ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިންގުން ހަރުދަނާކުރުމަށް އެޅި ފިޔަވަޅުތަކާއެކު، އެ ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ 28 ޕަސަންޓުގައި ހިފެހެއްޓި، ސަރަހައްދީ ފެންވަރުގައި އެންމެ ކުރީ ސަފުން ޖާގަ ހޯދައިފިއެވެ.
މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކޮށް ބީއެމްއެލް އިން ބުނީ، ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރެވުނު އެ މިންގަނޑަކީ މުޅި ސަރަހައްދީ ފެންވަރުގައި ބެލިކަމުގައި ވިޔަސް އެންމެ ހިންގުންތެރި އެއް ނަތީޖާ ކަމަށެވެ. އެ ކާމިޔާބީ ހާސިލުކުރެވުނީ އިގްތިސޯދީ މުހިންމު ދާއިރާތަކަށް ދޫކުރި ލޯނުތައް އިތުރުކުރުމާއި، ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް ކުރި މަސައްކަތުންކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިޔަން ރުފިޔާ ލިބުނު ކަމަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 26 ޕަސެންޓުގެ ކުރިއެރުމެއްކަމަށް ބީއެމްއެލުން ބުންޏެވެ.
ތިންވަނަ ކުއާޓަރުގައި އެކަނިވެސް ސާފު ފައިދާގެ ގޮތުގައި 647.2 މިލިޔަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައިކަމަށް ބީއެމްއެލުން ބުންޏެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 36 ޕަސެންޓް އިތުރު އަދަދެއްކަމަށް ބީއެމްއެލުން ބުންޏެވެ. މި ކުއާޓަރުގައި ނެޓް އިންޓަރެސްޓް އާމްދަނީގެ ގޮތުގައި 874.8 މިލިޔަން ރުފިޔާ އަދި އިންޓަރެސްޓް ނޫން އެހެން މުއާމަލާތްތަކުން 377.53 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެ ކަމަށެވެ. އަދި ބޭންކުގެ ރައުސްމާލާއި ފައިސާގެ ދައުރުވުން ވަރުގަދަކޮށް އޮތުމުގެ އިތުރުން، ކަސްޓަމަރުންގެ އިތުބާރު ބޮޑުވުމަކީ ބެލެންސް ޝީޓް މެދުކެނޑުމެއްނެތި ފުޅާވަމުންދާ މައިގަނޑު ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްގެ މާލީ ހިސާބުތައް ދައްކާ ގޮތުން ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ 38 ޕަސަންޓުގައެވެ. މިއީ މާލީ އިދާރާތަކުން ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑު ކަމަށްވާ 12 ޕަސެންޓާ އަޅައިބަލާއިރު ތިންގުނަ މަތީ ނިސްބަތެއްކަމަށް ބީއެމްއެލުން ބުންޏެވެ.
އަދި، ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓްތައް 14 ޕަސެންޓް އިތުރުވެ، ޖުމްލަ 42.36 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.
މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އަލަށް ދޫކުރި ލޯނުގެ ޖުމްލަ އަދަދު 12.1 ބިލިޔަން ރުފިޔާއަށް އަރައި، ލޯނު ދޫކުރުމުގެ އާ ރެކޯޑެއް ވަނީ ގާއިމުކޮށްފައިކަމަށް ބީއެމްއެލުން ބުންޏެވެ. މިއީ މިދިޔަ އަހަރުގެ މުޅި ޖުމްލައަށްވުރެވެސް މަތީ އަދަދެއްކަމަށް ބީއެމްއެލުން ބުންޏެވެ.
އަދި، 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް 2.86 ބިލިޔަން ޑޮލަރު ރާއްޖޭން ބޭރަށް ފޮނުވާފައިވާއިރު، މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިޔަން ޑޮލަރު ވަނީ ވިއްކާފައިކަމަށް ބީއެމްއެލުން ބުންޏެވެ. މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު 31 ޕަސެންޓުގެ ކުރިއެރުމެއްކަމަށް ބީއެމްއެލުން ބުންޏެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް