މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދުކުރާ އިރު ގައިދުރުކޮށް ޖަމާއަތް ހަދަން ޖެހޭގޮތަށް ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދިއުމާއި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ކަމާބެހޭ މުއައްސަސާތަކުން މައުލޫމާތު ދީފައިވާތީ، ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާއި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މިހާލަތަށް ރިއާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިއަދުގެ މެންދުރު ނަމާދުގެ ފަހުން ކޮވިޑްގެ މިހާލަތަށް ލުޔެއް ލިބެންދެން ގްރޭޓާ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް، ގައިދުރުކަމާއެކު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ގޮތަށް ނިންމާފައިވަނީ މިސްކިތުގެ ޖަމާއަތް މެދުކަނޑާލައި މިސްކިތް ބަންދު ކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ހިތްދަތިކަމަށްވާނެ ކަމަށެވެ. އަދި މިހާލަތުން އަރައިގަތުމަށް ކުރެވެން އޮތް ކަމަކީ މިސްކިތްތައް ބަންދުކުރުމުގެ ބަދަލުގައި ގައިދުރުކަމާއި އެކު ނަމާދުގެ ޖަމާއަތް ހެދުން ކަމުގައި ފަތުވާ މަޖިލީހާއި ބައެއް އިލްމުވެރިން ލަފާދީފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ މިނިސްޓްރީން ބުނީ ހާލަތު ރަނގަޅުވާން ފެށުމާއެކު ކުރިއެކޭ އެއްގޮތަށް ޖަމާއަތުގައި ނަމާދު ކުރަން ފަށާނެ ކަމަށެވެ.
- އިމާމުން ސަމާލުވާންވީ ކަންތައްތައް:
ބަންގިއަށް ފަހު ފަސް މިނިޓު ތެރޭގައި ގަމަތް ދީ ނަމާދު ފެށުން.
އެއްވެސް ނަމާދެއް ހަތް މިނެޓަށް ވުރެ ދިގު ނުކުރުން.
ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުހާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުން.
ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން.
މުސައްލައެއް ގެންދިއުމާއި އެމީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން.
މާސްކު އެޅުން.
މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން.
މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުން.
ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުން.
ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑުނުކުރުން.
މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ނުކުރުން.
މިސްކިތުގައިވާ ޚަތިމުތައް ބޭނުން ނުކުރުން.
ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅާފައި ނެތުން.
ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުން.
ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު މިސްކިތުގައި ހަމަޖެއްސުން.
ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެއާކޯން ބޭނުން ނުކުރުން.
އެއާކޯން ބޭނުން ކުރާ ނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭ ގޮތް ހެދުން.
މިނިސްޓްރީން ބުނީ މިދަނޑިވަޅުގައި ވެސް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި ފަރުޟު ނަމާދުގެ އިތުރުން ހެޔޮއަމަލުތައް ގިނަ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު