ރައްޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހައްޔަރުކުރަން ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުން ނުކުމެ ރައީސް ހައްޔަރުކުރަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ. އަދި ރައީސް ސޯލިހު ހައްޔަރުކުރަން ރައްޔިތުން ނުކުތުމުން އެކަމާ ދެކޮޅަށް ފުލުހުންނާއި ސިފައިންވެސް ނުނިކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިފައިންނާއި ފުލުހުންގެ ގާނޫނީ ވާޖިބެއް އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ. އެހެންކަމުން ރައްޔިތުން ކަމެއް ކުރަން ނުކުމެއްޖެނަމަ އެކަމާ ދެކޮޅަށް ފުލުހުންނާއި ސިފައިންނެއް ނުނިކުންނާނެ" އަބްދުއްރަހީމް ވިދާޅުވިއެވެ.

މިޔަންމާގައި ސިފައިން ނުކުމެ ހިންގި ބަގާވާތަައް ތާއީދުކޮށް އަބްދުއްރަހީމް ވަނީ، ދިވެހި ސިފައިންނާއި ފުލުހުންނަށްވެސް ސަރުކާރާ ދެކޮޅަށް ނުކުތުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، ފެބްރުއަރީ މަހަކީ އެމްޑީޕީ މީހުން ވަރަށް ޖެހިލުންވާނެ މަހެއް ކަމަށާއި 7 ފެބްރުއަރީ 2012 ގައި ވީ ފަދަ ކަމެއް ވެގެން ނަމަވެސް މިހާރު އޮތް ވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ އިހްލާސްތެރި އެދުމަކީ އަދި ދުއާއަކީ އެކަލަ ކަމެއްވެގެން ނަމަވެސް މި ސަރުކާރަށް ނިމުމެއް އައުން. އެއީކީ އަޅުގަނޑުމެން ކޮންމެހެން ވެރިކަމަށް އަންނާކަށެއް ނޫން. ދިވެހި ރައްޔިތުންނަށްޓަކައި، ދިވެހި ގައުމަށްޓަކައި މިވެރިކަން ނިންމަން ޖެހޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅައިދާތީ 24 ގަޑިއިރުވެސް މުޒާހަރާ ކުރަން ޖެހިދާނެ ކަމަށާއި އެ ހިތްވަރު ރައްޔިތުންގެ ގައިގައި ހުންނާނެ ކަމަށެވެ.