މާލީ ބަޔާން ހުށަހަޅަންޖެހެނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔތިުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
މެންބަރު އިބްރާހީމް ދީދީ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މެންބަރު ވިދާޅުވީ، މި ބިލު ހުށހަޅުމުގެ މަގުސަދުތަކުގެ ތެރޭގައި ހަލާލު ގޮތުގައި ފައިސާ ހޯދަން ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވާލުން ހިމެނޭ ކަމަށެވެ.
ގޮތް ނޭނގޭ ގޮތަށް އެކި ފަރާތްތަކުން ގިނަ އަދަދަކަށް ފައިސާ ގެންގުޅޭކަން ފާހަގަކަ ކުރައްވައި މެންބަރު ވިދާޅުވީ، ގިނަ އަދަދެއްގެ ޒުވާނުން ވެސް އެއްވެސް މަސައްކަތެއް އަދި ވަޒީފާއެއް އަދާނުކޮށް ކުއްލިއަކަށް މުއްސަނދިވާތަން ފެންނަ ކަމަށެވެ. އެއީ ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތެއްގެ މުދާ ނާޖާއިޒު ގޮތެއްގައި ދާންޖެހޭ ސަބަބެއް ކަަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ ރައްޔިތުން އެ މީހަކު ހޯދާ މުދަލަށް ޖަވާބުދާރީ ވާންޖެހޭ ކަމަށާއި، މާލީ ބަޔާން ހުށަހަޅަން ޖެހޭނީ ހަމައެކަނި މަޖިލިސް މެންބަރުން ނޫން ކަމަށްވެސް ވިދާާޅުވިއެވެ.
މެންބަރު ވިދާޅުވީ، ވިޔަފާރިއެއް ނުކޮށް، ލިބޭ މުސާރައާ ނުބައްދަލު އެތައް ގުނައެއްގެ އިތުރު އަދަދުތަކުން ބައެއް ފަރާތްތަކަށް ކުއްލި މުއްސަނދިކަން ލިބިފައިވާކަން ފާހަގަވާ ކަމަށެވެ. އެގޮތަށް ހޯދާ މުދަލަކީ މަސްތުވާތަކެތި ނުވަތަ ގޭންގު ހިންގައިގެން ހޯދާ މުދާތޯ ބަލަން ޖެހޭ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
އެގޮތުން މަޖިލިސް މެންބަރަކަށްވިޔަސް، ވަޒީރަކަށް ވިޔަސް ރައީސުލްޖުމްހޫރިއްޔާ ކަމަށްވިޔަސް، އެފަދަ މައްސަލަތައް ބަލަންޖެހޭ ކަމަށާއި، ނަމަވެސް ދެރަކަމަކީ އެފަދަ ފަރާތްތައް މަގާމުގައި ތިއްބެވިޔަސް އަދި މަގާމުން ދިޔަ ނަމަވެސް އެފަދަ މައްސަލަތައް ބެލިގެން ނުދިއުން ކަމަށްވެސް ވިދާާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް