ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް، އެހެން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވުމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން އެދި ވަޑައިގެން، މަޖިލިސްގެ ރުހުން ހޯއްދެވުމަށް ރައީސް މަޖިލީހަށް ފޮނުއްވުމުން ކޮމިޓީން ރުހުން ނުދިން އައިޝަތު ލީޒާ، އޭރީޒް ށ. ކޮމަންޑޫ ގެ ނަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓަކަށް ނޭއްސެވިއެވެ.
މަޖިލިސް ރައީސް އެ ނަމަށް ވޯޓަށް ނޭއްސެވި އިރު، އެނަން ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ވެސް ފާސްކޮށްފައި ވަނީ އެ ނަމަށް ރުހުން ދޭން ނުފެންނަ ކަމަށެވެ.
މަޖިލީހުންގެ ރުހުން ހޯދަން ޖެހޭ މަގާމުތަކަށް މެންބަރުން އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ، މަޖިލީހުގެ ރައީސަށް ފޮނުއްވާ ސިޓީފުޅު މަޖިލީހަށް އިއްވެވުމުން އެ ނަންފުޅެއް ނުވަތަ އެ ނަންފުޅުތަކެއް ދިރާސާ ކުރުމަށް މަޖިލިސް ރައީސް ފޮނުއްވާނީ އެކަމަކާ ބެހޭ، މަޖިލީހުގެ ކޮމިޓީއަކަށެވެ. ދެން އެ ކޮމެޓީން އެ ބޭފުޅަކާ ނުވަތަ އެބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު، ކޮމެޓީން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ ބޭފުޅަކަށް ނުވަތަ އެ ބޭފުޅުންތަކަށް ކޮމިޓީން ރުހުން ދޭން ފާސްކުރުމަށްފަހު، އެކަމާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުއްވަން ޖެހެއެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާގޮތުން އެގޮތަށް ކޮމެޓީން ރުހުންދިންކަމަށް ފާސް ވާނީ ކޮމެޓީ ބައްދަލުވުމަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ލިބިގެންނެވެ.
އެޗްއާރުސީއެމަށް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި، ލީޒާގެ ނަން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ރިޕޯޓު ހުށަަހަޅުއްވަމުން އެ ކޮމެޓީގެ ނައިބު މުގައްރިރު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ، ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެން މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ލިބިފައި ނުވާތީ އޭނާގެ ނަން މަޖިލިސް ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ކޮމިޓީން ނިންމާފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށް، މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް އެ ރިޕޯޓާމެދު ގޮތެއް ނިންމަވައިދެއްވުމަށްވެސް ރިޕޯޓުގައި ކޮމެޓީން ވަނީ އެދިފައެވެ.
ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ލީޒާ އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް ނަމަވެސް އިންސާނީ ހައްގުތަކުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއް ނޫން ކަމަށާއި، އިންސާނީ ހައްގުތަކާ ގުޅުން ހުރި ދާއިރާަކުން އެއްވެސް ތަމްރީނެއް ލީޒާ ފުރިހަމަ ކުރައްވާފައި ނުވާކަން ކޮމިޓީއަށް ފާހަގަ ކުރެވޭ ކަމަށެވެ.
ކޮމެޓީން ކުރި އިންޓަވިއުގައި ކޮށްފައިވާ ސުވާލުތަކަށް ދެއްވި ޖަވާބަށް ބަލާއިރު، އެ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ އަލީގައި އިންސާނީ ހައްގުތަކުގެ ނަޒަރަކުން ފުރިހަމައަށް ޖަވާބު ދެވިފައި ނުވާ ކަމާއި، އިންސާނީ ހައްގުތަކުގެ ނަޒަރުން މައްސަލަތައް ހައްލު ކުރާނެ ގޮތުގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި އެ ފަރާތަށް ލިބިފައި ނުވާކަން ކޮމިޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ. އަދި އިންސާނީ ހައްގުތަކުގެ ބައިނަލް އަގުވާމީ ނިޒާމާއި ބައިނަލް އަގުވާމީ އުސޫލުތަކަށް އަހުލުވެރިވެފައި ނުވާ ކަމާއި އިންސާނީ ހައްގުތަކާ ގުޅުން ހުރި ދާއިރާތަކުން ރާއްޖޭގައި ހުރި މައްސަލަތަކާ ގުޅޭ މައުލޫމާތު އެ ފަރާތަށް އެނގިފައި ނުވާކަންވެސް ކޮމިޓީއަށް ފާހަގަ ވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް