ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމްގެ ދަށުން ފުރަތަމަ ޑޯޒް ޖެހުން އަންނަ ހޯމަ ދުވަހު ހުއްޓާލި ނަމަވެސް ދެވަނަ ޑޯޒް ޖަހާނީ އަށް ހަފުތާ ފަހުން ކަމަށް ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނު ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މީގެ ކުރިން ވިދާޅުވީ ހަލުއިކަމާ އެކު ބަލި ފެތުރެމުންދާ މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފެށިތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ދެ ވަނަ ޑޯޒް ފައްޓަން ޖެހޭ ކަމަށެވެ. އަދި މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް މާލޭގައި ފުރަތަމަ ޑޯޒް ޖެހުން ނިމުމަކަށް ގެންނާނެ ކަމަށާއި ދެން ފަށާނީ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ. ދެވަނަ ޑޯޒް ޖަހަން ފަށާނެ ސީދާ ތާރީހެއް މިނިސްޓަރު ނަސީމް ސީދާ ވިދާޅެއް ނުވެ އެވެ. ނަމަވެސް މިނިސްޓަރު އެހެން ވިދާޅުވުމުން ސޯޝިއަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ދެވަނަ ޑޯޒް ޖަހަން ފެށުން އަވަސް ކުރަނީތޯ ސުވާލުކޮށްފަ އެވެ.
މިކަމާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަސްލީމާ މިއަދު ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލާނެ ކަމުގެ ޔަގީންކަން ދެއްވަން އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ދެވަނަ ޑޯޒް ޖަހަން ފަށާނީ ކުރިންވެސް އިއުލާނު ކޮށްފައިވާ ފަދައިން އަށް ހަފުތާ ފަހުން ކަމަށެވެ.
ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އަންނަ ހޯމަ ދުވަހާ ހަމަޔަށް ވާނީ ހަ ހަފުތާ އެވެ.
ރާއްޖޭގައި މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމުލަ 157،813 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ.
ރާއްޖޭގައި ޖަހަމުން އަންނަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 200،000 ޑޯޒް އިންޑިއާ އިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.
އެ ވެކްސިންގެ އިތުރުން ރާއްޖެއަށް 10،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައިވާ އިރު، ޗައިނާ އިން ވެސް ރާއްޖެއަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު