ކޮވިޑަށް ވެކްސިނެއް ނެރުނުތާ ހަފްތާއެއް ވެސް ނުވަނީސް، އިންޑިއާއިން މި ވަނީ އޭގެ އެތައް ސަތޭކަހާސް ޑޯޒެއް އަވައްޓެރި ގައުމުތަކަށް ފޮނުވާފައެވެ. އިންޑިއާގެ ދެ ވެކްސިންކަމަށް ވާ "ކޮވިޝީލްޑް" (ޔޫ.ކޭ ގައި އީޖާދުކޮށްފައިވާ "އޮކްސްފަރޑް-އެސްޓަރަޒެނެކާ") އާއި އިންޑިއާގެ "ބާރަތު ބަޔޯޓެކް" ކުންފުނިން އެ ގައުމުގައި އުފައްދާފައިވާ "ކޮވެކްސިން"އަށް އެ ގައުމުގެ ޑްރަގް އޮތޯރިޓީއިން މި ވަނީ ފެހި ސިގުނަލް ދީފައެވެ.

އިންޑިއާއަކީ ވެކްސިން އީޖާދުކޮށް އުފެއްދުމުގައި އެންމެ ކުރީގައި އޮތް ގައުމެވެ. މުޅި ދުނިޔޭގައި އުފައްދާ ވެކްސިންގެ %60 އުފައްދަނީ އިންޑިއާގައިކަމަށް "އޭޝިއަން ސައެންޓިސްޓް"އާއި "ރޮއިޓަރޒް"އާއި "ބީބީސީ"އިން ވެސް ރިޕޯޓުކޮށްފައިވެއެވެ. އަދި ވެކްސިން އުފައްދާ އެންމެ ބޮޑެތި ކުންފުނީގެ ތެރޭގައި ވެސް އިންޑިއާގެ ހަ ކުންފުންނި ހިމެނޭކަމަށް "ބީބީސީ"އިން ރިޕޯޓުކޮށްފައި ވެއެވެ. "ކޮވެކްސިން" އާއި "ކޮވިޝީލްޑް"ގެ އިތުރުން ވެސް ކޮވިޑް19 އަށް 6 ވެކްސިނެއް ތަރައްޤީކުރުމުގެ މަސައްކަތް އިންޑިއާއިން އެބަ ކުރެއެވެ. މި ވެކްސިންތަކުގެ ތަޙުލީލު މަރުޙަލާތައް އަދި ނުނިމެއެވެ.

"ކޮވެކްސިން"އަކީ އިންޑިއާގެ "ބާރަތު ބަޔޯޓެކް" ކުންފުންޏާއި "އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސަރޗް"އާއި "ނެޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ" ގުޅިގެން އުފައްދާފައިވާ ވެކްސިނެކެވެ. "ބާރަތު ބަޔޯޓެކް"އިން މިހައިތަނަށް 16 ވެކްސިނެއް އުފައްދާފައިވާ އިރު 123 ގައުމަކަށް ވެކްސިން އެކްސްޕޯޓުކުރާކަމަށް "ބީބީސީ"އިން ރިޕޯޓުކޮށްފައި ވެއެވެ. "ކޮވެކްސިން"އަކީ "އިންއެކްޓިވް" ވެކްސިނޭ މި ކިޔާ ވައްތަރުގެ ވެކްސިނެކެވެ. އޭގެ މާނައަކީ މި ވެކްސިން އުފެއްދުމަށް ބޭނުންކޮށްފައި ވަނީ މަރާލެވިފައިވާ ކޮރޯނާވައިރަހެވެ. މީގެ ބޭނުމަކީ ވައިރަސް ހަށިގަނޑުގައި ގިނަވެގަތުމުގެ ބާރު ކަނޑުވައިލުމެވެ. މަރާލެވިފައިވިއެއްކަމަކު މި ވައިރަސް ހަށިގަނޑަށް ފޮނުވައިލުމުން، އެއީ ވައިރަސްކަން ހަށިގަނޑުގެ ދިފާއީ ނިޒާމަށް ދެނެގަނެވޭތީ އެތަކެތި ނައްތައިލުމަށްޓަކައި ހަށިގަނޑުން އެންޓިބޮޑީ އުފައްދައެވެ. ހަތަރު ހަފްތާގެ ދުރުމިނުގައި ދެ ޑޯޒު ދޭންޖެހޭ މި ވެކްސިނަކީ 2 ޑިގްރީ ސެލްސިއަސް އާއި 8 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފިނިހޫނުމިނުގައި ބަހައްޓަންޖެހޭ އެއްޗެކެވެ. "ބާރަތު ބަޔޯޓެކް" ކުންފުނިން ބުނާ ގޮތުގައި "ކޮވެކްސިން"ގެ 20 މިލިއަން ޑޯޒު މިހާރު އުފެއްދިފައި އެބަހުއްޓެވެ. އަދި އިތުރު 700 މިލިއަން ޑޯޒު މި އަހަރު ނިމުމުގެ ކުރީން އުފެއްދުމަށް މަސައްކަތްކުރާނެއެވެ.

މި ވެކްސިނާ މެދު ޝައްކު އުފެދެން ފެށީ ޑްރަގް އޮތޯރިޓީއިން ހުއްދަ ދިން އިރު މިއީ އިމަރޖެންސީ ހާލަތުގައި "ޓްރަޔަލް މޯޑު"ގައި ބޭނުންކުރުމަށް ދިން ޚާއްޞަ ހުއްދައެއްކަމަށް ބުނި ހިސާބުންނެވެ. ތަޙުލީލު މަރުޙަލާތައް މުޅިން ނުނިމޭ ވެކްސިނެއް އެތައް މިލިއަން މީހުންގެ ގަޔަށް ޖަހަން ހުއްދަ ދެވުނީ ކިހިނެއްތޯ މީހުން ސުވާލުކުރާން ފެށިއެވެ. ނަމަވެސް ވެކްސިން އުފެއްދި ފަރާތާއި ވެކްސިން ބޭނުންކުރުމަށް ހުއްދަ ދިން ފަރާތުން ބުނަނީ މި ވެކްސިނަކީ ރައްކާތެރި އެއްޗެއްކަމަށާއި މި ވެކްސިނުން އެކަށީގެންވާ ރަނގަޅު ދިފާޢެއް ލިބިދޭކަމަށެވެ. އެހެންނަމަވެސް، އިންޑިއާގައި ހަރަކާތްތެރިވާ، ބަލިމީހުންގެ ޙައްޤުތަކަށް މަސައްކަތްކުރާ، "އޯލް އިންޑިއާ ޑްރަގް އެކްޝަން ނެޓްވަރކް"އިން ބުނަނީ ތަޙުލީލުގެ އެންމެ ފަހުގެ މަރުޙަލާ ފުރިހަމަވެ އޭގެ ނަތީޖާތައް ނުލިބެނީސް ވެކްސިން ޖެހުމުގެ ހުއްދަ ދިންދިނުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. މީގެ ޖަވާބުގައި "ބާރަތު ބަޔޯޓެކް" ކުންފުނިން ބުނަނީ އިންޑިއާގެ ކްލިނިކަލް ޓްރަޔަލް ޤާނޫނުތައް ބުނާ ގޮތުން، ފުރާނަޔަށް ނުރައްކާވާ ފަދަ ނުރައްކާތެރި ބަލިބައްޔަށް ފަރުވާ ދެވޭނޭ އެހެން ގޮތެއް ނެތިއްޖެ ޙާލަތުގައި، ދެވަނަ މަރުޙަލާގެ ތަޙުލީލުތައް ނިންމުމަށް ފަހު އެ ވެކްސިނެއް ބޭނުންކުރުމުގެ "އަވަސް" ހުއްދައެއް ދެވިދާނެއެވެ. މުޅި ދުނިޔެ ހުއްޓުވާލައިގެން މި އުޅޭ ޢާލަމީ ވަބާގެ މި ހާލަތަކީ މި ފަދަ ހާލަތެކެވެ. އަދި މި އަހަރުގެ މާރޗް މަސް ނިމުމުގެ ކުރިން މި ވެކްސިން ތަޙުލީލުކުރުމުގެ އެންމެ ފަހުގެ މަރުޙަލާގެ ނަތީޖާތައް ފޯރުކޮށްދޭނޭކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

"ކޮވިޝީލްޑް" ވެކްސިނަކީ "އޮކްސްފަރޑް-އެސްޓްރަޒެނެކާ" ވެކްސިނެވެ. "އެސްޓްރަޒެނެކާ"އަކީ ސްވިޑަންގެ "އެސްޓްރާ އޭބީ"އާއި އިނގެރޭސިވިލާތުގެ "ޒެނެކާ ގްރޫޕް" އެކުވެގެން އުފައްދާފައިވާ މަލްޓިނެޝަނަލް ބޭސް ކުންފުންޏެކެވެ. އެ ކުންފުނީގެ މައި މަރުކަޒު ހުންނަނީ ކެމްބްރިޖުގައެވެ. "އޮކްސްފަރޑް-އެސްޓްރަޒެނެކާ" ވެކްސިންއަކީ "އެސްޓްރަޒެނެކާ"އާއި، އިތުރު ތަޢާރަފަކަށް ބޭނުންނުވާ އޮކްސްފަރޑް ޔުނިވަރސިޓީ ގުޅިގެން އިނގެރޭސިވިލާތުގައި އީޖާދުކޮށްފައިވާ ވެކްސިނެކެވެ. އިންޑިއާގައި މި ވެކްސިން ތައްޔާރުކޮށް ބާޒާރަށް ނެރެނީ "ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ"އިންނެވެ. "ސިރަމް އިންސްޓިޓިއުޓް"އަކީ ދުނިޔޭގެ ނިސްބަތުންވެސް ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ. "ސިރަމް އިންސްޓިޓިއުޓް"އިން ބުނާ ގޮތުގައި ކޮންމެ މަހަކު 50 މިލިއަން ޑޯޒުގެ ވެކްސިން އެ މީހުން ތައްޔާރުކުރެއެވެ.

"އޮކްސްފަރޑް-އެސްޓްރަޒެނެކާ"، ނުވަތަ އިންޑިއާގައި ކިޔާ އާންމު ނަމުން ނަމަ "ކޮވިޝީލްޑް" އުފައްދާފައިވަނީ، ބަލިކޮށްލާފައިވާ، އާންމު އަރިދަފުސް ރޯގާ ޖައްސާ ވައިރަހެއްކަމަށްވާ އެޑީނޯވައިރަސް މޮޑިފައިކޮށްގެން ކޮރޯނާވައިރަހުގެ ސިފަ އޭގައި ޖައްސައިގެންނެވެ. ވައިރަސް މި ގޮތަށް ބަލިކޮށްލުމުގެ ބޭނުމަކީ އެއިން ބަލި ނުޖެހޭ ވަރުކުރުމެވެ. އަދި މޮޑިފައިކުރުމުގެ ބޭނުމަކީ އެއީ ކޮރޯނާވައިރަސްކަމަށް ހަށިގަނޑުގެ ދިފާއީ ނިޒާމަށް ހީކުރުވުމެވެ.

ހަށިގަނޑަށް މި ވެކްސިން ޖެހުމުން، ކޮރޯނާވައިރަހުގެ ހަމަލާއެއްކަމަށް ބަލައި، ހަށިގަނޑުގެ ދިފާޢީ ނިޒާމުން އެންޓިބޮޑީ އުފައްދައިގެން ވައިރަހާ ހަނގުރާމަކުރުމަށް ތައްޔާރުވެއެވެ. ކުރީބައިގައި ވެކްސިން ޖަހާފައި ހުރެއްޖެނަމަ، ފަހުގެ މަރުޙަލާއެއްގައި އަސްލު ކޮރޯނާވައިރަސް ހަށިގަނޑަށް ވަނުމުން، މީހާ މާ ބޮޑަށް ބަލިވިޔަނުދީ، ވައިރަހާ ހަނގުރާމަކޮށް ވައިރަސް ނެތިކޮށްލުމަށް ހަށިގަނޑުގެ ދިފާޢީ ނިޒާމު ތައްޔާރުވެފައިވުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ހަތަރު ހަފްތާއާއި ބާރަ ހަފްތާއާ ދެމެދުގެ މުއްދަތެއްގެ ދުރުމިނުގައި ދެ ޑޯޒު ދޭންޖެހޭ މި ވެކްސިނަކީ 2 ޑިގްރީ ސެލްސިއަސް އާއި 8 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފިނިހޫނުމިނެއްގައި ބެހެއްޓޭ އެއްޗެކެވެ. އެއީ އަޅުގަނޑުމެންގެ ގޭގޭގެ އައިސްއަލަމާރީގައި ވެސް ފިނިހޫނުމިން އާންމުކޮށް ބަހައްޓާ މިންވަރެވެ. މީގެ މާނައަކީ އާންމުކޮށް ހޮސްޕިޓަލްތަކާއި ކުލިނިކުތަކުގައި ވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު މި ވެކްސިން ގެންގުޅެވޭނެކަމެވެ.

"Pfizer-BioNTech Covid19" ވެކްސިން، ނުވަތަ އާންމު ނަމުން ނަމަ "ފައިޒަރ" ވެކްސިންގެ ވާހަކަ ތަންކޮޅެއް ބޮޑަށް ލިޔެލަން މި ޤަޞްތުކުރީ އޭގެ ވާހަކަ ގިނަ ބަޔަކު ދައްކާތީއެވެ. "ފައިޒަރ" ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން މި ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 70 ޑިގްރީ ސެލްސިއަސް ގައެވެ. މި ވެކްސިން ބަހައްޓަން ޖެހޭ ފިނިހޫނުމިނުގައި ރައްކާތެރިކަމާއެކު ބެހެއްޓުމަށާއި ތަންތަނަށް އުފުލުމަށް ވެސް ޚާއްޞަ ފިނިފޮށިތަކެއް އެ ކުންފުނިން ތައްޔާރުކޮށްފައި ވެއެވެ. އަދި ކޮންޓްރޯލް ޓަވަރެއްގެ އެހީގައި 24 ގަޑިއިރު އޭގެ ފިނިހޫނުމިން ބަލަމުންގެންދާނެއެވެ. އެކަން ކުރަނީ ވެކްސިންފޮށިތަކުގައި ހުންނަ ތަރމަލް ސެންސަރުތަކުން ޖީ.ޕީ.އެސް މެދުވެރިކޮށެވެ. އަދި ވެކްސިން އަންނައިރު އެ ހުންނަ ޚާއްޞަ ފިނިފޮށީގައި ބަހައްޓައިގެން ކޮންމެ 5 ދުވަހަކުން އެއް ފަހަރު ޑްރައި އައިސް އަޅައިގެން ވެސް މި ވެކްސިން ހަލާކުވިޔަނުދީ ބެހެއްޓުމަކީ 30 ދުވަހުގެ ވަގުތީ ކަމެކެވެ. އަދި މި ގޮތަށް ބެހެއްޓުމަށް ފަހު އާންމުކޮށް މި ގެންގުޅޭ ވެކްސިންތަކާއި ފިނިކޮށް ބަހައްޓަންޖެހޭ ބޭސްތައް ބެހެއްޓުމަށް ގެންގުޅޭ އައިސްއަލަމާރިތަކުގައި، ދެ ޑިގްރީ ސެލްސިއަސް އާއި އަށް ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފިނިހޫނުމިނެއްގައި "ފައިޒަރ" ވެކްސިން ބެހެއްޓޭނީ 5 ދުވަހުގެ މުއްދަތަކަށްކަމަށް "ފައިޒަރ" ކުންފުނިން ބުނެއެވެ. ދެން އޮންނާނެ ގޮތަކީ މި ކަމަށް ޚާއްޞަ ފްރީޒަރުތަކެއް ހޯދުމެވެ. މި ފަދަ ފްރީޒަރުތައް އާންމުކޮށް ހުންނަނީ ދުނިޔޭގެ މަތީ ފެންވަރުގެ ބޮޑެތި މެޑިކަލް ސެންޓަރުތަކުގައެވެ.

ސްޓްރެޓްފަރޑް ހޮސްޕިޓަލުގައި މި ވެކްސިންގެ ޕާރުސަލެއް ފުރިޖުން ބޭރުގައި ދެ ގަޑިއެއްހައިއިރު ބޭވުމުގެ ސަބަބުން ވެކްސިންތައް ހަލާކުވެގެން އުކާލަން ޖެހުނު ވާހަކަ ވެސް މީގެ ދެ ދުވަހެއް ކުރީން ނޫހުން ފެނިފައިވެއެވެ.

މި ދެންނެވުނު ސަބަބުތައް މިހެން ހުރުމުން، އަޅުގަނޑުމެންގެ ރާއްޖެ ކަހަލަ ގައުމެއްގައި ރައްކާތެރިކަމާއެކު މި ވެކްސިން ބަހައްޓައިގެން، އެއް ރަށުން އަނެއް ރަށަށް އުފުލައިގެން، އެ ލިބެންޖެހޭ މީހުންނަށް ދިނުމަކީ ފަސޭހަކަމަށް ނުވާނެއެވެ.

މި ސުވާލުގެ ޖަވާބުގައި ސުވާލެއް ކޮށްލާނަމެވެ. އެމެރިކާގެ އެންމެ ބޮޑަށް ތަރައްޤީވެފައިވާ އެއް ހޮސްޕިޓަލްކަމަށްވާ "މަޔޯ ކްލިނިކް"ގައި އެ ފެންވަރު ނެތީ ކީއްވެތޯއެވެ؟ "މަޔޯ ކްލިނިކް"ގައި ވެކްސިން ދިރާސާކުރެއްވުމުގެ މަސައްކަތްކުރައްވާ ވައިރޮލޮޖިސްޓް، ގްރެގަރީ ޕޮލަންޑާ ހަވާލާދީ "ރޮއިޓަރޒް"އިން ބުނެފައިވަނީ މި ފަދަ ވަސީލަތެއް އެތަނުގައި ވެސް ނެތްކަމަށެވެ. މިއީ ހަމަ އެކަނި މަޔޯ ކްލިނިކުގެ ވާހަކައެއް ނޫނެވެ. ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގައި ހުރި ބޮޑެތި ހޮސްޕިޓަލުތަކުގައި ވެސް އާންމުކޮށް އެހައި ފިނިކޮށް އެއްޗެހި ބަހައްޓަންޖެހޭކަމަކަށް ނުވެއެވެ. އެހެންކަމުން އެ ފަދަ އާލާތުގެ ބޭނުމެއް ނުޖެހޭތީ އެ ތަންތަނުގައި ވެސް އެ ތަކެތި ނެތީއެވެ.

"ފައިޒަރ" ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އެ ވެކްސިނަށް އަދި ލައިސަންސް ދީފައެއް ނުވެއެވެ. އެ ވެކްސިނަށް ދީފައިވާ ހުއްދައަކީ އިމަޖެންސީގެ މި ޙާލަތުގައި ކޮވިޑް19 ހުއްޓުވުމަށްޓަކައި، މި ޙާލަތު ނިމުމަކަށް އަންނާންދެން، ނުވަތަ މި ހުއްދަ ބާތިލުކުރަންދެން 16 އަހަރުން ފެށިގެން މަތީގެ މީހުންނަށް މި ވެކްސިން ބޭނުންކުރުމަށް ދީފައިވާ ހުއްދައެކެވެ. ޑަބްލިއު.އެޗް.އޯ އިން ވެސް ވަނީ އިމަރޖެންސީގެ މި ހާލަތުގައި "ފައިޒަރ" ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.

"ސްޕަޓްނިކް 5" ވެކްސިނަކީ ރަޝިއާގެ "ގަމަލެޔަ ރިސަރޗް އިންސްޓިޓިއުޓް އޮފް އެޕިޑިމިއޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީ" އިން އީޖާދުކޮށްފައިވާ ވެކްސިނެކެވެ. މި ވެކްސިނުން %92 ދިފާޢު ލިބިދޭކަމަށް ވެއެވެ. މިއީވެސް "ބީބީސީ"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި "ކޮވިޝީލްޑް" މަސައްކަތްކުރާ ގޮތަށް މަސައްކަތް ކުރާ ވެކްސިނެކެވެ. މި ވެކްސިންވެސް 2 ޑިގްރީ ސެލްސިއަސް އާއި 8 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފިނިހޫނުމިނެއްގައި ރައްކާކޮށްފައި ބެހެއްޓޭނޭކަމަށް "ސްޕަޓްނިކް 5" ގެ ވެބްސައިޓުގައި ބުނެފައިވެއެވެ. މި ވެކްސިންގެ އެއް ވަނަ އަދި ދެ ވަނަ މަރުޙަލާގެ ތަޙުލީލުތަކުގެ ނަތީޖާތަކަށް ބަލައި، އިމަރޖެންސީ ޙާލަތުގެ ޚާއްޞަ ހުއްދައެއްގެ ދަށުން، މިދިޔަ އަހަރުގެ ޑިސެންބަރުން ފެށިގެން ރަޝިއާގައި އެ ގެންދަނީ މި ވެކްސިން ޖަހަމުންނެވެ. އަދި މީގެ އެތައް ސަތޭކަހާސް ޑޯޒެއް ވަނީ ދުނިޔޭގެ އެކި ގައުމުތަކަށް ފޮނުވާފައެވެ. އޭގެ ތެރޭގައި އާޖެންޓީނާއާއި، ބެލަރޫސްއާއި، ހަންގަރީއާއި، ސަރބިއާއާއި، ޔުނައިޓަޑް އަރެބް އެމިރޭޓްސް ވެސް ހިމެނެއެވެ. "ދަ ލާންސެޓް"ގައި ބުނެފައިވާ ގޮތުން މި ވެކްސިންގެ ތިން ވަނަ މަރުޙަލާގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މި ވެކްސިނަކީ ރައްކާތެރި އަދި ބަލިން ދިފާޢުކޮށްދޭ ވެކްސިނެކެވެ.

"ސައިނޯފާމް" ކޮވިޑް ވެކްސިނަކީ ޗައިނާގެ ސަރުކާރު ކުންފުންޏެއްކަމަށްވާ "ސައިނޯފާމް"އިން އުފައްދާފައިވާ ވެކްސިނެކެވެ. މި ވެކްސިން ވެސް މިހާރު ދިވެހިރާއްޖެއަށް މި ވަނީ ލިބިފައެވެ. މި ވެކްސިނުން %79 ދިފާޢު ލިބިދޭކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ތިން ވަނަ މަރުޙަލާގެ ތަޙުލީލުތައް ނުނިމެނީސް ވެސް މި ވެކްސިން މިހާރު ވަނީ އިމަރޖެންސީ ހާލަތުގައި ދެވޭ ޚާއްޞަ ހުއްދައެއްގެ ދަށުން ޗާއިނާގެ މިލިއަނެއްހައި މީހުންގެ ގަޔަށް ޖަހާފައެވެ.

ތިރީގައި ނަކަލުކޮށްލާފައިވާ ތާވަލަކީ ވަރލްޑް ހެލްތު އޮގަނައިޒޭޝަނުން (ޑަބަލިއު.އެޗް.އޯ) ހާމަކޮށްފައިވާ މަޢުލޫމާތަށް ބިނާކޮށް ބީ.ބީ.ސީ އިން ތައްޔާރުކޮށް ޝާއިޢުކޮށްފައިވާ ތާވަލެކެވެ.

"ބީބީސީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ކޮވިޝީލްޑް" ވެކްސިނުގެ ބައި ޑޯޒު ދިނުމަށްފަހު ދެން މުޅި ޑޯޒެއް ދިނުމުން އެއިން ލިބިދޭ ދިފާޢު %90 އަށް އަރާކަމަށް ބައިނަލްއަޤްވާމީ ޓެސްޓުތަކުން ދައްކައެވެ. ނަމަވެސް މި ކަން ކަށަވަރުކުރެވޭ ވަރަށް އަދި ޑޭޓާ ލިބިފައި ނުވާތީ، މި ގޮތަށް ބައި ޑޯޒު ދިނުމަށް ހުއްދަ ދީފައެއް ނުވެއެވެ. އަދި އާންމުކޮށްފައި ނުވާ ޑޭޓާތަކުން ދައްކާ ގޮތުގައި ދެ ޑޯޒު ދެމެދުގައި ވާ މުއްދަތު ދިގު ނަމަ ލިބޭ ދިފާޢުގެ އިންސައްތަ ބޮޑުކަމަށް ވެސް "ބީބީސީ"އިން ރިޕޯޓުކޮށްފައިވެއެވެ. މި ގޮތަށް ވެކްސިން ދެވުނު ސަބް-ގުރޫޕެއްގެ މީހުންނަށް ފުރަތަމަ ޑޯޒު ދިނުމަށް ފަހު ވެސް %70 ރައްކާތެރިކަން ލިބުނުކަމަށް ވެއެވެ.

އާންމުކޮށް ވެކްސިނަކީ އޭގެ ސަބަބުން މުޅި އުމުރަށް %100 ދިފާޢު ލިބިދޭ އެއްޗެއް ނޫނެވެ. ޚާއްޞަކޮށް ކޮވިޑު ވެކްސިނުން ލިބިދޭ ރައްކާތެރިކަމާމެދު އިތުރަށް ޔަގީންކަން ކުޑަވާ ސަބަބަކީ މި ބައްޔަކީ ވައިރަހަކުން ޖެހޭ ބައްޔެއްކަމަށް ވާ އިރު، ވައިރަހަކީ ބަދަލުވަމުންދާ، އަދި ފަހުން ވެސް ބަދަލުވަމުން ހިނގައިދާނޭ އެއްޗަކަށް ވުމެވެ. އެހެންނަމަވެސް، ދާދި ފަހުން ޔުނިވަރސިޓީ އޮފް އޮކްސްފަރޑުން ބުނެފައިވާ ގޮތުން، ޔޫކޭއިން ފެނުނު "B.1.1.1" ވޭރިއަންޓްއާ ދެކޮޅަށް ވެސް "ކޮވިޝީލްޑް" ވެކްސިނުން ދިފާޢުކޮށްދެއެވެ.

ވެކްސިން ތަޙުލީލުކުރުމަކީ އާންމު ގޮތެއްގައި ތިން މަރުޙަލާއަކަށް ބަހާލައިގެން ކުރާ ކަމެކެވެ. އޭގެ ބޭނުމަކީ ވެކްސިނުން ލިބިދޭ ދިފާޢުގެ މިންވަރާއި އެއިން އަންނަ "ސައިޑް އިފެކްޓްސް" ދެނެގަތުމެވެ. ސިރަމް އިންސްޓިޓިއުޓުން ބުނާ ގޮތުގައި "ކޮވިޝީލްޑް" ވެކްސިނަކީ މަތީ ދަރަޖައަކަށް ބަލިން ދިފާޢުކޮށްދޭ ވެކްސިނެއްކަމަށް ބްރެޒިލްއާއި ޔޫކޭގައި ހަދާފައިވާ ތިން ވަނަ މަރުޙަލާގެ ތަޙުލީލުތަކުން ދައްކައެވެ.

އެހެން ނަމަވެސް "އޯލް އިންޑިއާ ޑްރަގް އެކްޝަން ނެޓްވަރކް"އިން ތުހުމަތުކުރާ ގޮތުގައި މި ވެކްސިނަށް ހުއްދަ ދިނީ "ބްރިޖިންގ ސްޓަޑީ" ފުރިހަމަ ނުކުރަނީސް، އަވަސްއަރުވާލައިގެންނެވެ. މި ބުނާ "ބްރިޖިންގ ސްޓަޑީ"އަކީ ސީދާ އިންޑިއާ މީހުންގެ ގަޔަށް މި ވެކްސިން ޖަހައިގެން ހަދާ ތަޙުލީލެވެ. އެހެންނަމަވެސް، ބައެއް މާހިރުން ވިދާޅުވާ ގޮތުގައި މި "ބްރިޖިން ސްޓަޑީ" ފުރިހަމަ ނުކޮށް އޮތް އޮތުމަކީ ވެކްސިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި، އެކި ކަހަލަ ތުހުމަތުތައް ކުރަންޖެހޭ ސަބަބެއް ނޫނެވެ. އެހެނީ މިހާރު ފުރިހަމަކޮށްފައިވާ ތަޙުލީލުތަކުގައިވެސް އެކި އުމުރުފުރައިގެ މީހުންނާއި އެކި ދަރިކޮޅުތަކުގެ މީހުން ހިމަނާފައިވެއެވެ.

ކޮންމެ ބޭސްފަރުވާއަކީ ވެސް އޭގައި ކޮންމެވެސް ކަހަލަ ހިރާހެއް އެކުލެވޭ އެއްޗެއްކަމަށް މާހިރުން ވިދާޅުވެއެވެ. އެހެނެއްކަމަކު އަޅުގަނޑުމެން ބޭސްފަރުވާ ނުކޮށެއް ނުތިބެމެވެ. އެ ބޭސްފަރުވާއަކުން ލިބިދާނޭ ގެއްލުމުގެ ހިރާހަށްވުރެ އެއިން ލިބޭން އޮތް ފައިދާގެ ފުރުސަތު ބޮޑިއްޔާ އެ ބޭސްފަރުވާއެއް ކުރަނީއެވެ. ވެކްސިން ވެސް ހަމަ އެ ފަދައެވެ.

އިންޑިއާއިން އެންމެ ފުރަތަމަ "ކޮވިޝީލްޑް" ވެކްސިން ފޯރުކޮށްދިން ގައުމުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެއާއި ބޫޓާނާއި ބަންގްލަދޭޝްއާއި ނޭޕާލާއި މިޔަންމާއާއި ސެޝެލްސްއެވެ. އަދި ސްރީލަންކާއާއި ބްރެޒިލްއާއި އަފްޣާނިސްތާނާއި މޮރީޝަސްއަށް ވެސް މި ވެކްސިން ފޯރުކޮށްދިނިމުގެ ތައްޔާރީތައް ދަނީ ކުރިއަށެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ދުނިޔޭގެ ގައުމުތަކުގެ ބޭނުންތައް ހުރިނެތް ގޮތެއް ބެލުމަށްފަހު މުޅި ދުނިޔެއަށް ވެސް އެ ގައުމުން ވެކްސިން ފޯރުކޮށްދެމުން ގެންދާނެއެވެ.

ތިރީގައި އެ ވަނީ، އެންމެ ކުރީގައި އުޅޭ ވެކްސިންތަކުގެ މަޢުލޫމާތު ހިމަނައި "ދަ ނިޔުޔޯކް ޓައިމްސް"ގައި އަދާހަމަކުރަމުން ގެންދާ ތާވަލެކެވެ. އެންމެ ފަހުން އަދާހަމަކޮށްފައިވާކަމަށް އޮތީ 06 ފެބްރުވަރީ 2021 ގައިކަމަށެވެ.

މިހާރު ކުރިމަތިވެގެން މި އުޅޭ ބަލިމަޑުކަމަކީ ދުނިޔެ ކުރީން ދެކެފައިވާ ކަމެއްކަމަކަށް ނުވެއެވެ. އެހެންކަމުން ކުރީން މި ކަމަށް ބޭނުންކުރި ވެކްސިނެއް، އެ ވެކްސިނެއް ބޭނުން ކުރުމުން ވީ ގޮތެއް ބުނެދޭނޭ މީހަކު ނެތެވެ. ކަމާބެހޭ މާހިރުން ނިންމުންތައް ނިންމަނީ އެ ވަގުތަކު ލިބޭން ހުރި އެންމެ ރަނގަޅު މަޢުލޫމާތުގެ މައްޗަށް ބުރަވެ އެ ވަގުތެއްގެ ހާލަތަށް ރިއާޔަތްކޮށް އެންމެ ރަނގަޅުކަމަށް ޤަބޫލުކުރެވޭ ގޮތަކަށެވެ. އަޅުގަނޑުމެންނަށް އޮތީ އެ ބޭފުޅުންނަށް އިތުބާރުކޮށް، ﷲއަށް ވަކީލުކުރުމެވެ.

މި ޒަމާނަކީ މީހުން ދައްކާހާ ތޯތޯ ވާހަކަ ގަބޫލުކުރަންޖެހޭ ޒަމާނެއް ނޫނެވެ. މަޢުލޫމާތު މި ހުރީ ކޮންމެ މީހެއްގެ ވެސް އިނގިލިތަކުގެ ކުރިއާ ހަމައަށް ފޯރާފައެވެ. ލިބޭން ހުރި މަޢުލޫމާތަށް ބަލައި، އަމިއްލަ ނަފްސާއި، އާއިލާއާއި، މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި ވެކްސިން ޖަހަން ރުހެންޏާ ޖަހަންވީއެވެ. އެއްވެސް މަޖުބޫރު ކަމެއް ނެތެވެ.

ކުރީންވެސް ދެންނެވުނު ފަދައިން ވެކްސިނަކީ %100 ޔަގީންކަމާއެކު ބަލިން ރައްކާތެރިކޮށްދޭ އެއްޗެއް ނޫނެވެ. އަދި ވަކީން ޚާއްޞަކޮށް މިހާރު ފެތުރެމުން މިދާ ބަލިމަޑުކަމަކީ ވައިރަހަކުން ފެތުރޭ ބައްޔެކެވެ. ވައިރަހަކީ އޭގެ ޒާތުގައި "މިއުޓޭޓް"ވަމުން ނުވަތަ ބަދަލުވަމުން ވެސް ދާ އެއްޗެކެވެ. މި ގޮތަށް ބަދަލުވުމުން އެ ބަދަލުވެފައިވާ ވައިރަހަށް "ވޭރިއަންޓް"އެކޭ ކިޔައެވެ. މާ ބޮޑަށް ބަދަލުވެފައިވާ ނަމަ ކުރިން ދިން ވެކްސިނަށް ނުގުޑާ ގޮތް ވެސް ވެދެއެވެ. މި ކޮވިޑް19 ގެ ވައިރަހުގެ އެކި "ވޭރިއަންޓްސް" މިހާރުވެސް ފާޅުވެއްޖެކަމަށް ވެއެވެ.

އެހެންކަމުން، ވެކްސިން ޖެހިއަސް މާސްކް އަޅައި، ގައިދުރުކަން ބަހައްޓައި، ކުރީންވެސް އަޅަމުން އައި އެންމެހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެ ގޮތުގައި ދަމަހައްޓަންޖެހެއެވެ.

ވެކްސިން ޖެހުމުން ވާނެ ފައިދާއަކީ ތިމާއަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަވުމެވެ. ތިމާއަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަވުމުގެ މާނައަކީ ތިމާގެ ފަރާތުން އާއިލާއަށާއި އެއްކޮށް އުޅޭ އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަވުމެވެ. އަނެއް ކަމަކީ ވެކްސިން ޖަހައިގެން ހުއްޓައި ބަލި ޖެހިއްޖެ ނަމަ، ބަލީގައި ބޮޑުވަރުވެ ފުރާނަ ގެއްލުމުގެ ހިރާސް ކުޑަވުމެވެ. އަދި ބޮޑު މަންޒަރަށް ބަލާ އިރު، މުޖުތަމަޢުގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ޖެހުމުން "ހަރޑް އިމިއުނިޓީ" ލިބެއެވެ. މީގެ މާނައަކީ، މުޖުތަމަޢުގެ ތެރޭގައި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލި އެރުމުގެ ފުރުސަތު ކުޑަވެ، ވައިރަސް މުޅީން ނެތިގެން ދިޔުމުގެ ފުރުސަތު ބޮޑުވުމެވެ. އެހެންވީމާ، އެއްވެސް ޝައްކެއް ނެތް ގޮތުގައި ވެކްސިން ނުޖެހުމަށް ވުރެ ރަނގަޅީ ޖެހުމެވެ. އަދި އެހެނިހެން ބޭސްފަރުވާ ކުރުމުގައި ވެސް ޢަމަލުކުރާ ގޮތަށް، ވެކްސިންގެ ކަންތަކުގައި ވެސް ޞިއްޙީ މާހިރުންނާއި ކަމާބެހޭ އިދާރާތަކުގެ ލަފާއަށް ސަމާލުވުން މުހިންމެވެ.

މަޢުލޫމާތު:

http://www.who.int

http://www.pfizer.com

http://www.astrazeneka.com

http://www.sputnikvaccine.com

http://www.asianscientist.com

http://www.bbc.co.uk

http://www.cnn.com

http://www.reuters.com

http://www.nytimes.com

http://www.insightsonindia.com