އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކުރިއަށްއޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު އިއުލާން ކުރައްވައިފިއެވެ.
ރިޔާސީ އިންތިހާބު 2028 ގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވީ މަޝްހޫރު ޕްރްޒެންޓަރު މޫސާ ވަސީމް ހުށަހަޅުއްވަން ފެއްޓެވި 'ޝަމްހީދުއާއެކު' ސިލްސިލާގެ އިންޓަވިއުތަކުގެ ފުރަތަމަ އެޕިސޯޑުގައެވެ.
މޫސާ ވަސީމް ކުރެއްވި ފުރަތަމަ ސުވާލަކީވެސް ޝަމްހީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނަންތޯއެވެ. ޖަވާބުދެއްވަމުން ޝަމްހީދު ވިދާޅުވީ، ﷲ އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ކުރިއަށްއޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ.
ޝަމްހީދު ވިދާޅުވީ، 2024 ގައި ބޭއްވި މަޖިލިސް އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރުކަމަށް އޭނާ ކެމްޕެއިން ކުރެއްވި އިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ދާއިރާގެ ރައްޔިތުންގެ އަރިހުގައި ވައުދުވެވަޑައިގެންނެވި ކަމަށެވެ.
އޭނާ ވިދާޅުވީ އާ ވިސްނުންތަކާއެކު ވެރިކަންކުރަން ޕާޓީގެ ގިނަ މެމްބަރުންގެ ތާއީދު އޭނާއަށް ލިބޭނެ ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކުރައްވާފައިވަނީ ދެ ބޭފުޅެކެވެ. އެއީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެ ދެ ބޭފުޅުން ގެންދަވަނީ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް، ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އެ މަނިކުފާނާ އަރިސް ބަައެއް ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. ނަމަވެސް އެ މަނިކުފާނު ރަސްމީކޮށް އަދި އެކަން އިއުލާނެއް ނުކުރައްވައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ކޮމެންޓް