ކުށް ސާބިތު ނުވާ ހާލުގައިވެސް ދައުލަތަށް މުދާ ނެގޭގޮތަށް، ހިމަނައި، ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލް މަޖިލީހަށް ހުށަހަަޅައި ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު މެންބަރު އަލީ ފަޒާދެވެ.

މި ބިލުގެ ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބިލުގައި ބުނެފައިވަނީ، ޖިނާއީ ބޮޑެތި ކުށް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި، ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދު ކުރުމަށްޓަކައި ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ގާނޫނީ އޮނިގަނޑެއް ތައާރަފު ކުރުން ކަމަށެވެ.

އެގޮތުން ކުށް ކޮށްގެން ހޯދާ މުދާ މި ގާނޫނުގެ ދަށުން ނެގުމުގައި ހާސިލު ކުރަން ބޭނުންވާ ކަންތައްކެއް ވަނީ ފާހަގަ ކޮށްފައެވެ.

އެ ކަންތައްތަކުގެ ތެރޭގައި:

    • ކުށް ސާބިތުވުމުން ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައެޅުން
    • އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުވުމަކާ ނުލައި ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ތައާރަފު ކުރުން
    • ކުށް ކޮށްގެން ހޯދާ މުދަލުން މުއާމަލާތް ކުރުން ނުވަތަ ތަސައްރުފު ކުރުން ހުއްޓުވުމަށްޓަކައި އެ މުދާ ހިފެހެއްޓުމުގެ އުސޫލުތައް ކަނޑައެޅުން
    • ހިފެހެއްޓޭ އަދި ދައުލަތަށް ނެގޭ، ކުށް ކޮށްގެން ހޯދާ މުދާ ބެލެހެއްޓުމާއި އެ މުދަލުން ތަސައްރުފު ކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން
    • ބޭރު ގައުމުތައް މެދުވެރިކޮށް، ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައެޅުން
    • ރާއްޖޭގައިވާ ބޭރު ގައުމުތަކަށް ނިސްބަތްވާ ފަރާތްތަކުން ކުށް ކޮށްގެން ހޯދާފައިވާ މުދާ ހިފެހެއްޓުމާއި، ދައުލަތަށް ނެގުުމުގައި އެ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން

މި ބިލުގައި ބުނެފައި ވަނީ މި ގާނޫނުގައި ބުނާ ކުށެއް މީހެއްގެ މައްޗަށް ސާބިތު ނުވާ ހާލަތުގައިވެސް އެ މުދަލަކީ ކުށް ކޮށްގެން ހޯދާ މުދާ ކަމުގައި މަދަނީ މިންގަނޑުން ސާބިތުކޮށްދެވޭ ނަމަ، އެ މުދާ ބޭނުންކުރުން ނުވަތަ، ބަދަލުކުރުން ނުވަތަ ފޮރުވުން ހުއްޓުވުމަށްޓަކައި، ސިވިލް ރިސްޓްރެއިންޓް އަމުރެއް މެދުވެރިކޮށް އެ މުދާ ހިފެހެއްޓުމުގެ ނުވަތަ ސިވިލް ފޯފީޗާ އަމުރެއްގެ ދަށުން މުދާ ދައުލަތަށް ނެގުމުގެ އިހުތިޔާރު ޕްރޮސިކިއުޓާ ޖެނެރަލް އަށް ލިބިގެންވާ ކަމަށެވެ.

ބިލުގައިވާގޮތުން ބިލުގައި ބުނާ ފޯފީޗާ އަމުރަކީ މީހެއްގެ މައްޗަށް ކުށް ސާބިތުވެގެން ދައުލަތަށް މުދާ ނެގުމަށް ކޯޓުން ކުރާ އަމުރެކެވެ. މިފަދަ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އެދެން ޖެހެނީ ހައިކޯޓުގަ އެވެ. އެފަދަ އަމުރަކާއެކު އެ މުދަލެއްގެ މިލްކުވެރިކަން މުތުލަގު ގޮތެއްގައި ދައުލަތަށް ބަދަލުވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ނަމަވެސް ބިލުގައިވާގޮތުން މިފަދަ އަމުރެއް ނެރެވޭނީ ކުށުގެ ތުހުމަތު ކުރެވޭ ފަރާތް މަރުވާ ހާލަތްތަކުގަ އާއި ކުށުގެ ތުހުމަތު ކުރެވޭ ފަރާތަކީ ފިލައިގެން އުޅޭ ފަރާތެއް ކަމަށްވާ ހާލަތްތަކާއި ކުށުގެ ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށް ދައުވާކުރުން ނާދިރު ވުމުގެ ސަބަބުން އެ ފަރާތުގެ މައްޗަށް ދައުވާ ކުރެވޭނެ ތަނެއް ނެތް ހާލަތްތަކުގަ އެވެ.

ބިލުގައި ވާ ގޮތުން މުދާ ނެގޭނީ މަނީ ލޯންޑަރިން، ޓެރަރިޒަމް، ޓެރައިޒަމަށް ފައިނޭންސް ކުރުން، މީހަކު މެރުން، މަސްތުވާތަކެތި ޓްރެފިކް ކުރުން، މީހުން ޓްރެފިކް ކުރުން، ސެކްޝުއަލް އެކްސްޕޮއިޓޭޝަން، ހަތިޔާރު ޓްރެފިކް ކުރުން، ކައުންޓަފީޓް ކުރުން، އިންސައިޑާ ޓްރޭޑިން އަދި މާކެޓް މެނިޕިއުލޭޝަން، ކޮރަޕްޝަން އަދި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށް ސާބިތުވުމުންނެވެ. އަދި 500،000 ރުފިޔާއިން މަތީގެ ޓެކްސް ނުދައްކާ ކުށްތަކުގައި ވެސް މުދާ ނެގުމުގެ ބާރު ދައުލަތަށް ލިބެ އެވެ.

ހަމައެހެންމެ، ވައްކަން ކުރުމާއި، ފޭރުމާއި، ހިޔާނާތާއި، ވަގަށް ނަގާފައިވާ ތަކެތި ޓްރެފިކްކުރުމާއި، މުދާ ސްމަގަލްކުރުމުގެ ކުށްތަކުގެ ތެރެއިން 100،000 ރުފިޔާ އަށްވުރެ މަތީގެ ފައިސާ ހިމެނޭ ކުށް ކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ވެސް ހިމެނެ އެވެ.

މިއީ ރާއްޖޭގައި އުޅޭ ދިވެހިންނާއި ބޭރު މީހުންނާއި ރާއްޖޭން ބޭރުގައި އުޅޭ ދިވެހިންގެ މައްޗަށް ހިނގާނެ ގާނޫނެކެވެ. އަދި ރާއްޖޭގައިވާ ހުރިހާ މުދަލެއްގެ މައްޗަށާއި ރާއްޖޭން ބޭރުގައިވާ ފަރާތްތަކާއި މުދަލުގެ މައްޗަށް ވެސް ވަކި މިން ވަރަކަށް މި ގާނޫނު ހިނގާނެ އެވެ.