ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ މިދަނޑިވަޅުގައި ބޮޑު ނުކުރަން އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން މިކަމަށް ގޮވާލީ މަޖިލިސް ރައީސް އާއި ވަޒީރުންގެ މަޖިލީހުގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ހަފުތާގައި ނިންމުމާ ގުޅިގެންނެވެ.
ކޮމިޓީ ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސާއި މަޖިލިސް މެންބަރުންނާ ލިބޭ މުސާރަ އާއި މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސަރައިގެ ފަރަގު ތަފާތު ކުރުމުގެ ގޮތުން މަޖިލިސް ރައީސްގެ މުސާރަ ބޮޑު ކުރުމަށްޓަކައި 22،000 ރުފިޔާގެ އެލަވަންސެއް މަޖިލިސް ރައީސަށް ހަމަޖެއްސުމަށެވެ.
އޭރުން މަޖިލިސް ރައީސަށް 95125 ރުފިޔާ، ނައިބު ރައީސަށް 91000 އަދި މެންބަރުންނަށް ލިބޭނީ 82500 ރުފިޔާލިބި، އެ ފަރާތްތަކުގެ މުސާރައިގެ ފަރަގު ތަފާތުވެގެންދާނެ އެވެ.
މަޖިލީހުގެ ރައީސަށް މިހާރު ލިބެނީ 73125 ރުފިޔާ ކަމަށާއި ނައިބް ރައީސަށް 91،000 ރުފިޔާ ކަމަށާއި މެންބަރުންނަށް ލިބެނީ ކޮމިޓީ އެލަވަންސާއެކު 82،500 ރުފިޔާއެވެ.
މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ 58،500 ރުފިޔާއިން 75،500 ރުފިޔާއަަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެ ގޮތަށް ކޮމިޓީން ފާސްކުރި އިރު، އެ ކޮމިޓީ ބައްދަލުމުގައި އިންނެވި ހަމައެކަނި އެމްޑީޕީ މެންބަރު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ދެކޮޅު ހެއްދެވިއެވެ.
އޭނާ ވިދާޅާވި މި ދަނޑިވަޅުގައި މުސާރަތަަކަށް މިފަދަ ބަދަލެއް ގެނައުމަކީ، ދުނިޔޭގެ މަސްރަހު މިވަގުތު އޮތްގޮތުން ސަރުކާރަށް އަނެއްކާވެސް ބުރަ ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް މިހާރު މިއޮތް ހާލަތު ބަދަލުވެގެން އެފަދަ ބަދަލެއް ގެނެވިދާނެ ކަމަށާއި، މިހާރު ކުރިމަގު ދައްކާ ގޮތުން މިއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ. އެހެންކަމުން މި ދަނޑިވަޅުގައި އެއްވެސް ތަނެއްގެ މުސާރައާ ކުޅެން ތާއީދު ނުކުރައްވާ ކަމަށް ގަފޫރު ވިދާޅުވިއެވެ.
އެކަމާގުޅިގެން އެ ނިންމުން ބަދަލުކުރަން ގޮވާލައްވައި، މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.
މި ބަޔާނުގައި ވަނީ، ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށްވެފައިވާ ދަނޑިވަޅެއްގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި އެ ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.
އެ ނިންމުމަކީ އެމްޑީޕީގެ މެމްބަރުންގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމެއް ކަމަށާއި އެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
މިހާރު ނިންމާފައިވާ ގޮތަށް ވެރިންގެ މުސާރަ އާއި އިނާޔަތްތައް އިތުރުކުރުމުން ދައުލަތުގެ ހަރަދަށް 40 މިލިއަން ރުފިޔާ އިތުރުވެގެންދާނެތީ، އެ ނިންމުން ބަދަލުކުރުމަށް ވަނީ ގޮވާލައިފައެވެ.
ވަޒީރުންނާއި މަޖިލިސް ރައީސްގެ އިނާޔަތްތައް އިތުރުކުރުމަށް ވުރެ މުހިންމު ކަންކަން ރާއްޖޭގެ ރައްޔިތުންނަށް މިވަގުތު އެބައޮތްކަން ފާހަގަކޮށް އެކަންކަމަށް އިސްކަން ދިނުމަށް މި ބަޔާނުގައި ސަރުކާރަށް ވަނީ ގޮވާލައިފައެވެ.
މީގެ އިތުރުން، ސަރުކާރުގެ ހަރަދު ކުޑަކުރުމަށާއި ރައްޔިތުންނަށް ލިބެމުންދާ ތަކުލީފުތައް ކުޑަކުރުމަށް އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރުމަށް ސަރުކާރަށާއި މަޖިލިސް މެމްބަރުންނަށް ވެސް މި ބަޔާނުގައި ގޮވާލާފައިވެއެވެ.
މި ބަޔާނުގައި ވަނީ، މިއަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީއަށް ވުރެ 4.5 ބިލިއަން ރުފިޔާ ސަރުކާރުން އިތުރަށް ހަރަދުކޮށްފައިވާއިރު، ދައުލަތުގެ ދަރަނި ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކަމަށެވެ.
ރައްޔިތުންގެ އަތުން ނަގާ ޓެކްސްތައް އިތުރުކުރުމަށްޓަކައި، ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން އެތައް ގާނޫނަކަށް ބަދަލު ގެނެސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ އަދަދަކީ ރައްޔިތުންގެ އެތައް ބޭނުންތަކެއް ފުއްދަން ބަޖެޓުގައި ހިމަނާފައިވާ އަދަދުތަކެއް ކަމަށާއި، ނަމަވެސް މި ގްރާންޓަށް ބަދަލު ގެނެސް، ކައުންސިލަރުންގެ މުސާރައަށް ބަދަލު ގެނައުމަކީ ހިދުމަތްތަކަށް ބުރޫއަރާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
މިދިޔަ އަހަރުން ފެށިގެން މަޖިލީހުގައި އޮތް ތައުލީމީ އަދި ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް އިތުރު ގަޑީގައި ދޭ ފައިސާއާ ގުޅޭ ގަރާރުގެ މަސައްްކަތް ވެސް ނުނިންމާ، މިފަދަ ގޮތަކަށް މުސާރައަށް ބަދަލު ގެނައުމުން ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް ކަމަަށާއި، މަޖިލީހުގެ މެމްބަރުންނަކީ މިފަދަ ކަންކަން ހުއްޓުވައި ސަރުކާރު ޖަވާބުދާރީކުރުވަން ތިބޭ ބައެއް ނަމަވެސް ޕީއެންސީ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން އެކަން ކަން ހުއްޓުވާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
ކޮމެންޓް