7000 ފްލެޓް މަޝްރޫއުގެ ދަށުން، ފްލެޓް ހައްގުވާ ކަމަށް ފްލެޓް ކޮމިޓީން ކަނޑައަޅާފައިވާ މީހުންނަކީ ހަގީގަތުގައިވެސް ފްލެޓް ހައްގުވާ މީހުން ތޯ ރައްޔިތުންގެ މަޖިލީހުން ބަލައި އެކަމާބެހޭ ލަފައެއް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމަށް އަރުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ބެހޭ ގޮތުން ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ދެއްވި ޖަވާބާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހިޔާ މަޝްރޫއު އާއި ސަރުކާރުގެ ހައުސިން ސިޔާސަތާ ބެހޭގޮތުން، މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިިޓީގައި ވަރަށްބޮޑު މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައާ ބެހޭގޮތުން މަޖިލީހަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި އެކި ކެޓަގަރީތަކަށް ނިސްބަތްވާ 115 ފަރާތަކުން ސިޓީ ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެ ހުރިހާ ޝަކުވާއަކަށް ޖަވާބު ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ ހިޔާ މަޝްރޫއުން ސިވިލްސާވިސް ކެޓަގަރީން 1001 މީހުންނަށް ފްލެޓް ދޭން ލިސްޓުގައި ހިމަނާފައިވާއިރު، އެހެން ކެޓަގަރީތަކުން ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ އުސޫލާ ހިލާފަށް އެ ކެޓަގަރީގައި އަމަލު ކޮށްފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން އިތުރު ގެއާއި، އިތުރު ފްލެޓް ލިބިފައިވާ މީހުންނާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު މީހުން އެ ލިސްޓުގައި ހިމެނިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ލިސްޓުން އެތައް ބައިވަރު ބޭއިންސާފެއް ފެނިގެންދާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފްލެޓް ހައްގުވާ ކަަމަށް ފްލެޓް ކޮމެޓީން ކަނޑައަޅާފައިވާ މީހުންނަކީ ފްލެޓް ހައްގުވާ މިހުންތޯ ނުވަތަ ނޫންތޯ ބަލައި، އެކަމުގައި ރައްޔިތުންގެ މަޖިލީހަށް ފެންނަ ލަފާ ވަރަށް އަވަހަށް ހައުސިން މިނިސްޓަރަށް އަރުވާނެ ކަމަށެވެ.