ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވަން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާއިން މިއަހަރުގެ "ރިވެލި އެވޯޑު" ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބިއްޖެއެވެ.
މި އެވޯޑަކީ މުޖުތަމައުގެ އެންމެހައި ފަރުދުން ބައިވެރިކޮށްގެން ދެމެހެއްޓެނިވި ތަރައްގީ ހޯދުމަށާއި، އެންމެންނަށް ފަހި، ލާމެހިފައިވާ ވެއްޓެއް ގާއިމުކުރަން ކުރާ މަސައްކަތް ގައުމީ ފެންވަރުގައި ބަލައިގަތުމުގެ ގޮތުން ސަރުކާރުން ދެމުން އަންނަ އެވޯޑެކެވެ.
އެޗްޑީސީން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތަކާއި ހުނަރު ތަރައްގީކުރުމުގެ ތަމުރީނުތައް ފަހިކޮށްދީ، ހަމަހަމަކަމާއެކު އެންމެންނަށް ބައިވެރިވެވޭނެ އެކަށޭނަ މާހައުލެއް ވަޒީފާގެ ދާއިރާގައި ގާއިމުކުރުމަށް އިސްކަމެއް ދީފައެވެ. އެގޮތުން އެ ކޯޕަރޭޝަންގެ ތަފާތު އެކި މަގާމުތަކުގައި ނުކުޅެދުންތެރިކަން ހުންނަ 46 މުވައްޒަފުން އަންނަނީ ހިދުމަތްކުރަމުންނެވެ. އަދި އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ސީދާ ގޮތެއްގައި ހިމެނުމަށް "ޕާސަންސް ވިތު ޑިސެބިލިޓީ އެމްބެސެޑަރުން"ގެ ގޮތުގައި ދެ މުވައްޒަފަކު ވަނީ އައްޔަންކޮށްފައެވެ.
އެ ކޯޕަރޭޝަންގެ އޮފީސް އިމާރާތަށް ޒަމާނީ ބަދަލުތަކެއް ގެނެސްފައިވާ އިރު، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރާ ސަލާމަތީ ނިޒާމުތައް ފަރުމާކޮށްފައިވަނީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނާއި ކަސްޓަމަރުންނަށް ވެސް ފަސޭހައިން މައުލޫމާތު ލިބޭނެ ގޮތަށެވެ. މީގެ އިތުރުން ހުޅުމާލޭގެ މާސްޓާ ޕްލޭނާއި ތަރައްގީގެ ތަފާތު މަސައްކަތްތައް އެކުލަވައިލުމުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތަކަށް އެ ކުންފުނިން ރިއާޔަތްކުރެއެވެ.
އެޗްޑީސީން ބުނި ގޮތުގައި މި އެވޯޑު ލިބުމަކީ ހުޅުމާލެއަކީ އެންމެންގެ ބައިވެރިވުން އެކުލެވޭ ހިތްފަސޭހަ ތަނަކަށް ހަދަން ކުރާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިގުތިސާދީ ގޮތުން ބާރުވެރިކުރުވައި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމުގައި އެ ކޯޕަރޭޝަނުން ދެމިއޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ރިވެލި އެވޯޑް
ރިވެލި އެވޯޑް
ރިވެލި އެވޯޑް
ކޮމެންޓް