ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރައްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި ކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ.

ސޯލިހްގެ އަރިސް ބޭފުޅަކު "ވަން" އަށް ވިދާޅުވި ގޮތުގައި މިއަހަރު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް ވާދަ ނުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރައީސް ސޯލިހް، އެ މަނިކުފާނުގެ ވެރިކަމުގެ ނައިބު ރައީސް ފައިސަލް ނަސީމަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. އެގޮތުން ފައިސަލްގެ ކެމްޕޭން ޓީމްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވެސް ވަނީ ފައިސަލް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުކުންނަވަނީ ސޯލިހްގެ "ބެކިން"އާ އެކު ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވި ހަމައެކަނި ނައިބު ރައީސްގެ ޝަރަފު އޮތް ފައިސަލަށް، ރައީސް ސޯލިހުގެ ތާއީދު އޮތް ކަމުގެ ވާހަކަތަކެއް ސިޔާސީ ދާއިރާގައި ދެކެވުނު ނަމަވެސް، އެކަމާ ގުޅޭ ގޮތުން ސޯލިހު ވެސް އަދި ފައިސަލް ވެސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

އަޑުތައް މިގޮތަށް ފެތުރުނު އިރު، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމުގެ ޝައުގުވެރިކަމާ އެކު، ފައިސަލް ވަނީ މިދިޔަ އާދިއްތަ ދުވަހު ވެސް ސޯލިހާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.

ޖުމްހޫރީ ޕާޓީގައި 16 އަހަރު ހޭދަކުރެއްވުމަށް ފަހު ޖެނުއަރީ 2024 ގައި އެ ޕާޓީން ވަކިވެވަޑައިގެންނެވި ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތީ، އެ ޕާޓީއަށް 2023 ގެ ވެރިކަން ގެއްލުނު ފަހުން ފެބްރުއަރީ 22، 2024 ގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން މިހާރު ވެސް ބޮޑުވެފައިވާއިރު، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި މަޖިލިސް މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި ކެމްޕެއިން ފައްޓަވައިފައެވެ.

އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ފެށިފައިވާއިރު، ވެރިކަންކުރާ ޕީއެންސީން ވަނީ 2028 ގެ ރިޔާސީ ޓިކެޓް މިދިޔަ ހުކުރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވަން ނިންމައި އެކަން އިއުލާނުކޮށްފައެވެ.