ރާއްޖޭގައި ރަސްމީކޮށް މިއަދު ކޮވިޑް ވެކްސިންދޭން ފަށާފައިވާ އިރު، މިއަދު 282 މީހަކު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ފައްޓަވައިދެއްވައިފައެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ޖެއްސެވީ ހުޅުމާލޭ ކޮވިޑް ފެސިލިޓީއާ ހަވާލުވެވަޑައިގެން ހުންނެވި އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރު ޑރ. ޝިރާނީ އަބްދުއްރަހްމާންއެވެ.
ރާއްޖޭގައި މިއަދު ވެކްސިން ދޭން ފެށުމާއެކު ދައުލަތުގެ ތިން ބާރުގެ ވެރިން ކަމުގައިވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާނު ވަނީ ވެކްސިން ޖައްސަވައިފައެވެ. އަދި ސަރުކާރުގެ ބައެއް ވަޒީރުންވެސް މިއަދު ހެނދުނު ވެކްސިން ޖެއްސެވިއެވެ.
އެޗްއީއޯސީން ބުނީ މިއަދު 282 މީހަކަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގެ ހަ ތަނެއްގައި މިއަދު ވަނީ ވެކްސިން ޖަހައިފައެވެ. އޭގެ ތެރޭގައި އޭޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލް ހިމެނެއެވެ. މީގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް މިއަދު ވެކްސިން ޖަހަން ވަނީ ފަށައިފައެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް ބަލިން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި މި ހިސާބަށް އާދެވިފައި އޮތީ ހެލްތު އެކްސްޕާޓުންގެ ލަފަޔާ އެއްގޮތަށް ރައްޔިތުން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދީ ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި، ހެލްތު ފެސިލީތައް ބޭނުންކޮށްގެން، ރާއްޖޭގެ ހުރިހާ ރަށަކުން ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ. ޓާގެޓަކީ ދުވާލަކު 10،000 މީހުންނަށް ވެކްސިން ދިނުން ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު