ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖެހުމަށްފަހު، ދެ ހަފުތާ ވުމުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ރަށަށް ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރޭ ވަނީ ދެ ޑޯޒް ފުރިހަމަ ކުރުމުން ދަތުރުފަތުރު ކުރެވޭނޭ ގޮތަށް ލުއިތަކެއް ދީފައެވެ.
އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ވަނީ ވެކްސިންގެ ދެ ޑޯޒު ޖެހުމަށްފަހު، ދެ ހަފުތާ ވުމުން ރިސޯޓު މުވައްޒަފުންނަށް ވެސް ކަރަންޓީނު ވުމަކާ ނުލައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން ދެވަނަ ޑޯޒަށްފަހު ކަރަންޓީނުވާން ނުޖެހި ރަށަށްދެވޭނެ ފުރުސަތު ފަހިވީތީ އުފާކުރާ ކަމަށެވެ. އަދި ވިދާޅުވީ ފަތުރުވެރިކަމުގެ ކާމިޔާބުގައި މުވައްޒަފުންގެ ހިއްސާ ނުހަނު ބޮޑު ކަމަށާއި މުވައްޒަފުންގެ ހިދުމަތާއި ގުރުބާނީއަށް ޝުކުރު އަދާކުރާ ކަމަށެވެ.
އެޗްޕީއޭ އިން ރޭ ނެރުނު އިއުލާނެއްގައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ދެވިފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ.
އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ދެ ޑޯޒް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާ މީހުންނަށް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތައް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމަށް ހުއްދަދިނުމަށް އަމަލުކުރާނެ ދެ އުސޫލެއްވެސް އެޗްޕީއޭއިން ވަނީ އާންމުކޮށްފައެވެ.
އެގޮތުން ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ މަތި ރަށަކުން އެހެން ރަށަކަށް ދަތުރުކުރެވޭނީ ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކު ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދީން ދަތުރުކުރެވޭނީ ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކު ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓް އޮންނަން ނުޖެހޭނެ ކަމަށާއި އަދި ކަރަންޓީނުވާން ވެސް ނުޖެހޭނެ ކަމަށެވެ. ނަމަވެސް ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް އަދި ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް ރާއްޖެ އެތެރެވެވޭނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކުއެވެ. އަދި ރާއްޖެ އެތެރެވުމަށްފަހު ވެސް ޕީސީއާރު ޓެސްޓު ހަދަންވާނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ މިކަމަށް އަމަލުކުރަން ފެށުމާއެކު، ރަށެއްގެ އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިން ޖެހިފައިވާ ރަށްރަށާއި ބަލި އުޅޭ ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވް ރޭޓް ޕަސެންޓަށްވުރެ ދަށް ރަށްރަށާއި، ސާމްޕަލްގެ ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށްވުރެ މަތި ރަށްރަށް، އާންމު ކުރަމުން ގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު