ރާއްޖެ ގެނައި ކޮވިޑް-19ގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ގޮވާލައި ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން އިހުތިޖާޖު ކޮށްފި އެވެ.
އިދިކޮޅުގެ މުޒާހަރާ މިއަދު ފެށީ ސޯސަން މަގުގައި ހުންނަ ހެލްތު މިނިސްޓްރީ ކުރިމަތިންނެވެ. އެގޮތުން އިދިކޮޅު ދެ ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމުއާ ބައްދަލު ކުރެއްވުމަށް މަސައްކަތް ކުރެއްވި ނަމަވެސް ބައްދަލުވާ ގޮތެއް ނުވި އެވެ.
މުޒާހަރާގެ ބައިވެރިން ދެން މިސްރާބު ޖެހީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގަމުން އަންނަ ދަރުބާރުގެއާ ދިމާލަށެވެ. އެތަނަށް ވަދެ ގަތުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރި ނަމަވެސް ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައިފަ އެވެ.
އެތަނުގައި މުޒާހަރާގެ ބައިވެރިން އަޑު އުފުލަމުން ގެންދަނިކޮށް، ޕީއެންސީގެ ރައީސް އަދި ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ލީޑަރު އަބްދުއް ރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
މިއަދުގެ މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދިޔައީ ހުއްދަ ދީފައިނުވާ ވެކްސިނެއް ދިވެހިންގެ ގަޔަށް ނުޖެހުމަށާއި ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށެވެ. މުޒާހަރާގައި ދެ ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުންނާއި ބައެއް ސަޕޯޓަރުން ބައިވެރިވި އެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީގެ އެސްޓްރާޒެނެކާ ވެކްސިން ހަދިޔާކުރި ދުވަހުން ފެށިގެން އިދިކޮޅުން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި، ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިދިކޮޅުން ބުނާ ގޮތުގައި، މިހާރު ރާއްޖެ ގެނެސްފައިވާ ވެކްސިނަކީ ޑަބްލިއުއެޗްއޯއިން އަދި ގަބޫލުކުރާ ވެކްސިނެއް ނޫނެވެ. އަދި އެ ވެކްސިނަކީ ތަހުލީލު ކުރުމުގެ މަރުހަލާގައި މިވަގަތު ހުރި ވެކްސިނެއް ކަމަށާއި އެ ވެކްސިނަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ވެކްސިން އެޕްރޫވްކުރާ ކޮމިޓީން ހުއްދަ ދީފައިވާ އެއްޗެއް ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު