ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ސޯސަންމަގުގައި ހުންނަ އެމްޑީޕީ އޮފީހުގެ ބިއްރޫލިގަނޑެއް މިދިޔަ އަންގާރަ ދުވަހު ތަޅާލާފައިވަނީ، މަގުމަތީން ގަލެއް އެއްލައިގެންނެވެ.

މި މައްސަލާގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، އެމްޑީޕީ އޮފީހަށް ގެއްލުން ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 23 އަހަރުގެ ފިރިހެނަކާއި، 24 އަހަރުގެ ފިރިހެނެކާއި އަދި 36 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައި މިވަނީ، ނަތީޖާ އިތުރަށް ކަށަވަރު ކުރުމަށް އަންގާރަ ދުވަހު، 18 ވޯޓު ފޮއްޓެއް ދެވަނަ ފަހަރަށް ގުނަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމުމުން އެކަމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން އިންތިހާ ބާބެހޭ މަރުކަޒު ތެރެއަށް ވަދެ އިހުތިޖާޖު ކޮށްފައިވަނިކޮށެވެ.

އެ އިހުތިޖާޖު ކުރަމުން ދަނިކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ސަރަހައްދަށް ވަޑައިގެންފަ އެވެ. އެއާއެކު އެ ސަރަހައްދުގެ މަސްރަހު ހޫނު ވެ، ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް ހިނގި އެވެ. އަދި ފަހުން ރައީސް ނަޝީދު ވަނީ އެ ސަރަހައްދު ދޫކޮށް ވަޑައިގެންފަ އެވެ.