ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި 12.1 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ބީއެމްއެލުން މިހާރު އާންމުކޮށްފައިވާއިރު، އޭގައިވާ ގޮތުން މިދިޔަ ސެޕްޓެންބަރު 30 ގެ ނިޔަލަށް ދޫކުރި އެ ލޯނުތަކުގެ ޖުމްލަ އަދަދަކީ ވޭތުވެދިޔަ އަހަރުގެ މުޅި ޖުމްލަޔަށް ވުރެވެސް ބޮޑުތަނުން މަތީ އަދަދެކެވެ.

ބީއެމްއެލުން ބުނީ ލޯނު ދޫކުރުމުގައި އެފަދަ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ރާއްޖޭގެ އިގްތިސޯދީ މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެން ދޫކުރި ލޯނުތަކާއި ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފުޅާކުރުމުގެ ސަބަބުން ކަމަށެވެ.

ބީއެމްއެލުން ބުނީ ފުރަތަމަ ނުވަ މަސްދުވަހު ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 26 ޕަސެންޓުގެ އިތުރުވުމެއްކަމަށް ބީއެމްއެލުން ބުންޏެވެ.

މީގެއިތުރުން، ހަމައެކަނި ތިންވަނަ ކުއާޓަރުގައިވެސް ސާފު ފައިދާގެ ގޮތުގައި 647.2 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ބީއެމްއެލުން ބުންޏެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރަށްވުރެ 36 ޕަސަންޓު މަތީ އަދަދެއްކަމަށް ބީއެމްއެލުން ބުންޏެވެ.

މި ކުއާޓަރުގައި ނެޓް އިންޓަރެސްޓް އާމްދަނީގެ ގޮތުގައި 874.8 މިލިޔަން ރުފިޔާ ލިބިފައިވާއިރު، އިންޓަރެސްޓް ނޫން އެހެނިހެން މުއާމަލާތްތަކުން 377.53 މިލިޔަން ރުފިޔާ ވަނީ ލިބިފައިކަމަށް ބީއެމްއެލުން ބުންޏެވެ. އަދި ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓްތައް 14 ޕަސެންޓު އިތުރުވެ، ޖުމްލަ 42.36 ބިލިޔަން ރުފިޔާއަށް އަރާފައިވުމަކީވެސް ލޯނު ދޫކުރުމުގެ ގާބިލުކަން އިތުރުވެގެންދިޔަ މައިގަނޑު ސަބަބެއްކަމަށް ބީއެމްއެލުން ބުންޏެވެ.

އަދި، ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ 38 ޕަސަންޓުގައި ހުރިއިރު، މިއީ މާލީ އިދާރާތަކުން ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑު ކަމަށްވާ 12 ޕަސެންޓަށްވުރެ ތިންގުނަ މަތީ އަދަދެއްކަން ބީއެމްއެލުން ފާހަގަކުރިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއަހަރަކީ ބޭންކުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެ ކަމަށެވެ. އަދި ބޭންކުގެ ރައުސްމާލާއި ފައިސާގެ ދައުރުވުން ވަރުގަދަކޮށް އޮތުމުގެ އިތުރުން ކަސްޓަމަރުންގެ އިތުބާރު ބޮޑުވުމަކީ ލޯނުތައް ފުޅާވެ، ބެލެންސް ޝީޓް މެދުކެނޑުމެއްނެތި ކުރިއަރަމުންދާ އަސާސްކަމަށް ޝަރީފު ފާހަގަކުރެއްވިއެވެ.

ބީއެމްއެލުން ބުނީ 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް 2.86 ބިލިޔަން ޑޮލަރު ވަނީ ރާއްޖޭން ބޭރަށް ފޮނުވާފައި ކަމަށެވެ. އަދި މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 31 ޕަސެންޓުގެ ކުރިއެރުމެއްކަމަށް ބީއެމްއެލުން ބުންޏެވެ.

އަދި ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށާއި، އެގޮތުން ކޮސްޓް-ޓު-އިންކަމް ރޭޝިއޯ ހުރީ 28 ޕަސަންޓުގައިކަމަށް ބީއެމްއެލުން ބުންޏެވެ. މިއީ ސަރަހައްދީ ފެންވަރުގައިވެސް އެންމެ ހިންގުންތެރި އަދި ވަރުގަދަ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ އަދަދެއްކަމަށް ބީއެމްއެލުން ބުންޏެވެ.