އިއްޔެ ބޭއްވި ލޯކަލް ކައުންސިލް ތަކުގެ އިންތިހާބު ކާމިޔާބު ކުރެއްވި، ސިޓީކައުންސިލްތަކުގެ މޭޔަރުންނާ ފޯނުން ގުޅުއްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބުގައި، މާލެ ފިޔަވައި، އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
އެމްޑީޕީ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރާ ވާދަކޮށް ބޮޑު ކާމިޔާބެއް ހޯއްދަވައިގެން، މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގެންނެވީ، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވި މޭޔަރުންނަށް ގުޅުއްވައި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.
އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އައްޑޫގެ މޭޔަރު ކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވީ، ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރެވެ.
މި އިންތިހާބުގައި ފުރަތަމަ ފަހަރަށް ކުޅުދުއްފުށީ މޭޔަރުގެ މަގާމަށް ހޮވާފައި ވަނީވެސް އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށްވާ މުހައްމަދު އާތިފެވެ. ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ހޮވިވަޑައިގަތީ، އެމްޑީޕީގެ އިސްމާއިލް ރަފީގެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް ވަނީ، މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގެންނެވި މުއިއްޒަށް މަރުހަބާ ވިދާޅުވެފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު