އަހަރު ވާންދެން ރައްޔިތުން މި ބަލީން ސަލާމަތް ކުރުމަށް ޓަކައި ބުރަ މަސައްކަތުގައި ރެޔާއި ދުވާލު އުޅެ އުޅެ ސިއްހީ ހިދުމަތްތެރީން ވަރުބަލިވެއްޖެ އެވެ. ޗުއްޓީއަކާ ނުލައި، އާއިލާއަށް ވެސް އެކަށީގެންވާ ވަގުތެއް ނުދެވި އުޅޭން ޖެހުމުގެ ސަބަބުން އާއިލާތައް ބިކަ ވަނީއެވެ. އެ މީހުންގެ ބުރަކަށި ދަމާލައި ހިންދަމައިލާނެ ވަގުތެއް ލިބޭނީ ކޮން ދުވަހަކު ހެއްޔެވެ؟ ސައިޒުން ބޮޑު އިންޑިއާ އިނދަ ޖައްސާލި ފަދައިން މި ކުޑަކުޑަ ގައުމަށް ވެސް އެހެން ވެދާނެ ކަމުގެ އިންޒާރު ލިބި ބިރުހީވާން ފަށައިފި އެވެ. އެ އިންޒާރުތައް މިހާރު ރާއްޖޭގެ ސިއްހީ އެހީތެރިން ދޭން ފަށާފައިވާއިރު އިންޒާރުތައް ސީރިއަސްކޮށް ނަގަނީ ކިތައް މީހުންތޯ އެވެ؟
ކެނޑިނޭޅި އާންމު ސާފުތާހިރު ކަމަށް އިސްކަންދޭން ބުނާ އަޑަކީވެސް އޭގައި ގިނަ ހިކުމަތެއް އެކުލެވޭ ވާހަކަތަކެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. ސަރުކާރުން މިކަމުގައި އަޅަން ޖެހޭ ފިޔަވަޅުތަައް އެޅުމުގައި ފަހަތަށް ނުޖެހޭނެ ވާހަކައާ އެކު ރައްޔިތުންގެ ކިބައިން ލިބެން ޖެހޭ އެއްބާރުލުންވެސް ވަކިން ކުޑައެއް ނޫނެވެ. އެގޮތުން ގޭގައި މިދުވަސްވަރު ތިބެން އެންގުމުން އަދިވެސް މަގުތައް މަތީން މީހުން ދެކޮޅަށް ފިނި ބުރު ޖެހުމަށާއި، މަގުމަތީގައި ތިބި މީހުންގެ އަދަދު ބަލަން ނިކުތުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ ވަކި ފަރުދެއްގެ ޒިންމާދާރުކަން ކުޑަ އަމަލަކުން ހުރިހާ ރައްޔިތުންނަށް ލިބޭނެ ގެއްލުމަކާ ދޭތެރޭ ވިސްނާ ބަޔަކު ނަމަ އަމިއްލަ ސާފުތާހިރު ކަމަށް އިސްކަންދީގެން ގޭގައި މަޑުން ތިބުން ބުއްދިވެރި ނޫންހެއްޔެވެ؟
އަދުގެ ހާލަތަށް ބަލާނަމަ ކޮވިޑު ބަލީގެ މަރުވި މީހުންގެ އަދަދު މިހާރު 87 އަކަށް އަރާފައިވާއިރު މިއީ މި ކުޑަކުޑަ މުޖުތަމައާ އަޅައި ބަލާއިރު ގިނަ އަދަދެއް ނޫންތޯ އެވެ؟ މިއީ ވަކި އުމުރަކަށް ވަކި މީހަކަށް ޖެހޭ ބައްޔެއް ނޫނެވެ. ހޮސްޕިޓަލްތައް ކޮވިޑު ބަލި މީހުނުން ފުރިފައިވާއިރު ހާލު ސީރިއަސްވެ ވެންޓިލޭތަރުގައްޔާއި އައިސީޔޫގައި ފަރުވާ ދެމުން އަންނަ ޒުވާނުންގެ އަދަދު ވެސް މިހާރު އެވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.
ދަތިވެސް ވާނެ އެވެ. އުދަނގޫވެސް ވާނެ އެވެ. އެކަމަކު މި ހާލަތުން އަރައިގަތުމަށް ކެތްކުރަންވެސް ޖެހޭނެ އެވެ. ސަރުކާރާއި ސަރުކާރުގެ އިސްވެރިންނާއި ސިއްހީ މާހިރުންނަށް ޓަކައި ނޫން ނަމަ، އަމިއްލަ ނަފުސާއި އަނބިދަރިންނާއި މައިންބަފައިންގެ ހައްގުގައި ނަމަވެސް ފަރުދީ ޒިންމާ އަދާކުރުން މުހިންމު ނޫންތޯ އެވެ؟ މިއަދުގެ އަދަދުތައް ހާހުން މަތީގައި އުޅޭއިރު މިކަމާ ބިރު ގަނެ، މި ވަބާއިން ސަލާމަތް ކޮށްދެއްވުން އެދި މާތްﷲ ގެ ހަޟުރަތުގައި ދުއާކޮށް ބަސް އަހައިގެން ގޭގައި ތިބޭކަށް ނުވޭތޯ އެވެ؟ ވަކިވެގެން އެދަނީ ކޮންމެވެސް މީހެއްގެ ހަށިގަނޑުގެ އެއް ބައެވެ. ޔަތީމު އެވަނީ ކޮންމެވެސް މީހެއްގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅެވެ. މާދަން މިހާލަތުގައި ހުންނަން ޖެހޭނީ ތިބާ ނޫންކަމުގެ އޮތީ ކޮން ގެރެންޓީއެއް ހެއްޔެވެ؟