މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން 400 ގޮނޑި އަދި ޕީޕީއެމުން 325 ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ 975 ގޮނޑިއަކަށް މީހުން އިންތިހާބުކޮށްފައިވާ ކަަމަށެވެ. އަދި ޑަބްލިއުޑީސީ އިންތިހާބުގައި 905 މަގާމަކަށް މީހުން އިންތިހާބުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެމްޑީޕީން ކައުންސިލްތަކުގެ 400 ގޮނޑި ކާމިޔާބުކުރީ 804 ކެންޑިޑޭޓުން ވާދަކޮށްގެންނެވެ. އަދި ޕީޕީއެމުން 325 ގޮނޑި ކާމިޔާބުކުރީ 646 ކެންޑިޑޭޓުން ވާދަކޮށްގެންނެވެ.
ޝަރީފް ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ގޮނޑި ކާމިޔާބުކޮށްފައިވަނީ 400 ކެންޑިޑޭޓުންނަށް ކަމަށެވެ. ޕީޕީއެމަށް ކާމިޔާބުކުރެވުނީ 325 ގޮނޑި ކަމަށާއި ޖުމްހޫރީ ޕާޓީން 115 މަގާމަށް ވާދަކޮށްގެން ކާމިޔާބުކުރެވުނީ 23 ގޮނޑިއެވެ. އަދާލަތު ޕާޓީން 28 ގޮނޑިއަކަށް ކުރިމަތިލި އިރު، ކާމިޔާބުކުރެވުނީ 11 ގޮނޑިއެވެ. އަދި އެމްޑީއޭ އިން 20 ކެނޑިޑޭޓުން ނެރުނު އިރު، ކާމިޔާބުވީ 16 ގޮނޑި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އަމިއްލަ ގޮތުން މި އިންތިހާބުގައި ކުރިމަތިލާފައިވަނި 600 މީހުންނެވެ. އޭގެ ތެރެއިން 173 މީހުން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.
އިންތިހާބުގައި އެމްޑީޕީއަށް 43 ޕަސެންޓް އަދި ޕީޕީއެމަށް 34.9 ޕަސެންޓް ވަނީ ލިބިފައެވެ. އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓުންނަށް ވަނީ 18 ޕަސެންޓް ލިބިފައެވެ. އަދި ޖުމްހޫރީ ޕާޓީއަށް ދެ ޕަސެންޓް ލިބިފައިވާ އިރު، އެމްޑީއޭ އާއި އަދާލަތަށް ލިބިފައިވަނީ އެއް ޕަސެންޓް ގޮނޑިއެވެ.
މި އިންތިހާބުގައި އެމްޑީޕީން ވަނީ ތިން ސިޓީގެ މޭޔަރުކަން ހޯދައިފައެވެ. އެއީ ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީއެވެ. އޭގެ އިތުރުން ސިޓީ ކައުންސިލްގެ 18 ގޮނޑި އާއި އަތޮޅު ކައުންސިލް ރައީސްގެ 11 ގޮނޑިވެސް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އަދި 71 ރަށެއްގެ ރަށު ކައުންސިލްގެ ރައީސުންނަށްވެސް އިންތިހާބުވެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
މީގެ އިތުރުން އެމްޑީޕީގެ 155 ކެންޑިޑޭޓަކު ވަނީ ކައުންސިލް މެންބަރު ކަމަށް އިންތިހާބުވެފައެވެ. އަދި އަންހެނުންނަށް ހާއްސަކުރި ގޮނޑިތަކުން 142 ގޮނޑި ކާމިޔާބުކޮށްފައިވަނީވެސް އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. އިންތިހާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން 71 ރަށެއްގެ މެޖޯރިޓީ ލިބެނީ އެމްޑީޕީއަށެވެ.
އިދިކޮޅު ޕީޕީއެމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމާއެކު ސިޓީ ކައުންސިލްގެ 16 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ. އަތޮޅު ކައުންސިލް ރައީސްގެ ހަތް ގޮނޑި އާއި 51 ރަށެއްގެ ކައުންސިލްގެ ރައީސްކަންވެސް ވަނީ ކާމިޔާބުކޮށްފައެވެ. އަދި ކައުންސިލް މެމްބަރުންގެ 121 ގޮނޑި އާއި އަންހެނުންނަށް ހާއްސަކޮށްފައިވާ 139 ގޮނޑިއެއް ވަނީ ކާމިޔާބުކޮށްފައެވެ. 64 ކައުންސިލެއްގެ މެޖޯރިޓީ އޮތީ ޕީޕީއެމަށެވެ.
ޖޭޕީއަށް ލިބިފައިވަނީ ސިޓީ ކައުންސިލްގެ އެއް ގޮނޑި، ތިން ރަށެއްގެ ކައުންސިލްގެ ރައީސްކަމާއި ކައުންސިލް މެމްބަރުންގެ ހަތް ގޮނޑި އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ 15 ގޮނޑިއެކެވެ. ޖުމްހޫރީ ޕާޓީއަށް ވަނީ ތިން ރަށެއްގެ ކައުންސިލް މެޖޯރިޓީ ލިބިފައެވެ.
އެމްޑީއޭ އިން ރަށު ކައުންސިލް ރައީސްގެ ތިން ގޮނޑިއަކާއި ކައުންސިލް މެމްބަރުންގެ ފަސް ގޮނޑިއެއް އަދި އަންހެނުންނަށް ހާއްސަ އަށް ގޮނޑިއެއް ވަނީ ކާމިޔާބުކޮށްފައެވެ. އަދި އަދާލަތުން ކައުންސިލް ރައީސްގެ ތިން ގޮނޑިއަކާއި ކައުންސިލް މެމްބަރުގެ ފަސް ގޮނޑިއަކާއި އަންހެނުންނަށް ހާއްސަކޮށްފައިވާ ފަސް ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ.
އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރި ކެނޑިޑޭޓުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އިރު، ސިޓީ ކައުންސިލްތަކުން ތިން ގޮނޑިއަކާއި ރަށު ކައުންސިލުގެ ރައީސްގެ 36 ގޮނޑިއަކާއި ކައުންސިލް މެމްބަރުކަމުގެ 71 ގޮނޑި އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ 62 ގޮނޑިއެއް ވަނީ ކާމިޔާބުކޮށްފައެވެ. އެއާއެކު 31 ރަށެއްގެ މެޖޯރިޓީ އޮތީ އަމިއްލަ ކެންޑިޑޭޓުންގެ އަތްމަތީގައެވެ.
މި މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި 2،234 ކެންޑިޑޭޓުން ވާދަކުރިއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 282،073 މީހުންނަށެވެ. އޭގެތެރެއިން ވޯޓުލީ 186،253 މީހުންނެވެ. މުޅި ރާއްޖެއިން އިންތިހާބުގައި ވޯޓްލާފައިވަނީ ޖުމްލަ 68 ޕަސެންޓް މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު