ކާފިއު ވަގުތުގައި ޒަރޫރީ ބޭނުމަށް ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ހުއްދަ ދީފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނީ މި ރެއިން ފެށިގެން ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ. މިގޮތަށް އަމަލު ކުރުމަށް އަންގާފައިވަނީ ކުރިއަށް އޮތް ދެ ހަފްތާއަށެވެ. ނަމަވެސް ކޭސްތައް މަދު ނުވާނަމަ ދެ ހަފްތާއަށްވުރެ ގިނަ ދުވަހު މި އުސޫލު ދަމަހައްޓަން ޖެހިދާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެ އެވެ.

އޭގެ އިތުރުން ކާފިއު ގަޑި އިތުރުކޮށް، ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އަދި ޕްރީ ސްކޫލުތަކާއި ނާސަރީތަކާއި ޑޭ ކެއާގެ ހިދުމަތްތައްވެސް ބަންދުކުރުމަށް ވަނީ އަންގައިފައެވެ.

އެ ފިޔަވަޅުތަކާ ގުޅިގެން ކަންކަން އިންތިޒާމު ކޮށްފައިވާ ގޮތުގެ މައުލޫމާތު ދިނުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހެޑް އޮފް ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ, އެޅި ފިޔަވަޅުތަކާއެކު އާންމު ދަތުރުފަތުރުގެ ހިދުމަތް އެންމެ ފަހުން ލިބޭނެ ގަޑިއަކީ 10:30 ކަމަށެވެ.

އެގޮތުން ބަހުގެ ހިދުމަތްތަކާއި މާލެ, ވިލިމާލެ އައި ތިލަފުއްޓަށް ކުރާ ފެރީގެ ހިދުމަތްތަކުގެ އެންމެ ފަހު ދަތުރު 10:30 ގައި ކުރަން ޖެހޭނެ އެވެ. ނަމަވެސް ޒަރޫރީ ބޭނުންތަކަށް އެއްތަނުން އަނެއް ތަނަށް ދާން ބޭނުންވާ މީހުންނަށް ޓެކްސީގެ ހިދުމަތް ދިނުމަށް ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ހުއްދަ ދޫކޮށްފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ.

އޭގެ އިތުރުން ފެނާއި ގޭސް ފޯރުކޮށް ދޭ ކުންފުނިތަކަށް 8:30 އާއި 11:00 އާ ދެމެދު 350 ޓަނޭޖުގެ ދެ އުޅަނދު ބޭނުންކޮށްގެން ހިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަ ދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.